Roadha Mihaaru
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟

އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟

17 ނޮވެމްބަރ 2018

ތާހިރު، އޯގާތެރި ވެރިކަމެކެވެ. ބޭނުންތައް ފުއްދައިދިނުމެވެ. އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބުމެވެ. ފުދުންތެރިކަން އިތުރުވުމެވެ. އިގްތިސޯދު ވަރުގަދަވުމެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ތާހިރު، އޯގާތެރި ވެރިކަމެކެވެ. ބޭނުންތައް ފުއްދައިދިނުމެވެ. އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބުމެވެ. ފުދުންތެރިކަން އިތުރުވުމެވެ. އިގްތިސޯދު ވަރުގަދަވުމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރު މި ފެށެނީ މި ހުރިހާ އުއްމީދުތަކަކާ އެކުގަ އެވެ. ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާއި އަސާސީ ހައްގުތައް ހަނިކުރުމާއި މިނިވަން މުއައްސަސާތަކުގެ ވާގިނައްތާލައި ނިޒާމު ފުނޑާލި ތަން ފެނުނު ވެރިކަން ދިވެހިން ބަދަލުކުރީ އެ ގޮތް ކަމުނުދިޔައިމަ އެވެ. އިންތިޚާބުގައި ސާފު ބަހުން އެ އަޑު އިއްވައި، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުތް ކޯލިޝަނަށް އާނއެކޭ ބުނި ރައްޔިތުން ފެންބޮވައިގެންފައި ތިބީ ހެޔޮ ވެރިކަމަކަށެވެ؛ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިބޫ ހުށަހެޅުއްވި ތަރައްގީގެ އެޖެންޑާ އެ ވެރިކަމުގެ ތެރެއިން ފުރިހަމަކުރުމަށެވެ.

އެއް ކޮޅުގައި އިބޫގެ ވައުދުތަކާ މެދު ދެކޭ ފޮނި ހުވަފެންތަކާއި ކުރާ އިންތިހާ ދަރަޖައިގެ އުއްމީދުތަކެވެ. އަނެއް ކޮޅުގައި 10 އަހަރުވީ މާޒީއެއްގެ ހިތި ތަޖުރިބާތަކާއި މާޔޫސްކަމާއި އެ ކަންކަމާ ގުޅިފައިވާ ސިޔާސީ ލީޑަރުންތަކެކެވެ. މެދުގައި، ކުރިއަށް އޮތް ފަސް އަހަރު ކަން ވާނެ ގޮތަކާ މެދު ވިސްނާ ވިސްނުންތަކެވެ.

އާ ސަރުކާރުގެ ފުރަތަމަ ދުވަސް އެ ފައްޓަނީ ކޮރަޕްޝަނާއި ޖަރީމާތަކާއި ނާއިންސާފުން އެއްކިބާވެފައިވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގެ ފުރުސަތު ލިބިގެންނެވެ. އިބޫ އާއި ކޯލިޝަންގެ ލީޑަރުން ރައްޔިތުންނަށް އެ ގޮތަށް ވައުދުވެވަޑައިގަނެގެންނެވެ. ސުވާލަކީ އެ ކަމަށް ސިޔާސީ އަޒުމް އެބައޮތް ހެއްޔެވެ؟

"މީގައި އުނދަގޫ ކަމަކީ ހުރިހާ ޕާޓީއެއްގެ ޕޮލިޓިކަލް ވިލް އޮންނަން އެބަ ޖެހޭ، އަމިއްލަ އެދުމަށް ވުރެ ބޮޑުކޮށް. ސުވާލަކީ ހުރިހާ ޕާޓީއެއްގެ އަމިއްލަ އެދުން ދުރުކޮށްފައި ރައްޔިތުންގެ މަސްލަހަތަށްޓަކައި މަސައްކަތްކުރެވޭނެ ބާވައޭ ފަސް އަހަރު ވަންދެން؟" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވި އެވެ.

