Roadha Mihaaru
ދަރުމަވަންތައަށް 3މަސް، ބިއްލޫރި ތެޅޭތީ ބަދަލުކުރަނީ!

ދަރުމަވަންތަ އާ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތެޅި ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ

05 ޑިސެމްބަރ 2023

އަލަށް އިމާރާތްކޮށް މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ ކުދިންނާއި ޓީޗަރުންނަށް ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަލަށް އިމާރާތްކޮށް މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ ކުދިންނާއި ޓީޗަރުންނަށް ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ އެވެ.

މީގެ ތިން މަސްކުރިން ދަރިވަރުން ކިޔަވަން ފެށި ސްކޫލަށް އިއްޔެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދިރާސީ އާ އަހަރު ބޭނުންކުރަން ފެށި އާ ސްކޫލުގެ ދޮރުތަކުގައި ހުރީ ފަސް މިލި މީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށެވެ.

ހައެއްކަ ފޫޓު އުސް އަދި ދެ ފޫޓު ބިއްލޫރި ހުރި ކަމަށާއި މިހާރު ވެސް ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީ ދުވަހަކު ވެސް އަޅުގަނޑު އައިން މި ސްކޫލަށް. ތިރީހަކާ ގާތްކުރާ ވަރަކަށް ޝެޓާ ވެފައި ހުރި ބިއްލޫރިތައް. އެއީ ކަންބޮޑުވުމެއް ބިއްލޫރިގަނޑެއް ވެއްޓިގެން ކުއްޖަކަށް އަނިޔާއެއް ވެދާނެ ކަމެއް ދިމާވުން." މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގައި ހަރުކޮށްފައި ހުރި ބިއްލޫރިތަކެއް ތަޅައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލުގައި ހަރުކޮށްފައި ހުރި ބިއްލޫރިތަކެއް ތަޅައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ފެބްރުއަރީ 4، 2020 ގައި ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތަށް މަސައްކަތް ނުނިމުމުން އެއްބަސްވުން އިތުރުކޮށް، އެ ކުންފުންޏަށް އިތުރު 20 މިލިއަން ރުފިޔާއާ އެކު، 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އޭރު ދީފަ އެވެ.

ދަރުމަވަންތަ ސްކޫލު އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލު އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގައިވާ ގޮތުން، މަސައްކަތް ނިންމާތާ އެއް އަހަރުގެ ތެރޭގައި ތަނެއް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތެއް ކުރަން ޖެހޭނަމަ އެކަން ކުރާނީ އެސްޖޭއިންނެވެ.

މިނިސްޓަރު ވިދާޅުވީ ފިޔަވަހިތަކަށް ބަހާލައިގެން އެ ހުރިހާ ދޮރެއް ބަދަލުކުރާނެ ކަމަށެވެ. އެކަން ކުރަން ޖެހޭނީ ކޮންޓްރެކްޓަރެވެ.

ދެ ވަނަ ކަންބޮޑުވުމަކަށް މިނިސްޓަރު ފާހަގަކުރެއްވީ، ދެ ބްލޮކް ދޭތެރޭގައި ސްލައިޑްކުރާ އެލުމީނިއަމް ދޮރުތައް ބަހައްޓާފައި ހުރުމެވެ. އެކަމަކު، ކުދިން އޭގެ މައްޗަށް އަރައި ވެއްޓިދާނެ ކަމަށާއި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ ހާލަތު މިނިސްޓަރު އަދި އެ މިނިސްޓްރީގެ އިސްވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލުގެ ހާލަތު މިނިސްޓަރު އަދި އެ މިނިސްޓްރީގެ އިސްވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ބްލޮކެއްގެ ގޮތުގައި ކްލާސްރޫމްތައް ހެދުމަށް ފަހު އެ ދެ ތަން ގުޅުވާލާފައިވަނީ ބްރިޖަކުންނެވެ. މީގެ ކުރިން އެންމެންނަށް ވެސް ވިސްނުނީ އެ ބްރިޖަކީ ދަރިވަރުން ހިނގުމަށް ހަދާފައިވާ ތަނެއް ކަމަށެވެ.

އެކަމަކު، ޝަފީއު ވިދާޅުވީ، ވޯކްވޭ ބޭނުންކުރަން ހަމަޖައްސާފައިވަނީ އާޓް މަސައްކަތްތައް ނުވަތަ ގެލެރީއެއް ކަހަލަ ކަމަކަށެވެ. ނަމަވެސް، ގެލެރީއަކަށް ހަމަޖައްސައިފި ނަމަ ހަ ކްލާސްރޫމް ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.

އެއް ފަހަރާ ގިނަ ކުދިން އަދި އެހާ އަވަސް އަވަހަށް އެ ބްރިޖު ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެކަން ވެސް ސްކޫލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރުމަވަންތައިގެ ޓެކްނިކަލް ކުރެހުން ކޮންޓްރެކްޓަރާ ހަވާލުކުރިއިރު ބްރިޖު ހަރުކުރާނެ ގޮތެއް ބުނެފައެއް ނުވެ އެވެ. ބްރިޖު ހަރުކުރާނެ ގޮތް ކަނޑައެޅީ އޭގެ ފަހުންނެވެ.

ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ދަރުމަވަންތައިގެ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ޖެހިގެން އޮތް ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޖަލު އެއްކޮށް ހުސްކޮށް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ހޯމް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށެވެ. އެ ހޯލު ހަވާލުކުރާ ދުވަހު ނޫން އަނެއް ދުވަހު އެ ތަން ސްކޫލާ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.