Roadha Mihaaru

އިނގިރޭސި ޓީޗަރު ރިޓަޔާކޮށް ފެށީ ތަފާތު މަސައްކަތެއް

31 މާޗް 2023

އުމުރުން 55 އަހަރުގައި ވަޒީފާއިން ރިޓަޔާ ކުރިޔަސް، ކަމެއް ނުކޮށް ގޭގައި ހުންނާކަށް ރ. މާކުރަތު، އަލީ ރަޝީދު ބޭނުމެއް ނުވި އެވެ. އަމިއްލައަށް ކުރެވޭނެ ވަރުގެ މަސައްކަތެއް ފަށަން ނިންމި އެވެ. އެ ވިސްނުމުގައި ހުއްޓާ އޭނާއަށް އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ފެނުނީ ބަކަރި ގެންގުޅެން ފެށުމެވެ. އޭނާ މި މަސައްކަތް ފަށައި، މިކަން ކުރަމުން އަންނަތާ މިހާރު ހަ އަހަރު ވަނީ އެވެ.

އިފްރާޒް އަލީ ރ. މާކުރަތުން، އިފްރާޒް އަލީ

އުމުރުން 55 އަހަރުގައި ވަޒީފާއިން ރިޓަޔާ ކުރިޔަސް، ކަމެއް ނުކޮށް ގޭގައި ހުންނާކަށް ރ. މާކުރަތު، އަލީ ރަޝީދު ބޭނުމެއް ނުވި އެވެ. އަމިއްލައަށް ކުރެވޭނެ ވަރުގެ މަސައްކަތެއް ފަށަން ނިންމި އެވެ. އެ ވިސްނުމުގައި ހުއްޓާ އޭނާއަށް އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ފެނުނީ ބަކަރި ގެންގުޅެން ފެށުމެވެ. އޭނާ މި މަސައްކަތް ފަށައި، މިކަން ކުރަމުން އަންނަތާ މިހާރު ހަ އަހަރު ވަނީ އެވެ.

އަލީ ރަޝީދު، 61، އަކީ ކުރިން މި ރަށު ސްކޫލްގެ އިނގިރޭސި ޓީޗަރެވެ. އެ ވަޒީފާއިން ވަކިވީ 27 އަހަރު ސްކޫލަށް ހިދުމަތް ކުރުމަށް ފަހު އެވެ.

"ރިޓަޔާކޮށްފައި ހުރި ހުރުމުގައި އަޅުގަނޑު ހިތަށް އެރީ ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކަށްޓަކައި ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރަން ޖެހެޔޭ. ހިތަށް އަރައިގެން ކުރީގައި ވެސް މި ރަށުގައި މިކަން ކުރާ ބައެއް މީހުންނާ މަޝްވަރާކޮށްގެން މިއީ ކުރަން ރަނގަޅު ކަމެކޭ ބުނީމަ ފެށީ،" އޭނާ ބުންޏެވެ.

މި މަސައްކަތް ފެށީ ރަށުގައި ބަކަރި ގެންގުޅޭ އެހެން ބައެއްގެ އަތުން ފަސް ބަކަރި ގަނެގެންނެވެ. އެ އެއްޗެހި ގެންގުޅެން ރަށުގެ ދެކުނު ފަރާތުގައި ކޮއްޓެއް ހަދައިފައި ހުރެ އެވެ.

"މިހާރު މި ކޮށީގައި އެބައޮތް 30 އެތި [ބަކަރި]،" އޭނާ ބުންޏެވެ.

ބަކަރީގެ އިތުރުން މިހާރު ކޮންމެވެސް ވަރަކަށް ކުކުޅު ވެސް ގެންގުޅެ އެވެ.

އޭނާ ބުނި ގޮތުގައި، މިހާރު މި މަސައްކަތުގައި ހުރި ގޮންޖެހުންތައް ވަރަށް ބޮޑެވެ.

"މި ވަގުތަށް އޮތް އެންމެ ބޮޑު ދައްޗަކީ މި އެއްޗެއްސަށް ދޭނެ ފަރުވާ ނޭންގުން. އަޅުގަނޑު މަޝްވަރާކުރާ ބައެއް ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް ވެސް ރަނގަޅެއް ނުވޭ،" އަލީ ރަޝީދު ބުންޏެވެ.

