Roadha Mihaaru
އިޒްރޭލް ސިފައިންގެ އަމަލު ރާއްޖޭން ކުށްވެރިކޮށްފި

އިޒްރޭލް ސިފައިން އަގްސާ މިސްކިތަށް ވަދެ ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

05 އެޕްރީލް 2023

މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިޒްރޭލުގެ ސިފައިން ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުން ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިޒްރޭލުގެ ސިފައިން ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުން ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށާއި މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ސުލްހަވެރި ހައްލެއް ލިބެން އޮތީ 1967 ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެންކަން ކަމަށެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ސަރުކާރުން ތާއީދު ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގައި ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީންގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގައި ރާއްޖޭން ދެމި ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.