Roadha Mihaaru
ގޮނޑުދޮށް ހިމާޔަތްކުރުމަށް ބިލިއަން ރުފިޔާގެ މަޝްރޫއެއް

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަނީ

06 އެޕްރީލް 2023

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، "ބިލްޑިން ކުލައިމެޓް ރެސިލިއަންޓް އެންޑް ސޭފާ އައިލެންޑްސް އިން ދި މޯލްޑިވްސް" ކިޔާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާ ގުޅިގެން، ގްރީން ކުލައިމެޓް ފަންޑުގެ އެހީގަ އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބެވެ.

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނި ގޮތުގައި، މިއީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔާތްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، މޫސުމީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހިންގާ މަޝްރޫއެކެވެ. އަދި މިއީ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުންނާއި ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތަކާއި ލޭންޑް ޔޫސް މޮނީޓާ ކުރާނެ ނިޒާމެއް ހެދުމަށް ހިންގޭ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައިސީޒެޑްއެމް) އާއި ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރި ގޮތް ދެނެގަތުމަށް އިންވެންޓްރީ ސްޓަޑީއަކާއި ރިސްކް އެސެސްމަންޓެއް ވެސް ތައްޔާރުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަށްރަށަކީ؛

• ލ. މާމެންދޫ

• ލ. ފޮނަދޫ

• ލ. ގަން

• ލ. އިސްދޫ

• ސ. ފޭދޫ

މި ރަށްރަށުގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ވަސީލަތްތައް ބަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މިނިސްޓްރީން ބުނީ މި މަޝްރޫއަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރާއި ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އާއި ވަސީލަތްތައް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ފައިސާއިން ބަލާ ނަމަ އެއް ބިލިއަން ރުފިޔާ އެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުން މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް އަދި ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގޭ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު ހަވާލުކުރީ ހަ އަހަރު ދުވަހުގެ މުއްދަތަކަށެވެ.