Roadha Mihaaru
މާރުކޭޓު ހުޅުވޭނެ ދުވަހެއް ނޭނގޭ: ސިޓީ ކައުންސިލް

މާރުކޭޓު ހުޅުވޭނެ ދުވަހެއް ނޭނގޭ: ސިޓީ ކައުންސިލް

04 ޑިސެމްބަރ 2019

އެއް މަސް ދުވަހުގެތެރޭގައި ހުޅުވާނެ ކަމަށް ބުނެ ބަންދުކުރި ދަތުރުވެރިންގެ މާރުކޭޓު ހުޅުވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެއް މަސް ދުވަހުގެތެރޭގައި ހުޅުވާނެ ކަމަށް ބުނެ ބަންދުކުރި ދަތުރުވެރިންގެ މާރުކޭޓު ހުޅުވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރުން މާލޭ ސިޓި ކައުންސިލްގެ މެމްބަރުންނާ ތަކުރާރުކޮށް މިއަދު ސުވާލު ކުރުމުން ވެސް ކައުންސިލް މެމްބަރުންގެ ފަރާތުން ދެއްވީ އެއް ޖަވާބެކެވެ. އެއީ ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުން މާރުކޭޓު ހުޅުވޭނެ ދުވަހެއް އެ ކައުންސިލަށް ނޭނގޭ ކަމަށެވެ.

ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު ވިދާޅުވީ ކައުންސިލުން އެކުލަވާލި އުސޫލަށް ބަދަލު ގެނެސް މާރުކޭޓުގައި ހަދާނެ ގޮޅިތަކުގެ އަދަދު ކަނޑައަޅަން ތިން މަސް ދުވަސް ބޭކާރުވެއްޖެ ކަމަށެވެ. އަދި މިހާރު ގެންނަން އުޅޭ ބަދަލުތަކާ އެކު ކައިރި މުސްތަގުބަލެއްގައި އެތަން ނިންމާ ހުޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހިޔެއް ނުވޭ އެއްވެސް ކައުންސިލަރަކަށް ހުޅުވޭނެ ދުވަހަކާ ގުޅެގޮތުން ސާފު ޖަވާބެއް ދެވޭނެހެން. މިހާރު މިދެކެވެނީ ތިން ބުރީގެ މާރުކޭޓެއް ހުޅުވާ ވާހަކަ. ހަދަންޏާ ހަމަސް ހަތްމަސް ނަގާނެ ހަމަ ގައިމު ވެސް. މި ހުރިހާ ކަމެއްވެސް މިވަނީ އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަ ކަމެއް ނެތީމަ،" ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލަރުންގެ ވާހަކަތަކުން އެނގުނު ގޮތުގައި މިހާރު އަންނަނީ މާރުކޭޓުގެ ޑިޒައިން ބަދަލުކޮށް އެތަން ތިން ބުރީގެ އިމާރާތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ ވަގުތީތަނަކަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބައެއް ކައުންސިލް މެމްބަރުން ބުނެ އެވެ.

ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު: މާރުކޭޓު އަވަހަކަށް ނުހުޅުވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު: މާރުކޭޓު އަވަހަކަށް ނުހުޅުވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލް މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ އެ ބޭފުޅުންގެ ކޮމިޓީން ހެދި ޕްލޭނަކީ ރަނގަޅު ޕްލޭނެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވާއިރު އެތަނަށް އިތުރު ބަދަލުތައް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ. ގޮޅިތައް އިތުރު ކުރަން ބޭނުންވާ ނަމަ އެކަންވެސް ފަސޭހަ ކަމާއެކު ކުރެވޭ ގޮތް އެ ޕްލޭނުގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ މޭޔަރު ޝިފާ މުހައްމަދު ގެންގުޅުއްވާ ޕްލޭނަކީ ހިޔާލީ ޕްލޭނެއް ކަމަށާއި އެއަށް ފަންޑު ހޯދައި އެތަން ނިންމަން ގިނަ ދުވަސްތައް ނަގާނެ ކަމަށެވެ. އަދި ރަނގަޅު ގޮތަކީ ކައުންސިލްގެ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ގޮޅިތައް ހަދައި ވީހާ ވެސް އަވަހަށް ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެގެންގުޅެނީ ހިޔާލީ ކުރެހުމެއް. މިހާރުވެސް ކުރީ ޕްލޭނާ އެއްގޮތަށް ކަންތައް ކޮށްފިއްޔާ މާރުކޭޓު އޮންނާނީ ނިމިފައި. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް އެތަން ހުޅުވަން. މިކަމުގައި ހުރިހާ އެއްބާރުލުމެއް އަޅުގަނޑުގެ ފަަރާތުން ލިބޭނެ،" ފަޒީން ވިދާޅުވި އެވެ.

މާރުކޭޓުގެ ގޮޅިތަކާ ގުޅިގެން ކައުންސިލަރުންގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. މި ދެބަސްވުންތަކާހުރެ މާރުކޭޓު ހުޅުވުން ގަސްދުގައި ލަސްކުރަނީ ކަމަށް ބެލެވޭ ކަމަށް ކައުންސިލް މެމްބަރު ނިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ މެމްބަރުންގެ ނިންމުމަށް މޭޔަރު އަމަލު ނުކުރައްވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމަށް މޭޔަރު ވަޑައިނުގަންނަވަ އެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާރުކޭޓު ހުޅުވޭނެ ސީދާ ދުވަހެއް ބުނަން ނޭނގުނު ނަމަވެސް ގޮޅިތައް ލިބޭ މީހުން ހޮވާ ނިމޭއިރަށް އެތަން ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހު ހަމަވާއިރު މީހުން ހޮވުމުގެ ކަންތައް ކުރިއަށްދާނީ އޭގެ ފަހުންނެވެ.