Roadha Mihaaru
ބެންޒެމާގެ ހެޓްރިކުން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް

ބާސެލޯނާގެ ދަނޑުގައި ބެންޒެމާގެ ހެޓްރިކަކާ އެކު ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް

06 އެޕްރީލް 2023

ބާސެލޯނާ (އޭޕްރީލް 6) - ބާސެލޯނާގެ ދަނޑުގައި އެޓީމް 4-0 އިން ބަލިކޮށް، 4-1 ގެ އެގްރިގޭޓަކުން ސެމީ ފައިނަލް ކާމިޔާބު ކޮށްގެން ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޭޕްރީލް 6) - ބާސެލޯނާގެ ދަނޑުގައި އެޓީމް 4-0 އިން ބަލިކޮށް، 4-1 ގެ އެގްރިގޭޓަކުން ސެމީ ފައިނަލް ކާމިޔާބު ކޮށްގެން ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގު ބާސެލޯނާ އިން ރެއާލްގެ ދަނޑުގައި އެންމެ ލަނޑަކުން ކާމިޔާބު ކުރި ނަމަވެސް، ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ވަނީ މި މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އޭނާ ވަނީ މީގެ ދެ ރޭ ކުރިން ސްޕެނިޝް ލީގުގައި ކުޅުނު މެޗުގައި ހަތް މިނިޓު ތެރޭ ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ.

ފުރަތަމަ ލެގުގައި ބާސެލޯނާ މޮޅު ވިއަސް ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ޓީމުގެ ކުޅުމާ މެދު ހިތްހަމަ ނުޖެހޭކަން ހާމަ ކޮށްފަ އެވެ.

ރެއާލް އިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ރޮބާޓް ލެވަންޑޯސްކީގެ ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ހުއްޓުވައި އަވަސް ކައުންޓާ އެއްގައި ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ މި ލަނޑު ޖެހީ ބެންޒެމާގެ ވެސް އެހީއާ އެކު އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ބެންޒެމާ އޭނާގެ ފުރަތަމަ ލަނޑު ޖެހީ ލޫކާ މޮޑްރިކްގެ ޕާހަކުންނެވެ. އަދި އޭގެ އަށް މިނިޓް ފަހުން އޭނާގެ ދެވަނަ ލަނޑު ޖެހީ ވިނީޝިއަސް ހޯދައިދިން ޕެނަލްޓީއަކުންނެވެ. މިއީ ފްރޭންކް ކޭސީ އަށް ހެގުނު ގޯހަކުން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބު ކުރުމާ އެކު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ކޭސީގެ ބަދަލުގައި އަންސޫ ފާޓީ ކުޅެން ނެރެފަ އެވެ.

ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 80 ވަނަ މިނިޓުގައި ވިނީޝިއަސް ދިން ބޯޅައެއް، ކީޕަރު މާކް އަންޑްރޭ ޓާ ސްޓެގަން ކުރިއަށް އަރާ ހުރި ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ރެއާލް ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެޓީމު ފައިނަލަށް ދަތުރު ކުރީ 2-1 ގެ އެގްރިގޭޓަކުން އެތުލެޓިކް ބިލްބާއޯ އާ ވާދަކުރި ސެމީ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.

ފުރަތަމަ ލެގު އޮސަސޫނާ 1-0 އިން ކާމިޔާބު ކުރި އިރު، ދެވަނަ ލެގު މެޗު ވަނީ އިތުރު ވަގުތު ކުޅެގެން އެއްވަރު ކޮށްފަ އެވެ. ދެވަނަ ލެގު މެޗުގެ ފުރަތަމަ ހާފުގައި ބިލްބާއޯ އިން ލަނޑެއް ޖަހައި ހުރި ހޯދި އެވެ. އޮސަސޫނާ ފައިނަލަށް ގެންގޮސްދިން ލަނޑު އިތުރު ވަގުތުގެ ކުޅުން ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޕަބްލޯ އިބްނީޒް އެވެ.

މި ސީޒަން ގައި ރެއާލް އާއި ބާސެލޯނާ ވަނީ ފަސް ފަހަރު ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ރެއާލަށް ދެ މެޗު ކާމިޔާބު ވެފައި ވާއިރު ބާސެލޯނާ ތިން މެޗު ކާމިޔާބު ކުރި އެވެ.

ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރީ ފައިނަލް ގައި ރެއާލް ބަލި ކޮށްފަ އެވެ. ލީގުގައި ވެސް މިދިޔަ މަހު ރެއާލް ބަލިކޮށް ބާސެލޯނާ މިވަގުތު ލީގު އެއްވަނައިގައި އޮތީ 12 ޕޮއިންޓްގެ ލީޑެއްގަ އެވެ. ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅެން ތައްޔާރުވަުން އަންނަ އިރު ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުން ވެސް ކަޓައިފަ އެވެ.

ރެއާލް ވަނީ މި ސީޒަން ގައި ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.