Roadha Mihaaru
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ

30 މެއި 2018

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން، ސިވިލް ކޯޓުގެ އަމުރަކުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މާލެ އާއި ރަށްރަށުގައި އަދިވެސް ވޯޓުލުން ކުރިއަށް ގެންދާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން، ސިވިލް ކޯޓުގެ އަމުރަކުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މާލެ އާއި ރަށްރަށުގައި އަދިވެސް ވޯޓުލުން ކުރިއަށް ގެންދާ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރައްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 2:00 ގައި ފަށާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ސިވިލް ކޯޓުން ނެރުނު އަމުރަކުން ވަނީ ވޯޓުލުން ހުއްޓާލަން އެމްޑީޕީ އަށް އަމުރުކޮށްފަ އެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެ އަމުރާ އެއްގޮތަށް، ޕްރައިމަރީގެ ވޯޓުލުން ފުލުހުން ހުއްޓުވަން މަސައްކަތް ކޮށް، ބައެއް ޕޯލިން ސްޓޭޝަންތަކުގައި ހުރި ވޯޓު ފޮށިތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މާލޭގައި ހިންގާ އެމްޑީޕީގެ މައި ހަރުގެ އާއި ރަަށްރަށުގެ ބައެއް ޕޯލިން ސްޓޭޝަންތައް ހިމެނެ އެވެ.

އެކަމަކު، އޭގެ ފަހުން އެމްޑީޕީން ވަނީ މާލެ އާއި އެކި ރަށްރަށުގައި އަނެއްކާ ވެސް ވޯޓުލުން ފަށައިފަ އެވެ. އެގޮތުން ގޭގެ އަށް ވޯޓު ފޮށި ހިފައިގެން ގޮސް އެމްޑީޕީގެ މެމްބަރުން ލައްވައި އަންނަނީ ވޯޓުލައްވަމުންނެވެ. އަދި ވޯޓު ފޮށީގެ ބަދަލުގައި ބައެއް މީހުން އަންނަނީ ޕްލާސްޓިކް ކޮތަޅާއި ރުނބާ ފަދަ ތަކެތި ވެސް ބޭނުންކުރަމުންނެވެ.

އެމްޑީޕީން ބުނިގޮތުގައި މިރޭ ދަންވަރު 12 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.

ފުލުހުން ނުކުމެ ވޯޓު ފޮށިތައް ގެންދިޔަ ގަޑީގައި، ދެން ވޯޓުލާނީ އެސްއެމްއެސް ފޮނުވައިގެން ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް އެމްޑީޕީން ފަހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ ޕާޓީން ބުނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ކަރުދާހުގައި ފާހަގަ ޖަހައިގެން ކަމަށެވެ.

"އެ ނޫން އެއްވެސް ބާވަތެއްގެ ނިޒާމަކުން ލާ ވޯޓެއް ނުގުނޭނެ ވާހަކަ ދަންނަވަން،" އެމްޑީޕީން ކުރި ޓުވީޓެއްގައި ވެ އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ އެމަނިކުފާނު ބައިވެރިކޮށްގެން އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.