Roadha Mihaaru
މާލެ ތާރު މަގުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް

މާލެ ތާރު މަގުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި

03 އެޕްރީލް 2023

މާލެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި އެވެ. ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ހެދީ މެރީ ބްރައުން ކުރިމަތީގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޕާކިން ޖާގަތަކެއް ހަދައިފި އެވެ. ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ހެދީ މެރީ ބްރައުން ކުރިމަތީގަ އެވެ.

މި ޕާކިން ޒޯންތައް ހެދީ އެ މަގުގައި އިންދައިފައި ހުރި ކަދުރު ރުއްތަކުގެ ދެމެދުން ޕޭވްމަންޓް މަތީގަ އެވެ. ކަދުރު ރުއްތަކުގެ ދެ ފަރާތުގައި ހަ ސައިކަލް ޕާކު ކުރެވޭ ގޮތަށް ޕާކިން ލައިން ވެސް މިހާރު ހުރީ ކުރަހައިފަ އެވެ.

މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ އެތަނުގައި ސައިކަލް ޕާކިން ހެދީ ހިނގާނެ ޖާގަ ބާއްވާފައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އެތަނުގައި ޕޭވްމަންޓެއް ނުވެސް އޮންނާނެ ކަމަށެވެ. އެތަނަށް އޮތީ ބާވެފައި ހުރި ވެހިކަލްތައް އަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަން ސާފުކޮށްފައި ވެހިކަލްތައް ނަގައި، ގާ އަތުރައިފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެތަނުގައި ޕޭވްމަންޓެއް ނެތްއިރު ވެސް މީހުން ނުހިނގިގެން އުޅުނު ކަމަކަށް ނުވޭ."

ޕޭވްމަންޓް މަތީގައި ޕާކިން ޖާގަ ހެދީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.

އެތަނުގައި ޕާކުކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.

މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މެރީ ބްރައުންގެ ކުރިމަތީގައި ހަދާފައިވާ ސައިކަލް ޕާކިން ޒޯން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ޕާކު ނުކުރެވޭނެ ކަމަށް ކުރިން އޮންނަނީ އަންގައިފަ އެވެ. އެހެން ވިޔަސް، އެ މަގުގެ އެކި ހިސާބުތަކުގައި ވެހިކަލް ޕާކުކުރާ މައްސަލަ ބޮޑެވެ.

މާލޭގައި ކޮންޓްރޯލެއް ނެތި ވެހިކަލް ގިނަވަމުން ދާތީ، ޕާކު ކުރާނެ ޖާގަ ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެކި ތަންތަނުގައި ޕާކިން ޒޯންތައް ހެދިޔަސް، ޖާގަ އޮންނަނީ ކުޑަވެފަ އެވެ.