"އެހެން ކުރެވިއްޖެ ކަމަށް ވަންޏާ މި ފުރުސަތަކީ ދިވެހިންނަށް ލިބޭނެ އެންމެ މުހިއްމު ފުރުސަތު، ޑިމޮކްރެސީ ހަރުދަނާކޮށް އިންސާނީ ހައްގުތައް ފުރިހަމަކޮށް މިދިޔަ ފަސް އަހަރު ގެއްލިގެން މިދިޔަ ކަންކަން ފުރިހަމަކުރަން."

"އުސޫލެއްގެ ގޮތުން ރައްޔިތުން ހޮވާ ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ޖެހޭނެ. އެކަމަކު ޑިމޮކްރެސީ މިހާ ނާޒުކު ހާލަތެއްގައި އޮތް ތަނެއްގައި ރައްޔިތުން އިތުރަށް ހިތްވަރެއް ލާން އެބަ ޖެހޭ މިކަން ރަނގަޅު ހިސާބަކަށް ކުރިއަށް ގެންދިޔުމަށްޓަކައި."

"ހިންގުން ރަނގަޅުވާނެ، ވައުދުތައް ފުއްދޭނެ"

ކޯލިޝަންގެ ފަރާތުން ދެނީ އުފާވެރި ޚަބަރުތަކެވެ. ސަރުކާރުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ހެޔޮ ވެރިކަމެއް ކުރާނެ ކަމުގެ ޔަގީންކަމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު މާ ބަދަހިކޮށް، އެކަތިގަނޑެއްހެން މަސައްކަތްކުރާނެއޭ. އަޅުގަނޑުމެން މާ ޑީސެންޓްރަލައިޒްޑްކޮށް މަސައްކަތް ޑެލިގޭޓްކޮށްގެން ކުރާނެއޭ،" ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގައި އުޅޭ ސޯޝަލް އެފެއާޒް ކޮމެޓީގެ ޗެއާމަން އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

"ގަވަނެންސް ޔަގީނުން ވެސް ރަނގަޅުވާނެ. ދެން އޮތީ ފިޒިކަލް މަސައްކަތްތައް. އެއީ ނުވާނެ ކަމެއް ނޫން. އޭގައި އޮތީ، ކޮން ތާކުންތޯ ފައިސާ ހޯދަނީ. ރައީސް ޔާމީންގެ ވެރިކަމުގައި ފައިސާ ހޯދުމުގައި އެއް ގައުމަކަށް ބަރޯސާވުން މައްސަލައަކަށް ވީ. އަޅުގަނޑަށް ހީވަނީ ދުނިޔެ އޮތީ ތައްޔާރަށް ހެން، އަޅުގަނޑުމެން ކުރާ ކަންތައްތަކަށް އެހީތެރިވާން. ގުޑް ގަވަނެންސް އައިސްފިއްޔާ އަޅުގަނޑަށް ހީވަނީ މާ ގިނަ ގައުމުތައް ތިބޭނެހެން ކަންތައްތައް ކޮށްދޭން."

އަސްލަމް ގަބޫލުކުރައްވާ ގޮތުގައި އާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ދެ ކަމަކީ ހެޔޮ ވެރިކަމެއް ކުރުމާއި އަދުލު އިންސާފު ގާއިމްކުރުމެވެ. އޭނާގެ ނަޒަރުގައި "އެންމެ އަސާސީ" ކަންކަމަކީ އެއީ އެވެ؛ "އެ ދެ ކަންތައް ރަނގަޅުވީމަ ދެން ހުރި ކަންކަން، އެ ކަންކަމުގެ ޖާގަ އަށް ފެތިގެންދާނެ" އެވެ. އެ އުއްމީދު ހަގީގަތަކަށް ވާނެ ކަމުގެ އިތުބާރު އޭނާ އަށް ލިބިވަޑައިގަންނަވަނީ "މާޒީގެ ތަޖުރިބާ"އިންނެވެ.

