Roadha Mihaaru
އެސްޓީއޯއިން ކާށި ބާޒާރަށް، ކިލޯއެއް 12ރ.އަށް

އެސްޓީއޯއިން ކާށި ވިއްކަން ފަށައިފި، ކިލޯއެއް 12ރ. އަށް

01 އެޕްރީލް 2023

ކާށީގެ އަގު އުފުލުމާ ގުޅިގެން އިންޑިއާއިން ކާށި ގެނެސްގެން ވަރަށް އަގު ހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކާށީގެ އަގު އުފުލުމާ ގުޅިގެން އިންޑިއާއިން ކާށި ގެނެސްގެން ވަރަށް އަގު ހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ކާށި ވިއްކަނީ ކިލޯއެއް 12ރ. އަށެވެ.

ބާޒާރުގައި އާންމު ގޮތެއްގައި ކާށި ވިއްކަނީ ކިލޯއިން ކިރުމުގެ ބަދަލުގައި ވަކި ވަކިންނެވެ. ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 15ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އެސްޓީއޯއިން ކާށި ގެެނެސް ވިއްކަން ފެށި އިރު ރޯދައާ ދިމާކޮށް، އެހެން ބައެއް ބާވަތްތަކުގެ އަގު ވެސް އިންތިހާއަށް އުފުލޭތީ، އަގު ކޮންޓްރޯލު ކުރުމުގެ ގޮތުން އެތަކެތި އަންނަނީ ފޯރުކޮށްދެމުންނެވެ. ރޯދައަށް ހާއްސަކޮށް، ކާށީގެ އިތުރުން ލުނބޯ، ބިސް، ފިޔާ އަދި އަލުވި ވެސް އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.

ރާއްޖޭގެ ރުއްތަކުން ކާށި އެކަށީގެންވާ އަދަދަކަށް ނުލިބޭތީ، އިންޑިއާއިން ކާށި ގެންނަން ފެށިތާ މިހާރު ދެ ތިން މަސްވެއްޖެ އެވެ. އެހެން ނަމަވެސް، އަގަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ކުރިން ބާޒާރުން ކާއްޓެއް ލިބެން ހުންނަނީ ފަސް ރުފިޔާ އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން ކާށި ބަސްތާއެއް ލިބެން ހުރީ 250ރ. އާއި 300ރ. އާ ދެމެދުގެ އަގަކަށެވެ. އެކަމަކު މިހާރު ކާށި ބަސްތާއެއް ލިބެނީ 1،600ރ. އަށެވެ.

ކާއްޓަކީ ރާއްޖެއިން އެންމެ ފަސޭހައިން ލިބޭ ބާވަތް ނަމަވެސް، މިހާރު ރަށްރަށުން ކާށި ހޯދަން ވަރަށް އުނދަގޫ ކަމަށް ވިޔަފާރިވެރިން ބުންޏެވެ. އެންމެ ގިނައިން ލޯކަލް މާރުކޭޓަށް ކާށި ގެންނަނީ ހއ. ކެލަ އާއި އއ. ތޮއްޑު އާއި ކ. ކާށިދޫންނެވެ. އަދި ލ. އަތޮޅާއި އައްޑޫގެ ބައެއް ރަށްރަށުން ވެސް ކާށި ވިއްކަން މާރުކޭޓަށް ގެނެ އެވެ.