Roadha Mihaaru
އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ

އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ

14 ޖުލައި 2023

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމް/ޕީއެންސީން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމް/ޕީއެންސީން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިރޭ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ ރެލީގައި އަދުރޭ ވިދާޅުވީ އެ ޕާޓީގެ މެންބަރުން މާޔޫސްވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން އެ ވާހަކަ އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަން ދެމި އޮންނާނީ އެގޮތަށް ކަމަށެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމަށް ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލެއްވި އެވެ.

އޭނާ ވަނީ މާޔޫސްނުވެ، މި ސަރުކާރުގެ ގޯސްތައް ބުނެދީ ޔާމީން ވެރިކަމަށް ގެނައުމަށް ކެރިގެން ނުކުތުމަށް ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެގޮތުން، މި ސަރުކާރުގެ ވައްކަންތަކާއި ކޮރަޕްޝަންތަކުގެ ވާހަކަ ހުއްޓުވުމެއް ނެތި ދައްކަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ ޔާމީން، ޕީޕީއެމް މަގުމަތި ނުކުރާނެ ކަމަށާއި އެ ޕާޓީން ފަހަތަށް އަރާނެ އެހެން ޕާޓީއެއް ނެތް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ބަލިކުރާނެ ފޯމިއުލާ ޕީޕީއެމްގައި އެބަ އޮތް ކަމަށާއި އެގޮތުގެ މަތިން މި ސަރުކާރު އިންތިހާބުގައި ބޮޑު ތަނުން ބަލި ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރެލީގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕީޕީއެމް

ޕީޕީއެމްގެ ރެލީގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕީޕީއެމް

އަދުރޭ އާއި އާދަމް ޝަރީފް މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕާޓީ، "ދަ ޑިމޮކްރެޓްސް"އާ އެކު ޕީޕީއެމް ގެންދިޔައީ މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް، ނަޝީދުގެ "އޯޝަން ޑެއިލީ" ނޫހުގައި ޖެހި ހަބަރަކާ ގުޅިގެން އެކަން ނުހިނގާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެ ނޫހުގައި ޖެހީ، ނެރެންވީ ޔާމީން އަދި ނަޝީދު ނޫން ކަމާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށެވެ.

އެ ވާހަކަ ނަޝީދު ވެސް ވަނީ ދައްކަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެމަނިކުފާނާއި ޔާމީން އިންތިހާބުގައި ވާދަނުކޮށް، މި ސަރުކާރުން ބަލިކުރުމަށް، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

އޭގެފަހުން ޔާމީން އަންގަވައިގެން ޕީޕީއެމް އިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި، ގާސިމަށް މީގެކުރިން ޕީޕީއެމްގެ އިސްބޭފުޅުން އަމާޒު ކުރެއްވި ބޮޑެތި ތުހުމަތުތައް ވެސް، އެއީ މާޒީ ކަމަށް ވިދާޅުވެ ވަނީ އަނބުރާ ގެންދަވައިފަ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އަދުރޭ މިރޭ ވެސް ވިދާޅުވި ނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެ ޖަލުގައި ހުރުމުގެ ސަބަބުން މި ވަގުތަށް އެމަނިކުފާނުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ. އެމަނިކުފާނަށް އަންނަ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވީ ހައި ކޯޓުން ސަލާމަތްވެއްޖެނަމަ އެވެ. އެ މައްސަލާގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔަ ނަމަވެސް، އިންތިހާބަށް ފުރުސަތު އޮއްވައި ނިމޭނެ ކަމަކަށް ނުބެލެވެ އެވެ.