"އާ ސަރުކާރުގެ އެންމެ ބޮޑު ސްޓްރެންތަކީ މާޒީގެ ތަޖުރިބާ. ސަރުކާރެއް ފެއިލް ވަނީ ކިހިނެއްކަން، ފެއިލްވީމަ ދެން ވަނީ ކީއްކަން، އާ ސަރުކާރަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ. އަނެއްކާ ގޯސްކޮށް ކަންކަން ދިޔައިމަ ސަފަކުރަން ޖެހެނީ ވެސް ސިޔާސީ ލީޑަރުންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނަކީ ވެސް އާ ސަރުކާރު ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅުން،" އަސްލަމް ވިދާޅުވި އެވެ.

"އެ ބޭފުޅުންނަކީ، ބޭއިންސާފުގެ ހިތި ރަހަ އެންމެ ބޮޑަށް ލީ ބޭފުޅުން...އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅުންގެ އެ ތަޖުރިބާ އެއީއޭ، އަސްލުގައި މި ސަރުކާރުގެ އެންމެ ބޮޑު ސްޓްރެންތަކީ."

"ސަރުކާރުތައް ބަދަލުވިޔަސް މިއީ ވިޔަފާރިވެރިންގެ އެއްޗެއް. އިގްތިސޯދީ ސިޔާސަތުތައް ބަދަލުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."

"ކޯޅުން ބޮޑުވާނެ، ވައުދުތަކެއް ނުފުއްދޭނެ"

މާޒީގައި ކޯލިޝަން ފޯމިއުލާ ތަކުރާރުކޮށް ނާކާމިޔާބު ވިޔަސް މިފަހަރު ތަފާތުވާނެ ކަމުގެ ޔަގީންކަން މި ކޯލިޝަނުން އިންތިޚާބު ތެރޭގައި ދީފައި ވަނީ ސަބަބުތައް ވެސް ދައްކަމުންނެވެ. ޚިޔާލުތަފާތު މީހުންނާ އެކު މަސައްކަތްޕުޅުކުރެއްވުމުގެ ގާބިލްކަން އާ ރައީސްގެ ހުރި ކަމާއި ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ހޯދާނެ ކަމުގެ ވާހަކައިންނެވެ. އެކަމަކު އެއީ އެންމެން އިތުބާރުކުރާ ވާހަކަތަކަކަށް ނުވެ އެވެ. ޚާއްސަކޮށް، ސަރުކާރުގައި ތިބެފައި އިދިކޮޅަށް އަންނަ ސިޔާސީ މީހުންގެ އެންމެ ބޮޑު ފާޑުކިޔުން އޮތީ އެކަމަށެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި ގިނަ ލީޑަރުންތަކެއް ތިއްބެވުމަކީ އަސްލަމް އެ ފާހަގަކުރެއްވި ފަދަ ބާރެއް ނޫނެވެ؛ ބަލިކަށިކަމެކެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ އުއްމީދުތައް ފެނަށް ވުން ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ކޮންމެވެސް އެކަކަށް މެޖޯރިޓީ ލިބިގެން ނުވަތަ ކޮންމެވެސް އެކަކު ބުނާ ގޮތެއް ހައްދައިގެން ނޫން ގޮތަކަށް ތަރައްގީގެ ނާރެހުގައި ދިވެހިންނަށް އެއްވެސް ކަމެއް ކުރިއަށް އޮތް އެއްވެސް ހިސާބެއްގައި ހާސިލެއް ނުކުރެވޭނެ،" ކޯލިޝަން ސަރުކާރެއް ރާއްޖޭގައި ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަހުމަދު ނިހާން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި ހަމައެކަނި މައްސަލައަކަށް ވާނީ ފިކުރު ތަފާތު، ގިނަ ބަޔަކު ގޮތް ކިޔަން ތިބުމުގެ ސަބަބުން ސަރުކާރުގެ ހިންގުން ލަސްވުމާއި ފުށުއެރުންތައް ދިމާވުމެއް ނޫނެވެ؛ ބާރުގަދަކުރަން ކޯޅޭ ކޯޅުންތަކުގެ ގެއްލުން އަދި މާ ބޮޑުވާނެ އެވެ.

"އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ދިރާސާކޮށްގެން، ކޮން ޕާޓީއަކަށް ރަނގަޅަށްތޯ މިކަން ގެންދާނީ، އެ ހިސާބުން މައްސަލަ ޖެހުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ކޯޅުންގަނޑު އޭގެ ތެރޭގައި ބޮޑުވެގެން، އެ ބޭފުޅުން ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިއްމު ވައުދުތައް އެ ބޭފުޅުންނަށް ނުފުއްދޭނީ."

އެކަމަކު ނިހާން ދެކެވަޑައިގަންނަވަނީ އެ ހިސާބަށް ދާނީ "އިބްރާހިމް މުހައްމަދު ސޯލިހު ގޯސްވެގެނެއް ނޫން" ކަމަށެވެ. އެއާ ޚިލާފަށް އޭނާގެ ފާޑުކިޔުންތައް އަމާޒުކުރެއްވީ ކޯލިޝަންގެ ހަތަރު ލީޑަރުންނަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިބޫގެ މަޑުމައިތިރިކަމާއި މަޝްވަރާކުރެއްވުމުގެ ސިފަ އާއި ރައީސް ނަޝީދުގެ އުސޫލުތަކާ "ހާހަކާއި ސުމަކާ ދޭތެރޭގެ ތަފާތު އޮންނާނެ" އެވެ؛ ރައީސް މައުމޫން "އޯޑަރު ދޭ ގޮތަކަށް ނޫން ގޮތަކަށް" ރައީސް އޮފީސް ހިންގަން އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވާނެ އެވެ؛ ގާސިމް އިބްރާހީމް އިސްކުރައްވާނީ އޭނާގެ ވިޔަފާރީގެ މަސްލަހަތުތަކެވެ؛ އަދި އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީއަކީ ގާސިމް "ރައުޔު ނެރުއްވި ގޮތަކަށް" ހިންގާ "ޖުމްހޫރީ ޕާޓީގެ ދީނީ ގޮފި" އެވެ.

އެއާ އެކު ނިހާންގެ ސުވާލަކީ، ދަރަނި ބޮޑުވާތީ ބޭރުން ލޯނު ނުނަގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ތަރައްގީ ގެންނަން އާ ސަރުކާރުން މަސައްކަތްކުރަންޏާ، އެކަމަށް އެތެރެއިން ފައިސާ ހޯދަން އިތުރު ޓެކްސްއެއް ނަގަން ގާސިމް އެއްބަސްވެވަޑައިގެންފާނެތޯ އެވެ.

"ގާސިމަކީ ސިޔާސީ ޕާޓީއެއްގެ ހިޔަލުގައި ހުންނެވި ނަމަވެސް އަމިއްލަ ވިޔަފާރިއާ ގުޅުން ހުރި ވަރަށް ބައިވަރު ކަންކަން ހުރި މީހެއް. މިހާރު އެ ބޭފުޅުން އެބަ ވިދާޅުވޭ އިންކަމް ޓެކްސް ނަގާ ވާހަކަ. ބައްލަވަން ތިއްބަވައްޗޭ އެކަން ކުރޭތޯ،" އިބޫގެ އެންމެ މުހިއްމު އެއް ވައުދާ މެދު އޭނާ ޝައްކު އުފެއްދެވި އެވެ.

"އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާ ދޫކޮށްލައްވައި ގައުމީ އެޖެންޑާއަކައިގެން ވަޑައިގެންފިއްޔާ ރަނގަޅުވާނެ."

ތެދެކެވެ؛ ހުރިހާ ކަމެއް ގޮސް ޖެހެނީ އެ ތާނގަ އެވެ.

