Roadha Mihaaru
ދަރުމަވަންތަ އާ އިމާރާތް ނިމެންވާއިރަށް ޖަލު ހުސްކުރަނީ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިމެންވާއިރަށް މާލޭ ޖަލު ހުސްކުރަނީ

30 މާޗް 2023

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިންމައި ކިޔެވުން ފަށަންވާއިރަށް މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިންމައި ކިޔެވުން ފަށަންވާއިރަށް މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.

މި އަހަރުގެ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރު، އެ އިމާރާތުގައި ކިޔެވުން ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅާ އިމާރާތުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. ސްކޫލުގެ މަސައްކަތް ނިންމައި ކިޔަވަން ފަށާއިރު ބެލެނެވެރިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ އިމާރާތާ އިންވެގެން ހުރީ ކުށްވެރިން ބައިތިއްބާ ޖަލަކަށްވުމެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ, މާލެ ޖަލު މިހާރު ހުރިތަން ބަދަލު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން މާލެ ޖަލުގައި ތިބި ގައިދީންނާއި ބަންދުކުރާ މީހުން އެހެން ޖަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސްކޫލް ހުޅުވުމުގެ ކުރިން އެކަން ނިންމުމަށް މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭ ޖަލުގައި ތިބި ގައިދީންނާއި އެތަނުގައި ބަންދުކުރާ މީހުން މިވަގުތު ބަދަލު ކުރަނީ ޖާގަ އޮތް ވަރަކުން ހުޅުމާލެ ޖަލަށާއި މާފުށީ ޖަލަށް ކަމަށް ވެސް ޔުސްރީން ވިދާޅުވި އެވެ.

އެ ޖަލުގައި މިވަގުތު ވެސް 100 އަށް ވުރެ ގައިދީން އެބަ ތިއްބެވެ.

ދިރާސީ އަހަރު ފަށާއިރު މާލޭ ޖަލުގައި ގައިދީން ނުތިބޭނެކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީ ވެސް މީގެ ކުރިން ދީފައިވެ އެވެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެ ގޮތަށް 41 ކްލާސްރޫމް ހުންނާނެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީއަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.