Roadha Mihaaru
ގާތްގާތުގައި ދެ ކްލަސިކޯ ކުޅެން އުނދަގޫ: ވަލްވޭޑޭ

ގާތްގާތުގައި ދެ ކްލަސިކޯ ކުޅެން އުނދަގޫ: ވަލްވޭޑޭ

27 ފެބުރުއަރީ 2019

މެޑްރިޑް (ފެބްރުއަރީ 27) - ރެއާލް މެޑްރިޑާ ދެކޮޅަށް ގާތްގާތުގައި ދެ މެޗު ކުޅެން ވަރަށް އުނދަގޫ ކަމަށާއި އެކަމަކު ކޮންމެ ހާލަތަަކަށް ވެސް ޓީމު އޮންނާނީ ތައްޔާރަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ފެބްރުއަރީ 27) - ރެއާލް މެޑްރިޑާ ދެކޮޅަށް ގާތްގާތުގައި ދެ މެޗު ކުޅެން ވަރަށް އުނދަގޫ ކަމަށާއި އެކަމަކު ކޮންމެ ހާލަތަަކަށް ވެސް ޓީމު އޮންނާނީ ތައްޔާރަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރެއާލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ބާސެލޯނާ މިރޭ ކުޅޭއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި ރެއާލާ ދެކޮޅަށް އަނެއްކާ ކުޅޭނެ އެވެ.

ސްޕެނިޝް ކަޕްގެ ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި 1-1 އިން އެއްވަރުވިއިރު، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ. ވަލްވޭޑޭ ބުނީ ފުރަތަމަ ވިސްނާނީ އަބަދުވެސް ކުރިއަށް އޮތް މެޗަށް ކަމަށާއި ދިމާވާ އެހެން ކަންތައްތަކާ ކުރިމަތިލާނީ އެ އަށް ފަހު ކަމަށެވެ.

"ވަރުގަދަ ދެ މެޗެއް. ދެ ކްލަސިކޯ އެއް ހަފްތާ ތެރޭގައި އަމުދުން ހަތަރު ދުވަސް ތެރޭގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އާދައިގެ މެޗުތަކެއްގެ ވާހަކައެއް ނޫން މި ދެކެވެނީ. އެކަމަކު މިއީ ވެސް ކުރިމަތިލާން ޖެހިފައި އޮތް ކަމެއް. އަހަރެމެންގެ ވިސްނުމަކީ ދެ މެޗާ މެދު ވިސްނާ ގޮތް ތަފާތު ކުރުމެއް ނޫން. އަބަދުވެސް ފުރަތަމަ އޮތް މެޗަށް ތައްޔާރުވުން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭ ބުނީ ދެ މެޗު ވެސް ރެއާލް ދަނޑުގައި ކުޅެން ޖެހުމަކީ އޭނާ މާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށެވެ.

"ރެއާލް ދަނޑުގައި ކުޅެން ޖެހުމުން އަހަރެން މާ ބޮޑަށް އެކަމަށް ނުވިސްނަން. އެއީ ރެއާލް ދަނޑަކީ މީގެ ކުރިން ބާސެލޯނާ އިން ނަތީޖާ ނެރެފައިވާ ދަނޑެއް. އަނެއްކޮޅުން މިއީ ސެމީ ފައިނަލެއް. މީގެ ނަތީޖާ އެނބުރޭނީ އެ ދުވަހެއްގައި ރަނގަޅަށް މަސައްކަތްކުރާ ޓީމެއް ކޮޅަށް،" ވަލްވޭޑޭ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ވަލްވޭޑޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލިއޮނަލް މެސީ ރަނގަޅު ފޯމެއްގައި ހުރުމުގެ އިތުރުން އެ ޓީމުގެ ފަހަތަށް ކުޅޭ ސެމިއުލް އުމްޓީޓީ ވެސް އަނިޔާއިން އެއްކޮށް ރަނގަޅުވުމެވެ.

ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ މިރޭގެ މެޗަށް ނުކުންނައިރު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެއް ކަމަކީ މި މެޗަށް ނުކުންނައިރު ބާސެލޯނާ އަށް ތައްޔާރުވާން އިތުރަށް އެއް ދުވަސް ލިބުމެވެ. ލީގުގައި މި ހަފްތާގައި ބާސެލޯނާ ކުޅުނީ ހޮނިހިރު ދުވަހު ސެވިއްޔާއާ ދެކޮޅަށެވެ. އާދިއްތަ ދުވަހު ރެއާލް ކުޅުނީ ލެވަންޓޭއާ އެވެ.

"އަހަރެން ނެތިން ޝެޑިއުލާ މެދު އިތުރު ވާހަކަތަކެއް ދައްކަން. އަހަރެމެން ކުރަން ޖެހޭނެ ކަމަކީ ކުރިން މެޗުތަކުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ތަކުރާރުކުރަންވީ. އަމިއްލަ ދަނޑުގައި އަހަރެމެންނަށް ނަތީޖާ ނެރެވޭނެ. ފުރަތަމަ ލެގު ނިމުނީ ވެސް އަހަރެމެންނަށް ރަނގަޅުކޮށް. އަވޭ ގޯލެއް ވެސް އެބައޮތް،" ސޮލާރީ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ވޭލްސްގެ ވިންގް ގަރެތު ބޭލް ހުރީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ހިތްހަމަނުޖެހިފަ އެވެ. އެންމެ ފަހުން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ބޭލް އުފާފާޅުނުކުރީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ. އެކަމަކު ސޮލާރީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ބޭލްއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް. ކޮންމެ ކްލަބެއްގަިއ ވެސް ކަންތައްތަކެއް ދިމާވާނެ. ޗޭންޖިން ރޫމުގައި ހިނގާފާނެ ކަންތައްތަކެއް ވެސް. އެކަމަކު އެ ހުރިހާ ކަމަކީ މީޑިއާ އަށް އެނގޭނެ ކަންކަމެއް ނޫން،" ސޮލާރީ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު ރެއާލުގެ ސަންޓިއާގޯ ބާނަބައުގަ އެވެ. ކިޔުންތެރިންގެ ނަޒަރުގައި މިރޭގެ މެޗުން މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