Roadha Mihaaru
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!

ސްކޫލް ނިންމާފައި މަހަށް، އެކަމަކު މިހާރު އެހެން ދިމާއަކަށް!

21 އެޕްރީލް 2023

ޓޫރިޒަމެއް ނެތެވެ؛ އޭގެ އެއްވެސް ކުލަވަރެއް ކުރިމަގުގައި ވެސް ފެންނާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ. އެއީ ފ. ފީއައްޔަށް އޮތް އެންމެ ބޮޑު ހާސްކަމެވެ. މަސްވެރިކަން ގެއްލި، މުޅި ރަށުގެ އުފެއްދުންތެރިކަން ގެއްލެނީ އެވެ!

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު އަދި ފ. ފީއަލިން

ޓޫރިޒަމެއް ނެތެވެ؛ އޭގެ އެއްވެސް ކުލަވަރެއް ކުރިމަގުގައި ވެސް ފެންނާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ. އެއީ ފ. ފީއައްޔަށް އޮތް އެންމެ ބޮޑު ހާސްކަމެވެ. މަސްވެރިކަން ގެއްލި، މުޅި ރަށުގެ އުފެއްދުންތެރިކަން ގެއްލެނީ އެވެ!

މީގެ އަހަރުތަކެއް ކުރި އެވެ؛ މިރަށު އެންމެންހެން ވެސް ގަބޫލުކޮށްގެން ތިބީ ރަށަށް ދިރުން ގެނުވާނީ މަސްވެރިކަމުން ކަމެވެ.

ފީއަލީގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"މި ރަށުގައި މީގެ ވަރަށް މަދު އަހަރުތަކެއް ކުރިން މަސްވެރިކަމުގައި މުޅިންހެން އުޅޭނީ ޒުވާނުން،" މި ރަށު ކައުންސިލްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

"ސްކޫލް ހަމަ ނިންމާ ގޮތަށް މި ރަށުގައި ދާނީ މަހަށް. އެހެން އެ ވަނީ ދެން ކުރާނެ އިތުރު ކަމެއް ވެސް ނޯންނާނެތީ. މަސްވެރިކަމަކީ މި ރަށުގައި އޭރު ވަރަށް ބޮޑު ޓްރެންޑެއް."

ޒުވާން މަސްވެރިޔާ ތޯއިފްގެ ތަޖުރިބާ

މީގެ ފަސް އަހަރު ކުރިން އަހުމަދު ތޯއިފްގެ އުމުރަކީ އެންމެ 17 އަހަރެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ މި ރަށު ސްކޫލް ނިންމުމަށް ފަހު 18 އަހަރު ވަންދެން އޭނާ އުޅުނީ ރިސޯޓެއްގަ އެވެ.

"ހައެއްކަ މަސް ވަންދެން ރިސޯޓެއްގައި އުޅެފައި ދެން ބަދަލުވީ ރަށަށް. އައިސް މަހަށް ދާން ފެށީ،" މިހާރު މީހަކާ ވެސް އިނދެގެން ދިރިއުޅުމެއް ފަށައިފައިވާ ޒުވާން މަސްވެރިޔާ ބުންޏެވެ.

ފީއަލީގައި ބަހައްޓާފައި ހުރި އައިސް ޕްލާންޓުން ދޯންޏަކަށް އައިސް ފޯރުކޮށްދެނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގައި ބަހައްޓާފައި ހުރި އައިސް ޕްލާންޓުން ދޯންޏަކަށް އައިސް ފޯރުކޮށްދެނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"އޭގެ ފަހުން ފަސް އަހަރު މިވީ މެދު ނުކެނޑި ކަންނެލީގެ މަސްވެރިކަމަށް ދާތާ."

އެކަމަކު ތޯއިފާ އެކު މަސްވެރިކަމަށް ނުކުތް އެތައް ޒުވާނުންނެއް މަސްވެރިކަމާ އަލްވަދާއު ކިޔައިފި އެވެ. އޭގެ އެއް ސަބަބަކީ، ތޯއިފް ބުނި ގޮތުގައި މަސްވެރިކަމުގެ ކުރިމަގެއް ނުފެނުމާއި ރަށުގައި ފަސޭހަ ވަޒީފާތަކެއް އުފެދުމެވެ.

"ފެނަކަ އާއި އައިސްޕްލާންޓްގައި ވެސް ވަޒީފާތައް އުފެދިއްޖެ،" އޭނާ ބުންޏެވެ. "ވެދާނެ އަހަރެން ވެސް މިކަމުގައި ދެމިހުރީ އަހަރެމެންގެ އަމިއްލަ ދޯންޏެއްގައި އުޅެން ޖެހޭތީ ކަމަށް."

ފީއަލީގެ މަގަކުން ކުޑަކުއްޖަކު ހިނގާފައި ދަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަގަކުން ކުޑަކުއްޖަކު ހިނގާފައި ދަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

އޭނާ ބުނާ ގޮތުން މަސްވެރިކަމަކީ ކެތްތެރިކަމާ އެކު އުޅެން ޖެހޭ ދާއިރާއެކެވެ.

"ބައެއް މަސްމަހު އެއްޗެއް ނުލިބި ވެސް ހިނގައިދާނެ. އަނެއްކޮޅުން ލިބޭ މަސްމަހު ހަމަ ވަރަށް ގިނައިން ވެސް ލިބިދާނެ."

