އެއްފަހަރާ 30 ކުދިންނަށް ކިޔަވައިދިން އައިޝަތު ޝާނީ (ޝާނީ މިސް)ގެ ގިނަ ވަގުތު މިހާރު ހޭދަވަނީ ކްލާހެއްގައި ގާތްގަނޑަކަށް ފަސް ކުދިންނާ އެކުގަ އެވެ. އަހަރުތަކަކަށް ފަހު، ކިޔަވައިދޭން ޖެހޭ ދަރިވަރުންގެ އަދަދު މާބޮޑު ތަނުން މަދުވީ އެވެ. މި ބޮޑު ބަދަލު އައީ މި ނަމްބަރަށް އެކަންޏެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުމަށެވެ.
04 އެޕްރީލް 2023
އެއްފަހަރާ 30 ކުދިންނަށް ކިޔަވައިދިން އައިޝަތު ޝާނީ (ޝާނީ މިސް)ގެ ގިނަ ވަގުތު މިހާރު ހޭދަވަނީ ކްލާހެއްގައި ގާތްގަނޑަކަށް ފަސް ކުދިންނާ އެކުގަ އެވެ. އަހަރުތަކަކަށް ފަހު، ކިޔަވައިދޭން ޖެހޭ ދަރިވަރުންގެ އަދަދު މާބޮޑު ތަނުން މަދުވީ އެވެ. މި ބޮޑު ބަދަލު އައީ މި ނަމްބަރަށް އެކަންޏެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުމަށެވެ.
ކޮވިޑުގެ ބިޔަ ރާޅާ އެކު އުފުލަން ޖެހުނީ ހިތަށް ސިފަކުރެވިފައި ނުވާހާ އުނދަގޫތަކެވެ. އެކި މީހުންނަށް އެކި ގޮތް މެދުވެރިވި އިރު ޝާނީ މިސްގެ ބަދަލުވީ ވިސްނުމެވެ. ކެރިއަރުގައި، އޭނާ ގަބޫލުކުރަމުން އައި ގޮތް ދޫކޮށްލައި އުފަން ރަށް، އދ. މަންދުއަށް ބަދަލުވާން ޖެހުނީ އެވެ.
ފުރަތަމަ ކުޑަ ދުވަސްކޮޅަކަށެވެ. ހާލަތު ބަދަލުވުމުން އެނބުރި މާލެދާ ގޮތަށެވެ. އެކަމަކު އެ ހިޔާލު، އޭނާ މުޅިން ދޫކޮށްލައިފި އެވެ. ޓީޗަރަކަށް އެންމެ ރަނގަޅު ފުރުސަތަކީ ދަރިވަރުން ގިނަ ސްކޫލެއްގައި ކިޔަވައިދިނުން ކަމަކަށް އޭނާއަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ.
ކުދިންގެ އަދަދާއި ވަސީލަތްތައް މަދު ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އޮންނަ ދެރައަކީ ރަނގަޅު ޓީޗަރުންނާ އެކު އެކަށީގެންވާ ތައުލީމެއް ނުލިބުމެވެ.
ޝާނީ މިސް: ކަލާފާން ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ފަހު ރަށަށް ބަަދަލުވާން ޖެހުނީ ކޮވިޑުގައި ދިމާވި ހާލަތާ ހެދި.
"ކިޔަވައިދޭ އިރު އަޅުގަނޑަށް ހުރިހާ ކުދިން ހަމަހަމަވާނެ. އެހެންވީމަ އެކޮޅުގައި ކިޔަވައިދިނުމެކޭ ކުދިން ކިތަންމެ މަދަސް މިކޮޅުގައި ކިޔަވައިދިނުމެކޭ ތަފާތެ އޮވެގެން ނުވާނެއޭ ވިސްނުނީ. ހަގީގަތަށް ބުނާ ނަމަ މިސާލަކަށް ގްރޭޑް 1 ގައި ފަސް ކުދިންނާ އެކު ވަރަށް ހިތްހަމަޖެހިގެން މި ކިޔަވައިދެނީ," ޝާނީ 32، ވިދާޅުވި އެވެ.
މި ރަށަށް ބަދަލުވުމުގެ ކުރިން އޭނާ ކުރިން ކިޔަވައިދިނީ ކަލާފާނު ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކަށެވެ.
އދ. މަންދޫ ސްކޫލްގެ ގޯތިތެރޭގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން.
"ދަރިވަރުން އާ އެއްޗެއް ދަސްކުރާ ކޮންމެ ފަހަރަކު އުފާވޭ. ވަރަށް ކިޔަވައިދޭ ހިތުން މި ކިޔަވައިދެނީ. މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް."
ތައުލީމީ ދާއިރާއަށް ހިތް ދޫވީ ގްރޭޑް 10 އެއް ނިންމައި ވަގުތީ ޓީޗަރަކަށް މަންދޫ ސްކޫލާ ގުޅުނު ހިސާބުންނެވެ. ބޭބެއަކީ ވެސް ޓީޗަރަކަށް ވެފައި، އެ ދާއިރާގެ ކަންކަން ގާތުން ފެނި ޝައުގުވެރިވީ އެވެ.
