Roadha Mihaaru
ހުވަދޫގައި އާރުޓީއެލް ފަށާ ފުރަތަމަ ފެރީ ބަނދެފި

ހުވަދު އަތޮޅުގައި އާރުޓީއެލް ފަށާ ޖާގަ ތަނަވަސް ފުރަތަމަ ފެރީ ބަނދެފި

06 އެޕްރީލް 2023

ހުވަދު އަތޮޅުގައި ބޭނުން ކުރާ އާރުޓީއެލްގެ ފުރަތަމަ ފެރީ ބަނދެ ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުވަދު އަތޮޅުގައި ބޭނުން ކުރާ އާރުޓީއެލްގެ ފުރަތަމަ ފެރީ ބަނދެ ނިންމައިފި އެވެ.

އެމްޓީސީސީން އިއްޔެ ވަނީ ގއ އަދި ގދ ގައި ފެރީ ހިދުމަތް ދޭން ބޭނުން ކުރާ މި ފެރީގެ ސްޕީޑް ދައްކާލައިފަ އެވެ. އަލްޝާލީ މެރިން އިން ބަނދެފައިވާ މިފެރީގައި އެއްފަހަރާ 50 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

މިއީ މީގެ ކުރިން އެމްޓީސީސީން ފެރީ ހިދުމަތަށް ބޭނުން ކުރި ލޯންޗު ތަކަށް ވުރެ ޖާގަ ތަނަވަސް، ބޮޑެތި ލޯންޗެކެވެ.

ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް މި އަހަރުގެ މެދު ތެރޭގައި ފަށާނީ މި ސައިޒުގެ ހަ ލޯންޗު ފެރީއާ އެކު އެވެ. އެ ފެރީތަކުގައި ވީލްޗެއާ އާއި ސްޓްރެޗާ ބެހެއްޓޭނެ ޖާގަ ވެސް ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުން އެ އަތޮޅާއި ފުވައްމުލަކާއި އައްޑުއާ ވެސް ގުޅާލާނެ ކަމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ، ހދ، ށ، ޅ އަތޮޅު ފެރީން ގުޅާލައިފަ އެވެ.

އެމްޓީސީސީން އަންނަނީ އިތުރު އަތޮޅުތަކުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް ވެސް ބަންނަމުންނެވެ.