Roadha Mihaaru

ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ އިން 24 ބާވަތެއް ގެންނަނީ، އަންނަ ހަފުތާގައި ސްޓޮކް އަންނާނެ

އަންނަ މަހު ފަށާ ރޯދަމަހަށް ހާއްސަކޮށް، ބާޒާރުގައި ލިބޭ ތަކެތީގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ހަތަރު ކެޓަގަރީއަކުން 24 ބާވަތް އެތެރެކުރުމަށް ނިންމައިފި އެވެ.

ރޯދައަށް އެސްޓީއޯއިން 24 ބާވަތެއް ގެންނަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

06 ފެބުރުއަރީ 2025

އަންނަ މަހު ފަށާ ރޯދަމަހަށް ހާއްސަކޮށް، ބާޒާރުގައި ލިބޭ ތަކެތީގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ހަތަރު ކެޓަގަރީއަކުން 24 ބާވަތް އެތެރެކުރުމަށް ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ރޯދަމަހު ދަތިތަކެއް ނެތި މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަސާސީ ކާބޯތަކެއްޗާއި ތަރުކާރީ އާއި މޭވާ އާއި ޕްރޮސެސްޑް ކާނާ އާއި ކެއްކުމަށް ބޭނުންވާ ތަކެތި ވެސް އެތެރެ ކުރާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ބިހާއި އަަލުވި، ފިޔާ، ކާއްޓާއި ކަދުރުގެ ބާވަތްތައް ވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި ބާޒާރަށް ނެރުމަށް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް އެތެރެ ކުރާ ބާވަތްތައް:

1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ

3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު

4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

އެސްޓީއޯ އިން ބުނިގޮތުގައި، ބާޒާރުގައި އަގު މައްޗަށް ދާނެ ކަމަށް ފާހަގަކުރެވޭ ތަކެއްޗަށް ރޯދަމަހު އިސްކަންދޭނެ އެވެ. އަސާސީ މުދަލެއްގެ އަގު އެކަށީގެން ނުވާ މިންވަރަކަށް މައްޗަށްދާ ނަމަ އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ބޭނުމަކީ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ، މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށެވެ.

ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅުމަށް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ އަދަދަށް މުދާ އިމްޕޯޓްކޮށް، އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.