"ފެށި ހިސާބުން ވެސް ވަރަށް އުފާވެރި ކަމަކަށް ކިޔަވައިދިނުން އަޅުގަނޑަށް ވީ," ޝާނީ ވިދާޅުވި އެވެ.
ޑިގްރީއަށް މާލެ އައި ގޮތަށް ދޭން ބޭނުންވީ މި ދާއިރާ އިން ދެވެން އޮތް އެންމެ ކުރިއަށް ދިއުމަށެވެ. ކަލާފާން ސްކޫލާ ގުޅުނީ 2016 ގަ އެވެ.
"އޭރުގައި ހިތަށް އެރީ ނާންނާނަމޭ ރަށަކަށް. މިތަނުގައި ދެތިން ކުދިންނޭ ތިބޭނީ. އަޅުގަނޑުމެން މިތަނުގައި ގްރޭޑް ހައަކާ ހަމައަށް ކިޔަވައި އިތުރަށް ކުރިއަށް ދެވެން ނެތިގެން ބަދަލުވާން ޖެހުނުއިރު ވެސް އެހާ ރަނގަޅެއް ނޫން ކިޔެވުން. އެހެންވެ ވިސްނިފައި އިނީ އެހާ ރަނގަޅެއް ނުވާނެއޭ މިކޮޅަށް ބަދަލުވެެގެން،" އޭނާ ވިދާޅުވި އެވެ.
މަންދޫ ސްކޫލްގެ ކްލާސް ރޫމެއް. ކުދިން މަދުކަމުން ކިޔަވައިދެނީ މަލްޓި ގްރޭޑްކޮށް.
ތިންސަތޭކަ މީހުން ވެސް ހަމަނުވާ މަންދޫ ދޫކޮށް، ކޮއްކޮމެންގެ ތައުލީމަށްޓަކައި އާއިލާ ވެސް މާލެ ބަދަލުވީ އެވެ. އެކަން ވީ ޝާނީއަށް އެނބުރި ރަށަށް ނުދެވުނު އިތުރު ސަބަބަކަށެވެ. ކައިވެނިކޮށް މާލޭގައި ދިރިއުޅުމެއް ފެށީ އެވެ.
ވަކި ތަރުތީބަކަށް ދިރިއުޅުން ފެތި، 24 ގަޑިއިރުގެ ބިޒީކަމުގައި އުޅެނިކޮށް ކުރިމަތިވި ކޮވިޑާއެކު ޝާނީ ސިފަކުރި ގޮތުގައި "ދިރިއުޅުން ހުއްޓުނީ" އެވެ. ކްލާސްތެރޭގައި ކިޔަވައިދިނުމުގެ ހިތްހަމަޖެހުމުން ގެއްލުނީ އެވެ. ކުދިންނާއި ޓީޗަރުންނާ ދިމާނުވެ އޮންލައިންކޮށް ފިލާވަޅު ނަގައިދިނުން ވީ ވަރަށް ބޮޑު އުނދަގުލަކަށެވެ.
އެ އުނދަގުލުގެ ތެރެއަށް ދެން ވެސް އައީ ހިތާމަވެރި ކަންކަމެވެ. ބައްޕަަ ވަޒީފާ އަދާކުރާ ތަނުން ނޯޕޭއަށް ފޮނުވާލުމާއި މުސާރަތަކަށް ވެސް ކޮވިޑުގެ ލޮޅުން އެރީ އެވެ. އެކަމަކު ކުއްޔަށް އުޅުނު ގޭގެ ވެރިމީހާ ވަރަށް ރަނގަޅެވެ.
"ކުއްޔަށް 25,000ރ. ދެއްކި ތަނުގެ ކުލި ވަރަށް ކުޑަކޮށްދީ 5,000ރ. އަށް ހަދައިދިން. އެވަރުން ހަމަޖެހިގެން އުޅެވުނީސް," ޝާނީ ކިޔައިދިނެވެ.
އެކަމަކު ގޭތެރޭގައި ބަންދުވެ، ހާސްކަމުގައި ތިބުމުން އަރައިގަނެވެން އޭރު އޮތް ގޮތަކީ ރަށަށް ބަދަލުވުމެވެ. ފިރިމީހާ ވެސް އެގޮތް ބޭނުން ވުމުން، ދުވަސްކޮޅަކަށް ވަޒީފާ މި ރަށަށް ހަމަޖައްސައި އާއިލާއާ އެކު ބަދަލުވީ އެވެ.
ޝާނީ މިސް ސްކޫލް ތެރޭގައި: އަމިއްލަ ރަށަށް ހިދުމަތް ކުރެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ވިދާޅުވި.