ދެން ވެސް ބާރުގަދަ މީހުންނާއި މުއްސަނދިންގެ ނުފޫޒު؟

އާ ސަރުކާރާ މެދު ރައްޔިތުން ކުރާ ބޮޑެތި އުއްމީދުތައް ހާސިލްވުމާއި ނުވުން ބިނާވެފައި އޮތީ އެންމެ ކަމަކަށެވެ.

"ސްޓޭބަލް ވެރިކަމެއް ކުރަންޏާ ކޯލިޝަންގެ ސްޓެބިލިޓީ މުހިއްމު. އެކަމަކު ކޯލިޝަންގެ ތެރޭގައި ކަންތައް ކުރެވެން ޖެހޭނީ އާއްމު ރައްޔިތުންގެ މަންފާ އަށް، އާއްމު ރައްޔިތުން ބޭނުންވާ ގޮތަށް،" ތޮލާލް ފާހަގަކުރެއްވި އެވެ.

އެކަމަކު ޑިމޮކްރެސީގެ ދަތުރުގައި ދިވެހިން މިހާތަނަށް ތަޖުރިބާކޮށްފައިވާ ސިޔާސީ ކަންކަމާއި ސިޔާސީ ލީޑަރުންގެ އަމަލުތަކުން ރައްޔިތުންނަށް ލިބިފައި ވަނީ މާޔޫސްކަމެވެ. ސަރުކާރުތައް ބަދަލުވަމުން ދިޔަޔަސް މައްސަލަތައް ހަމަ ހުރި ގޮތަށް ހުރީ އެވެ. އެ މާޒީ އާއި އެ ނޫން ވެސް ސަބަބުތަކާ ހެދި، އާ ސަރުކާރާ މެދު މާ ބޮޑު އިތުބާރެއް ނެތް މީހުން މަދެއް ނޫނެވެ.

"އަށްޑިހައިގެ، ނުވަތަ ހަތްދިހައިގެ އަހަރުތަކުގައި ނޫސްތަކުގައި ލިޔެފައި ހުރި މައްސަލަތަކުގެ ވާހަކަ މިއަދު އަހަރެމެން ވެސް މި ދައްކަނީ. ފެންބޮޑުވާ ވާހަކަ އާއި ގެދޮރާއި ސިއްހަތުގެ ވާހަކަ،" ރައްޔިތުން ބާރުވެރިކުރަން މަސައްކަތްކުރުމަށް އަލަށް އުފައްދާފައިވާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ނަވާނަވައި"ގެ ތަރުޖަމާނު ފާތުމަތު ސާއިރާ ފާހަގަކުރެއްވި އެވެ. "ސަރުކާރު ބަދަލުވެގެން މީހުން ތިބީ ހަގީގަތުގައި ވަރަށް ބޮޑު އުއްމީދެއްގައި. އެއީ އެހާ ނުބައި ނުލަފާ މީހަކު ދިޔައިމަ. އެކަމަކު އަސްލު ބަދަލެއް އަންނާނެތޯ ބަލާ އިރު، ކޯލިޝަން ހަދައިގެން އެ ތިބީ އިޝޫ ބޭސްޑް ކަންތައްތަކަކަށް ހައްލު ހޯދުމަށް ވުރެ ބޮޑަށް ވެރިކަން ޝެއާކުރަން ކަމަށް އަހަރެން ގަބޫލުކުރަނީ."

"ބާރުގަދަ މީހުންނާއި ވިޔަފާރިވެރިންނާއި މުއްސަނދިންގެ ނުފޫޒުން ވެރިކަމާއި ދައުލަތް މިނިވަންކުރުމަށްޓަކައި ރައްޔިތުންގެ ބާރުވެރިކަމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުން އެއީ ވަރަށް މުހިއްމު ކަމެއް"ގެ ގޮތުގައި ތޮލާލް ދެކެވަޑައިގަންނަވާ އިރު، އެކަން ވެދާނެ ކަމަކަށް ސާއިރާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާ ސަރުކާރަށް ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ނުދެވޭނީ އެފަދަ މީހުންގެ ސަބަބުންނެވެ. ނަވާނަވައި އިން ގަބޫލުކުރާ ގޮތުގައި އާ ސަރުކާރުގެ ސިޔާސަތުތައް ޔާމީންގެ ސިޔާސަތުތަކާ މާ ބޮޑަކަށް ތަފާތެއް ނުވާނެ އެވެ. އަދި އެއީ "ވިޔަފާރިވެރިންގެ ނުފޫޒު ޔާމީނަށް އޮތް މިންވަރަށް އާ ސަރުކާރަށް ވެސް އޮތީމަ" އެވެ.