ރ. މާކުރަތުގައި އަލީ ރަޝީދު ބަކަރި ގެންގުޅޭ ކޮށި.

ރ. މާކުރަތުގައި އަލީ ރަޝީދު ބަކަރި ގެންގުޅޭ ކޮށި.

"އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ވިއްޔާ މި އެއްޗެއްސަކީ ވަރަށް ބޮޑަށް ދޫކޮށްލެވެން ޖެހޭ އެއްޗެއް. އެކަމަކު އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލައަކަށް ވަނީ އަބަދު ވެސް ކޮށީގައި ގެންގުޅެން ޖެހޭތީ. ދޫކޮށްލައިގެން ގަޑިއެއްހާއިރު ވެސް ނުގެންގުޅެވޭ. އެގޮތަށް ދޫކޮށްލީމަ ބައެއް މީހުން ޝަކުވާ ވެސް ކުރޭ، އެމީހުން ރުއްގަސް ކާތީ ކަމަށް."

އެހެންވިޔަސް، ވިއްސާރަ ނުވެހެއްޏާ ކޮންމެ ދުވަހަކު ވެސް ހެނދުނު ބައި ގަޑިއިރަށް މި ބަކަރިތައް ދޫކޮށްލަ އެވެ. އެއީ އެ އެެއްޗެއްސަށް ކާންދޭ ގަޑިއަށެވެ. ބޭރުގައި އުޅެފައި ކާ އެއްޗެހި އަޅާއިރަށް އައިސް، ކޮއްޓަށް ވަންނަ ގޮތަށް އެ އެއްޗެހި ތިބެނީ އެތަނުގަ އެވެ.

އަލީ ރަޝީދު ބުނި ގޮތުގައި، އަހަރެއްގެ މައްޗަށް އޭނާ 7-8 ބަކަރި ވިއްކަ އެވެ. އެންމެ ގިނައިން ގަންނަނީ އަގީގާ ކަތިލާށާއި އުޟްހިޔާ ކަތިލާށެވެ.

"އެކަމަކު އަގީގާ ކަތިލަން ރާއްޖެއިން ބޭރުން 600 އެއްހާ ރުފިޔާ އަށް ބަކަރި ލިބޭތީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ މިހާރު ވިއްކަން. އެކަމަކު އުޟްހިޔާ ކަތިލަން އެ ދުވަސްވަރު ހަމަ ހުރިހާ އެއްޗެއް ވެސް ވިއްކާލެވޭ،" އޭނާ ބުންޏެވެ.

ކުރިން ގިނައިން މާލެއަށް ގެންދިޔަސް، މިހާރު އެންމެ ޑިމާންޑް ބޮޑީ ރަށްރަށުން ކަމަށް އޭނާ ބުންޏެވެ.

އަލީ ރަޝީދު އޭނާގެ ބަކަރި ކޮށި ކައިރީގައި ހުރެގެން "މިހާރު" އަށް އިންޓަވިއު ދެނީ.

އަލީ ރަޝީދު އޭނާގެ ބަކަރި ކޮށި ކައިރީގައި ހުރެގެން "މިހާރު" އަށް އިންޓަވިއު ދެނީ.

"ހަގީގަތުގައި ކަމެއް ނުކޮށް ހުރުމަށް ވުރެ، އަޅުގަނޑުމެން އުމުރުން މައްޗަށް ދާ ބޭފުޅުން މިކަހަލަ ޖިސްނާމީ ގޮތުން ހެލިފެލިވެ އުޅެން ޖެހޭ މަސައްކަތެއްގައި ޝާމިލުވެ އުޅުމަކީ މި އުމުރުގައި ވަރަށް މުހިންމު ކަމެއް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އާމްދަނީގެ ގޮތުން މި މަސައްކަތުން މާ ބޮޑު އެއްޗެއް ނުލިބެ އެވެ. ނަމަވެސް، މިކަމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ހަށިގަނޑަށް ލިބޭ ކަސްރަތެވެ. އެ ވިސްނުމުގައި ކޮށްފި ނަމަ މިއީ ވަރަށް ފައިދާ ހުރި މަސައްކަތެކެވެ.