Roadha Mihaaru
ސަލްޓަންސްގެ މައްސަލާގައި ދައުލަތަށް އަމުރެއް ނުކުރި

ސަލްޓަންސްގެ ފައިސާ ހަރަދު ކުރުން ހުއްޓުވަން ދައުލަތުގެ މައްޗަށް އަމުރެއް ނުނެރުނު

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސްގެ ހުއްދަ ނެތި ސަލްޓަންސް އޮފް ދަ ސީސް އިން ފައިސާ ހަރަދު ނުކުރަން އަމުރު ނެރުނަސް ދައުލަތުގެ މައްޗަށް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޮންކެޔޮ އެންޓަޕްރައިސަސްގެ ހުއްދަ ނެތި ސަލްޓަންސް އޮފް ދަ ސީސް އިން ފައިސާ ހަރަދު ނުކުރަން އަމުރު ނެރުނަސް ދައުލަތުގެ މައްޗަށް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސަލްޓަންސް ކުންފުނީގައި އޮތް ދޮންކެޔޮ އެންޓަޕްރައިސަސްގެ 50 އިންސައްތަ ހިއްސާ ބާތިލް ކުރި މައްސަލައިގައި ދޮންކެޔޮ އެންޓަޕްރައިސަސް އިން ވަނީ ދައުލަތުގެ މައްޗަށާއި ސަލްޓަންސް ކުންފުނީގެ މައްޗަށް ވަކިވަކިން ދައުވާކޮށްފަ އެވެ. އެ ދެ މައްސަލަ ނިމުމުގެ ކުރިން، ސަލްޓަންސްގެ ފައިސާ ހަރަދު ނުކުރުމަށާއި ބޯޑް ރިޒޮލިއުޝަން ފާސް ނުކުރަން އަމުރުކޮށް ދޭން އެ ދެ މައްސަލައިގައި އެދުނެވެ.

އޭގެ ތެރެއިން ސަލްޓަންސްގެ މައްޗަށް ދޮންކެޔޮ އެންޓަޕްރައިސަސް އިން ދައުވާކުރާ މައްސަލައިގައި މި މަހުގެ 11 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިމުމުގެ ކުރިން، ދެންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސް އިން އެއްވެސް ފައިސާއެއް ހަރަދު ނުކުރުމަށާއި ބޯޑް ރިޒޮލިއުޝަންތައް ފާސް ނުކުރުމަށް އަމުރުކޮށްފަ އެވެ.

އެކަމަކު، އެ މައްސަލައިގައި ދައުލަތުގެ މައްޗަށް ކުރާ ދައުވާގައި މި މަހުގެ 12 ވަނަ ދުވަހު ކޯޓުން ނިންމީ ދައުލަތުގެ މައްޗަށް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ ސަލްޓަންސްގެ އަމަލެއް ހުއްޓުވަން ސަލްޓަންސްގެ މައްޗަށް އަމުރު ނެރުމުގެ ބަދަލުގައި ދައުލަތުގެ މައްޗަށް އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތުމުން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންކަން އެ މައްސަލައިގައި ފުރިހަމަ ނުވާތީ އެ ފަދަ އަމުރެއް ދައުލަތުގެ މައްޗަށް ނެރެދެވެން ނެތީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ސަލްޓަންސް ކުންފުނީގައި އޮތް ދޮންކެޔޮ އެންޓަޕްރައިސަސްގެ 50 އިންސައްތަ ހިއްސާ ބާތިލް ކުރީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހިއްސާ ބަދަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. ސަލްޓަންސް ކުންފުނީގެ ހިއްސާދާރަކަށް ނޭނގި ހިއްސާ ބަދަލުކުރި ކަމަށް ބުނެ އޭނާ ޝަކުވާ ހުށަހެޅުމުން އިކޮނޮމިކް މިނިސްޓްރީން ވަނީ އެކަން ފުލުހުންނަށް ފޮނުވައިފަ އެވެ.

ފުލުހުން އެކަން ބެލުމަށް ފަހު އަންގާފައި ވަނީ ހިއްސާ ބަދަލުކުރި ކަމުގެ ލިޔުންތަކަކީ ސައްހަ ނޫން އެއްޗެއް ކަމަށް އެނގިފައިވާ ކަމަށެވެ.