Roadha Mihaaru
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ

ބިދޭސީން މަސައްކަތް ކުރި މާރުކޭޓުގެ ނުވަ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފި

15 މާޗް 2024

ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާތީ ނުވަ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާތީ ނުވަ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު، އާމިނަތު ޝަތުފާ މިއަދު ވިދާޅުވީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީންނަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެއާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކަށް އިންޒާރު ދީ، ޖޫރިމަނާކޮށްފައިވާ ކަމަށް ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮޅީގެ ވެރިފަރާތް ފުރަތަމަ ފަހަރަށް 2000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ދެ ވަނަ ފަހަރު އެކަން ތަކުރާރުކޮށްފިނަމަ، 4،000ރ. އިން ޖޫރިމަނާކޮށް، ރަތް ނޯޓިސް ދޭނެ ކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ފަހަރަށް ޖޫރިމަނާކޮށްގެން ވެސް ބިދޭސީން ލައްވައި މަސައްކަތްކުރުވާނަމަ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން، އެ ގޮޅި އަތުލުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެ އެވެ.

އެކަމާ ދެކޮޅަށް މަސައްކަތްކުރުވާތީ މީގެ ކުރިން ވެސް އެފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

މާރުކޭޓު ގޮޅިތަކުގައި ވިޔަފާރިކުރަން ދިވެހިންނަށް ދިނަސް، އެ ތަންތަން ހިންގަނީ ބިދޭސީންނާ ގުޅިގެންނެވެ. އެގޮތުން، ބައެއް ގޮޅިތަކުގައި ދިވެހިންނާއެކު ބިދޭސީން މަސައްކަތްކުރާއިރު، އަނެއް ބައި ގޮޅިތައް ހިންގަން ބިދޭސީންނަށް ކުއްޔަށް ދީފައި ވެސް ހުރެ އެވެ.