އޭނާ އަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 25،000ރ. އާއި 30،000ރ. ވަރު މަސްވެރިކަމުން ލިބެ އެވެ. އޭނާ ބުނާ ގޮތުން އެންމެ މަދުން ލިބޭ މަސްމަހު ވެސް މަހަކު 10،000ރ. ލިބޭނެ އެވެ.

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"އަނެއްކާ އަމިއްލަ ދޯނި ވީމަ އިތުރު ކަމެއް ބޭނުން ވެއްޖިއްޔާ ބޭންކަށް ބަރޯސާ ވާކަށް ނުޖެހޭ. އެތަނުން ލޯނެއް ނަގައިގެން އެ ނުދެއްކިގެން އުޅޭކަށް ނުޖެހޭ. ދޯނިން އެބައި ހަމަޖައްސައިދޭނެ،" އޭނާ ބުންޏެވެ.

ފީއަލީގެ މުސްތަގުބަލަކީ ކޮބާ؟

އާބާދީގައި ގާތްގަނޑަކަށް 800 ވަރު ހިމެނޭ މި ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ. ރަށުން ފެންނަނީ ތަރައްގީ އާ ވަރަށް ދުރު މަންޒަރުތަކެކެވެ. ހާއްސަކޮށް އުމުރާނީ ތަރައްގީގައި މި ރަށް އޮތީ ވަރަށް ފަހަތުގަ އެވެ.

ފީއަލީގެ މަގެއް: ހަރަކާތްތައް ވަރަށް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަގެއް: ހަރަކާތްތައް ވަރަށް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"މި ރަށަށް ވަރަށް ގިނައިން ފައިސާ ވަންނާނެ. އެކަމަކު ނޭނގެ ވާ ގޮތެއް،" ރަށުން ތަރައްގީގެ އެއްވެސް ކުލަވަރެއް ނުފެންނަނީ ކީއްވެންތޯ އެހުމުން މި ރަށު މީހަކު ބުންޏެވެ.

"ވެދާނެ ޒުވާނުން އެ މީހުންނަށް ލިބޭ ފައިސާއިން އުމުރާނީ ތަރައްގީ އަށް ހޭދަނުކުރަނީ ކަމަށް ވެސް."

އެހެން މީހަކު ބުނި ގޮތުގައި މި ރަށަކީ ވަރަށް ޒުވާނުން އުމުރުގައި މީހުންނާ އިންނަ ރަށެކެވެ. ބައެއް ކުދިން ސްކޫލު ހަމަ ނިމުމާ އެކު ކައިވެނި ކުރެ އެވެ. ރަށުގައި ގޯތި ދޭނެ އިތުރު ބިމެއް ނެތުމުން، ފައިސާ ހުއްޓަސް ގެއެއް އެޅޭނެ ގޮތެއް ނެތިފައި ވެސް އެތަކެއް ޒުވާނުން ތިބި ކަމަށް އޭނާ ބުންޏެވެ.

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"ބިމުގެ މައްސަލަ ވަރަށް ބޮޑު. އެއީ އުފެދެމުން އަންނަ ޖީލަށް އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ބުންޏެވެ.

ފ. އަތޮޅުގެ އެހެން ބައެއް ރަށްރަށާ ހިލާފަށް މި ރަށުގައި އިގްތިސާދީ އެހެން ކަމެއް ވެސް ނެތެވެ. ބައެއް ޒުވާނުން މަސްވެރިކަމަށް ނުކުތްއިރު، ވަރަށް މަދު ބަޔަކު ފާނަ އަށް ވެސް ދެ އެވެ.

"ކުރިން ފާނައިގެ މަސްވެރިކަމުގައި ވެސް ވަރަށް ގިނައިން މީހުން އުޅުނު. އެކަމަކު އެކަން ވެސް މަޑުމަޑުން ގޮސް ހިނދެމުން ދަނީ. ދެ ދޯންޏެއްވަރު މިހާރު ފާނަ އަށް ދާނީ."

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މި ރަށުން ލިބުނު ބައެއް މައުލޫމާތުތައް ދައްކާ ގޮތުން ރަށުގައި މީގެ މަދު އަހަރުތަކެއް ކުރިން 12-13 ދޯނި މަސްވެރިކަމުގައި އުޅުނެވެ. އޭރު އެ ހުރިހާ ދޯންޏެއް ދުއްވީ ވެސް މުޅިންހެން ޒުވާނުން ލައިގެންނެވެ.

"އެކަމަކު މިހާރު އޮތީ 5-6 ދޯނި. ކޮންމެ ދޯންޏެއްގައި މިހާރު ވެސް ހައެއްކަ ބިދޭސީން ގެންގުޅޭނެ،" މި ރަށު މީހަކު ބުންޏެވެ.

މި ރަށުގެ މުސްތަގުބަލަކީ ކޮބައިހެއްޔޭ މި ރަށު މީހުން ގާތު އެހުމުން ބައެއް މީހުން ދިނީ މާޔޫސް ޖަވާބެކެވެ.

"މަސްވެރިކަން ވެސް އޮތީ ވަރަށް ނުރައްކާ ހާލަތެއްގައި. ޒުވާނުން ގިނައިން އުޅެނީ ރިސޯޓްގައި. ލިބޭ އާމްދަނީއެއް ރަށަށް ވަންނަނީ ވަރަށް މަދު ފަހަރެއްގައި."