Roadha Mihaaru
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އިސްގާޒީގެ މައްސަލައެއް ޖޭއެސްސީ އާއި އޭސީސީއަށް ހުށަހަޅައިފި

01 ސެޕްޓެމްބަރ 2024

ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް އެ ތަނުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް އެ ތަނުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ އާންމު އުސޫލު އޮންނަ ގޮތުން ގާޒީއެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ނަމަވެސް، އެކަން މީޑިއާ އަށް އާންމެއް ނުކުރެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރިޔަމް ވަހީދުގެ މައްސަލައެއް ޖޭއެސްސީ އަދި އޭސީސީއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

މަރިޔަމް ވަހީދާ ގުޅޭ ގޮތުން ހުށަހަޅާފައިވަނީ މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިސްގާޒީ އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރާ ޝަކުވާއެކެވެ. އެކަމަށް ބާރު ލިބޭ ހެކިތައް ވެސް ޖޭއެސްސީ އަށް ހުށަހަޅާފައިވެ އެވެ.

މައްސަލާގައި ބުނެފައިވަނީ ސިވިލް ކޯޓު މިހާރު ވެފައި އޮތީ މަގާމުގެ ނާޖައިޒު ފައިދާ ނަގައި ތަނުގެ ވެރިން އެންޑޯޒް ކުރާ މުވައްޒަފުން މަގާމުތަކަށް ނަގާ ތަނަކަށް ކަމަށެވެ. ކޯޓަށް އަލަށް ނަގާފައިވާ މުވައްޒަފުންނަކީ ވެރިން ނޮމިނޭޓް ކޮށްގެން ނަގާފައިވާ މުވައްޒަފުން ކަން ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

"..މިއީ ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭ އަދި މިކަންކަން ނިމުމަކަށް ގެނައުމަށް ބޭނުންވެ އެކަމަކު މިކަން ހުއްޓުމަށް މަސައްކަތް ކުރާނެ ހިތްވަރެއް ނެތި ދާއިމަށް މި ކޯޓުގައި ހިނގަމުން އަންނަ ސަގާފީ ކަމަކަށް ވަނީ ވެފައި،" ޝަކުވާގައި ވެ އެވެ.

ނުފޫޒުން މުވައްޒަފުން ނަގާއިރު އެ މުވައްޒަފުންނަށް ފަސޭހަވާ ގޮތަށް ރިޓަން އެގްޒޭމް ތައްޔާރުކުރުމާއި އަދި ވެރިން ޕްރެޒެންޓޭޝަން ހަދައި ދިނުން ފަދަ ކަންކަން އާންމުވެފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ. އިސްގާޒީއާ މަރިޔަމް ވަހީދާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ތުހުމަތު ކޮށްފައިވަނީ އެ ތަނުގެ ކޯޓު އޮފިސަރަކަށް ލީގަލް އޮފިސަރެއްގެ މަގާމު ދިނުމަށް އިންޓަވިއުގެ ތެރެއިން ހެދި ޕްރެޒެންޓޭޝަނެއް އިސްގާޒީގެ ލޮގިން ބޭނުންކޮށްގެން ހަދާފައިވުމެވެ.

"ޕްރެޒެންޓޭޝަން ތައްޔާރު ކޮށްދީފައިވަނީ އިސްގާޒީ ނަމަ އެއީ ގާޒީގެ ސުލޫކީ މިންގަނޑާ ހިލާފުވެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ. އަދި ޕްރެޒެންޓޭޝަން ތައްޔާރު ކޮށްފައިވަނީ އިސް ގާޒީގެ ލޮގިން ބޭނުން ކޮށްގެން މުވައްޒަފަކު ނަމަ، ކޯޓުގެ އިދާރީ މުވައްޒަފަކަށް ގާޒީގެ ލޮގިން ދިނުމަކީ ވެސް ސުލޫކީ މިންގަނޑުން ބޭރު ކަމެކެވެ." މައްސަލާގައި ބުނެފައިވެ އެވެ.

ނަން ސިއްރުކޮށް މުވައްޒަފުންތަކެއް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ޝަކުވާތައް ހުށަހެޅުމާ އެކު ވަޒީފާގެ ބިރު އޮންނާނެ ކަމަށާއި ނަމަވެސް އެ ބިރު އެއްފަރާތްކޮށް އިންސާފަށް ފެށި ދަތުރުގައި ރައްކާތެރިކަން ބޭނުންވާ ކަމަށެވެ.