Roadha Mihaaru
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ރެއާލް އެއްވަރު

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ރެއާލް އެއްވަރު

07 ފެބުރުއަރީ 2019

ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ވާދަވެރި ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ވާދަވެރި ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މިއީ ކުރިއަށް އޮތް 25 ދުވަހުގެ ތެރޭގައި މި ދެ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. ކަޕްގެ ދެ މެޗުގެ އިތުރުން ސްޕެނިޝް ލީގުގައި ވެސް މި ދެ ޓީމު ބައްދަލުކުރާނެ އެވެ.

ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ރެއާލުން ވަނީ ބާސެލޯނާ ސިއްސުވާލުމަށް ފަހު ލީޑުނަގައިފަ އެވެ. ކަރިމް ބެންޒެމާ ހުސްކޮށްލާފައި ދިން ބޯޅައަކުން މި ލަނޑު ޖެހީ ޒުވާން ކުޅުންތެރިއާ ލޫކަސް ވަޒްކޭޒް އެވެ. ލީޑުފުޅާކުރަން ރެއާލުގެ އުމުރުން 18 އަހަރުގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ އަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

ލިއޮނަލް މެސީ ނުލައި ރޭގެ މެޗު ފެށި ބާސެލޯނާ އިން ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އިވާން ރަކިޓިޗް އެވެ. ލިބުނު ހިލޭ ޖެހުމަކުން މެލްކޮމް ނަގައިދިން ހުރަހަކުން ރަކިޓިޗް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ އިތުރުން މި ހާފުގައި ލުއިސް ސުއަރޭޒާއި ފިލިއްޕޭ ކުޓީނިއޯ އަތުން ވެސް ފުރުސަތުތަކެއް ގެއްލުނެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެލްކޮމް އެވެ. ބާސެލޯނާ އިން ވަނީ އޭގެ ފަހުން މެސީ ކުޅެން އަރުވައިފަ އެވެ. ބާސެލޯނާ އަށް ލީޑުނަގައިދޭން މެސީ ވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެންމެ ފަހު ވަގުތު ހެދުނު ގޯސްތަކެއްގެ ސަބަބުން ފުރުސަތު ގެއްލުނީ އެވެ.

ބާސެލޯނާގެ ފުލްބެކް ސެމޭޑޯ (ވ) ކައިރިން ރެއާލުގެ ވިނީޝިއަސް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ ފުލްބެކް ސެމޭޑޯ (ވ) ކައިރިން ރެއާލުގެ ވިނީޝިއަސް ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ރެއާލް މޮޅުކޮށްދޭން ޓޮނީ ކްރޫސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަރެތު ބޭލް އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ކުޅުންތެރިން ހުއްޓުވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ރޭގެ މެޗުގައި ތަފާތު ފޯމެއްގައި ހުރި ޖެރާޑް ޕީކޭ އެވެ.

ރެއާލްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މި މެޗުގެ ފުރަތަމަ އެގާރައިގައި މެސީ ބޭނުންނުކުރީ ރިސްކެއް ނުނަގަން ވެގެން ކަމަށާއި އޭނާގެ ފިޓްނަސް ލެވެލް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. މި މެޗުގެ ނަތީޖާ އިންސާފުވެރި ކަމަށާއި ބޭނުންވަނީ ދެ ވަނަ ލެގުން މޮޅުވެ ފައިނަލުގައި ކުޅުމަށް ކަމަށް ބުންޏެވެ.

ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ މި ސީޒަނުގައި ބާސެލޯނާ ދަނޑުގައި ތަފާތު ބޮޑުކޮށް ބަލިވެފައިވުމުން އެކަން ހަނދާނުން ފޮހެލަން މިއީ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި މި މެޗުގައި ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. ހާއްސަކޮށް އޭނާ ވަނީ ވިނީޝިއަސް ދެއްކި ކުޅުން ފާހަގަކޮށްފަ އެވެ.