Roadha Mihaaru
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި

ގާސިމަށް ޕީޕީއެމުން ކުރިން ކުރި ބޮޑެތި ތުހުމަތުތައް ދިފާއުކޮށްފި

12 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށާއި އަނިޔާ ދިނުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވާ ކަމަށް ޕީޕީއެމްގެ ލީޑަޝިޕުން މީގެ ކުރިން ކުރި ހުރިހާ ތުހުމަތެއް މިއަދު އެ ޕާޓީން ދިފާއުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށާއި އަނިޔާ ދިނުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވާ ކަމަށް ޕީޕީއެމްގެ ލީޑަޝިޕުން މީގެ ކުރިން ކުރި ހުރިހާ ތުހުމަތެއް މިއަދު އެ ޕާޓީން ދިފާއުކޮށްފި އެވެ.

ޕީޕީއެމް ހިންގުމާ މިހާރު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވަނީ ގާސިމަށް ވަރަށް ބޮޑެތި ތުހުމަތުތަކަކާ އެކު ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރި އެވެ.

ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ގޮތް ހަދަން އެތައް މަސައްކަތްތަކެއް ޖޭޕީން ކުރާ ކަމާއި ގާސިމަށް ވެރިކަމަށް ވަޑައިގެންނެވޭނީ ޔާމީން ޖަލަށް ލުމަށްފަހު ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވާހަކަ ދައްކަވާފައިވެ އެވެ.

ނަމަވެސް، ސިޔާސީ މަސްރަހު ބަދަލުވެ އިއްޔެ ޕީޕީއެމްގެ ލީޑަޝިޕުން ވަނީ ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފަ އެވެ. ރިޔާސީ އިންތިހާބަށް ކައިރިވެފައިވަނިކޮށް، އެ ބައްދަލުވުން ބޭއްވީ ޔާމީން އަންގަވައިގެންނެވެ.

މި ބައްދަލުވުމަށް ފަހު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން، ޕީޕީއެމްގެ ލީޑަޝިޕުން ބުނީ ކުރީގެ ތުހުމަތުތަކަކީ "މާޒީ" ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޭރުގެ ސިޔާސީ މަސްރަހާއި މިހާރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ގާސިމަކީ މިހާރު ރިޔާސީ ކެންޑިޑޭޓެއް ކަމުން، މިހާރު ވާހަކަ ދައްކަމުން ދަނީ އެ ހާލަތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޖޭޕީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ސަރުކާރު ބަދަލު ކުރަން ކަމަށް.-.. ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޖޭޕީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ސަރުކާރު ބަދަލު ކުރަން ކަމަށް.-.. ފޮޓޯ: ނިޝާން އަލީ | މިހާރު

"އެއީ ޖުލައި 7، 2022 މިއަދު މިއީ ޖުލައި 12، 2023 އެހެންވީމަ އެއް އަހަރު ދުވަސް ވެގެން ދިޔައީރު ބަދަލުތަކެއް ހުންނާނެ. ބަދަލަކީ އެންމެ ފުރަތަމަ ތި ވިދާޅުވި އަޅުގަނޑުމެން އިއްޔެ (ގާސިމް އިބްރާހިމް) އާ ބައްދަލު ކޮށްފިއޭ. އެއީ ބަދަލެއް. ކުރިން ތި ވިދާޅުވި ދުވަސްވަރު އަޅުގަނޑުމެން ގާސިމްއަކާ ބައްދަލެއް ނުކުރައްވަން. މިހާރު އެއީ ރިޔާސީ ކެންޑިޑޭޓެއް، އޭރު އެއީ ރިޔާސީ ކެންޑިޑޭޓެއް ނޫން. އެހެން ނޫންތޯ، ބަދަލެއް އެބަ އާދޭ ނޫންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު އޭރު ވެސް ދެންނެވި ވާހަކަ އަކީ މި ސަރުކާރު ގެންނަން މަސައްކަތް ކުރި އެންމެން ބައިވެރިވެގެންނެނޭ ޔާމީނަށް އަނިޔާ ކުރައްވަމުން ގެންދަވަނީ. ގާސިމް ވެސް މިހާރު ވިދާޅުވެފައި ވަނީ ޔާމީނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް. ނަޝީދު އެބަ ވިދާޅުވޭ ޔާމީން ޖަލުގައި އޮންނާކަށް ނުޖެހޭނޭ. ކާނަލް ނާޒިމް އެބަ ވިދާޅުވޭ ޔާމީނާ ނުލާ ބާއްވާ އިންތިހާބެއް ސައްހައެއް ނުވާނޭ."

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ގެންނަން އުޅުނު ކޯލިޝަން ވެސް މިހާރު ރޫޅިފައިވާ ކަމަށާއި ކޯލިޝަން ހެދި ލީޑަރުން ވެސް ގަބޫލު ކުރަނީ އިންސާފު ނުލިބޭނެ ކަމަށް ކަމަށެވެ.

"އެ ކޯލިޝަންގައި ތިބި ބޭފުޅުން މިއަދު ވަކިން ނިކުމެ އެ ވިދާޅުވަނީ ޔާމީނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް. އެހެންވީމަ އެބަ އެނގޭތާ ތަފާތެއް އައިއްސިކަން،" އޭނާ ވިދާޅުވި އެވެ.

ގާސިމްއާ އެކު ބައްދަލުވުމެއް އިއްޔެ ބޭއްވީ ރިޔާސީ އިންތިހާބަށް މަޝްވަރާ ކުރަންތޯ އާއި އެއީ ކޮން ބޭނުމަކު ބޭއްވި ބައްދަލުވުމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދުކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ އިތުރު އެހެން ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑު މި ދަންނަނަވީ، އަޅުގަނޑުމެންނާ ބަޔަކާ ކޯލިޝަން ހަދާ ވާހަކައެއް އަދި އަޅުގަނޑުމެންނެއް ނުދައްކަމޭ، ފުރަތަމަ ބުރަކުއެއް. އެކަމު ގައުމީ މައްސަލަތަކުގަ ވާހަކަ ދައްކަމޭ. ގައުމީ މައްސަލައަކަށް މިވަގުތު ދިވެހި ގައުމަށް ކުރިމަތި ވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ އިބްރާހިމް މުހައްމަދު ސޯލިހު މި ގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަން، އެ މަޝްވަރާތައް އަޅުގަނޑުމެން މި ކުރަނީ."

އަބްދުއްރަހީމް އެހެން ވިދާޅުވެފައި ވާއިރު ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، ގާސިމް އިއްޔެ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކަކީ އެ ދެ ޕާޓީން ބުނާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރަން ކުރާ މަސައްކަތެކެވެ.