"މިކޮޅަށް ހަމަ އައިތަނުން އެނގުނީ ބަނޑުބޮޑުކަން. އެހެންވެ މަޑުކުރީ. މާލޭގައި ވިއްޔާ 24 ގަޑިއިރު ކަހަލަ ގޮތަކަށް އުޅެން ޖެހެނީ ސްކޫލްގައި, ކިޔަވައިދިނުމުގެ އެކި ކަންކަމުގެ ތެރޭގައި. މި ޕްރޮފެޝަންގެ ގޮތުން ގެޔަށް އަޔަސް ޓީޗަރުން ޖެހެނީ ކޮންމެވެސް މަސައްކަތެއްގައި އުޅެން،" އޭނާ ވިދާޅުވި އެވެ.
ކުދިން ގިނަ ސްކޫލެއްގައި ކިޔަވައިދިނުން ދޫކޮށްލައި 50 ކުދިން ވެސް ހަމަނުވާ ސްކޫލެއްގައި ކިޔަވައިދޭން ރަށުގައި މަޑުކުރާނީތޯ ނިންމުންވީ އޭނާގެ ކެރިއަރުގައި އުނދަގޫ ހިސާބަކަށެވެ.
ކަލާފާން ސްކޫލުގައި ކިޔަވައިދިން ގޮތާ މި ރަށުގެ ކުދިން މަދުކަމުން ކިޔަވައިދޭ ގޮތް ވަރަށް ބޮޑަށް ތަފާތެވެ. މި ރަށުގައި ދެތިން ގްރޭޑް އެއްކޮށްލައިގެން ވެސް ކިޔަވައިދެ އެވެ.
"މާލޭގައި އެއް ގްރޭޑަކަށް ބައިވަރު ޓީޗަރުން ކިޔަވައިދީ ކޯޑިނޭޝަން ވަރަށް ރަނގަޅުވާނެ. ކޮންމެ މީހަކަށް ވަކި ސަބްޖެކްޓެއް ނަގައިދޭން ޖެހެނީ. މިކޮޅުގައި އަމިއްލައަށް ހުރިހާ އެއްޗަކަށް ރެޑީވާން ޖެހޭނީ," އޭނާ ބުންޏެވެ.
ޝާނީ ސްކޫލް ތެރޭގައި: އެނބުރި މާލެ ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި.
ފެށިއިރު ވަރަށް އުނދަގޫ ކަންކަން ދިމާވި އެވެ. އެކަމަކު އޭނާއަށް ފާހަގަކުރެވުނީ ރަށުގައި ތިބި ކުދިންގެ ތެރޭގައި ވެސް މާލޭ ސްކޫލްތަކެކޭ އެއް ފެންވަރުގެ، އާދަޔާ ޚިލާފަށް މޮޅެތި ކުދިން ވެސް ތިބި ކަމެވެ. އެ ކުދިންނަށް ވެސް ބޭނުންވަނީ ރަނގަޅު ޓީޗަރުންތަކެކެވެ.
އދ. މަންދޫ ސްކޫލަށް ދަރިވަރުންތަކެއް ވަންނަނީ: އާބާދީ މަދު މި ރަށުގެ ސްކޫލުގައި ކިޔަވާ ކުދިންގެ އަދަދު ވެސް މަދު.
އޭނާ މި ދާއިރާ އިން ކިޔެވި ސަބަބު ފެނުނީ މި ރަށުގެ ސްކޫލް ތެރެއިންނެވެ. އެހެންވެ އެނބުރި ދާން ޖެހޭ ސަބަބެއް ނެތެވެ.
ޝާނީ ދަރިފުޅާ އެކު މޫދުގައި: ރަށަށް އެނބުރި ދެވުމަކީ ނަސީބެއްގެ ގޮތުގައި އޭނާ ސިފަކުރޭ.
މާލޭގައި އުޅުމަށް ވުރެން ރަށުގެ ދިރިއުޅުން އެތައް ގޮތަކުން އޭނާއަށް ޚާއްސަ އެވެ. ތޮއްޖެހިފައި އޮތް މާހައުލަކުން ހިމޭން, ހިތްފަސޭހަ, އަރާމު ދިރިއުޅުމެއްގައި ދެ އަހަރުގެ ފިރިހެން ދަރިފުޅާ އެކު ލިބޭ އުފާވެރިކަން މާބޮޑަށް އިހްސާސްވެ އެވެ. ރަށަށް ހިދުމަތް ކުރެވުމަކީ މާ ބޮޑު ހިތްހަމަޖެހުމެކެވެ. ކޮވިޑުގެ ބިޔަ ރާޅުގެ ހިތްދަތިކަން ހަނދާން ނެތުނީ މާ އުފާވެރި މާހައުލަކުންނެވެ.
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ
އިނގިރޭސި ޓީޗަރު ރިޓަޔާކޮށް ފެށީ ތަފާތު މަސައްކަތެއް
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލަ ބަލަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ފަތުހުﷲ: ދަރިވަރުންނާއި ޓީޗަރުންގެ ދިވެހި ޓީޗަރު
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!