Roadha Mihaaru
އަޖޭގެ "ބޯލާ" އަށް ވުރެ "ދަސާރާ" ކާމިޔާބު

އަޖޭގެ "ބޯލާ" އަށް ވުރެ "ދަސާރާ" ކާމިޔާބު

04 އެޕްރީލް 2023

މިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަނީ، އަޖޭ ދޭވްގަންގެ ފިލްމު "ބޯލާ" އާއި ދެކުނު އިންޑިއާގެ ތަރި ނާނީގެ އާ ފިލްމު "ދަސާރާ" ގެ ވާހަކަ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަނީ، އަޖޭ ދޭވްގަންގެ ފިލްމު "ބޯލާ" އާއި ދެކުނު އިންޑިއާގެ ތަރި ނާނީގެ އާ ފިލްމު "ދަސާރާ" ގެ ވާހަކަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި އެ ދެ ފިލްމަށް ވެސް ބޮކްސްއޮފީހުގައި އަންނަނީ ތަރުހީބު ލިބެމުންނެވެ. މި ދެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، "ދަސާރާ" ޕްރިމިއާ ކުރި ފުރަތަމަ ހަފްތާ ބަންދުގައި ލިބުނު ޖުމްލަ އާމްދަނީ 6.4 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އެވެ.

އިންޑިއާގެ ފިލްމު ޑައިރެކްޓަރު ސްރިކާންތު އޮޑޭލާ އަލަށް ޑައިރެކްޓުކުރި އެ ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް 4.6 މިލިއަން ޑޮލަރު ލިބިފައި ވާއިރު، އިންޑިއާގެ ފިލްމު ޓްރޭޑް އެނަލިސްޓް، ރަމޭޝް ބާލާ ބުނީ އެ ފިލްމަކީ ބޮލީވުޑް ބްލޮކްބަސްޓާއެއް ކަމަށެވެ.

ނާނީގެ އިިތުރުން ކީރްތީ ސުރޭޝް ވެސް އުޅޭ އެ ފިލްމުގެ ރިވިއުތައް ވަރަށް ވެސް ފުރިހަމަ އެވެ.

އެކަމަކު، ހަތަރު ވަނައަށް އަޖޭ ޑައިރެކްޓުކުރި، "ބޯލާ" އަށް ތަރުހީބު ލިބުނަސް، ފިލްމު ކަމުނުދާ މީހުން ވެސް މަދެއްނޫނެވެ.

އަޖޭގެ އެ ފިލްމު ޕްރިމިއާކުރި ފުރަތަމަ ދެ ދުވަސް ތެރޭ ލިބިފައި ވަނީ 2.2 މިލިއަން ޑޮލަރެވެ.

އިންޑިއާގެ ފިލްމު ޓްރޭޑް އެނަލިސްޓު ޓަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނީ ކުރިމަގުގައި އަޅުވާ ޝޯތަކުން އެދެވޭ ނަތީޖާއެއް އެ ފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެ ފިލްމުގައި އަޖޭއާއެކު ތާބޫ އާއި ދީޕަކް ދޮބްރިއާލް އާއި ވިނީތް ކުމާރް އާއި ސަންޖޭ މިޝްރާ އަދި ގަޖްރަޖް ރާއޯ މުހިންމު ރޯލުތަކުން ފެނެ އެވެ. "ބޯލާ" އަކީ 2019 ވަނަ އަހަރު ނިކުތް ތަމަޅަ ހިޓު ފިލްމު "ކައިތީ" ގެ ރަސްމީ ހިންދީ ރިމޭކެވެ.