"ސަރުކާރުތައް ބަދަލުވިޔަސް މިއީ ވިޔަފާރިވެރިންގެ އެއްޗެއް. އިގްތިސޯދީ ސިޔާސަތުތައް ބަދަލުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ޖީއެސްޓީ ގެނައި އިރުގައި އިންކަމް ޓެކްސް ނުގެނައިމަ ރާއްޖޭގައި ފަގީރުކަން ބޮޑުވިކަން އެބަ ފެނޭ. އެކަމަކު، އެ މީހުން އެހެން ބުންޏަސް، އިންކަމް ޓެކްސް ނަގަން ވެސް މަސައްކަތްކުރެވިދާނެ ކަމަކަށް، އަދިވެސް އަހަރެން ގަބޫލެއް ނުކުރަން، ވިޔަފާރިވެރިންގެ ނުފޫޒު އެހާ ބޮޑަށް އޮތް ސަރުކާރަކުން. އެކަން ކުރަން ބޭނުންވިޔަސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ،" ސާއިރާ ވިދާޅުވި އެވެ.

"އަދި އަހަރެމެންނަށް މި ފެންނަނީ ގާސިމް އާއި ސިޔާމް އާއި ޗަމްޕާ ފަދަ މަދު ބައެއް. އެކަމަކު އަހަރެމެންނަށް ނަން ނޭނގޭ، އާއްމު ރައްޔިތުން ހިތަށް ވެސް ނާރާ ވަރުގެ ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ ގައުމުތަކުގެ ވިޔަފާރީގެ މަސްލަހަތުތައް ވަރަށް ބޮޑަށް އެބަހުރި. އެހެންވީމާ ސަރުކާރުގައި ތިބި މީހުންނަށް ވަރަށް އުނދަގޫވާނެ މި މީހުންނާ އެކީގައި މި ކަންކަން ތަންފީޒުކުރަން."

ނަވާނަވައި އިން ދެކޭގޮތުގައި، ވެރިކަން ބަދަލުވިޔަސް، ހަގީގީ ބަދަލެއް އަންނާނީ ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީން ވެސް، މުއްސަނދިންގެ ނުފޫޒު ކެނޑިގެންނެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި އިބޫ ކާމިޔާބު ހޯއްދެވުމުން ސަޕޯޓަރަކު އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި އިބޫ ކާމިޔާބު ހޯއްދެވުމުން ސަޕޯޓަރަކު އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޖާގަ ލިބިއްޖެ، ފާޑުކިޔޭނެ، ޒިންމާދާރުކުރުވަން ޖެހޭނެ"

މާޔޫސްކަމުގައި ތިބި މީހުން ވެސް އާ ސަރުކާރަށް އިތުބާރުކުރާ އެއް ކަމެއް އެބަ އޮތެވެ؛ ބަސް ބުނެ، އަޑުއިއްވުމުގެ ޖާގަ ތަނަވަސްވެއްޖެ އެވެ؛ އަދި އެކަން އެ ގޮތުގައި ދެމިއޮންނާނެ އެވެ. އެކަމަކު އެ މީހުން ބުނާގޮތުގައި އެ ޖާގަ އޮތުމަކުން އަދި ނުފުދެ އެވެ.

"ކުރީގައި ވާހަކަދައްކާލެވޭކަށް ނޯވޭ. މިހާރު އެ ފުރުސަތު އެބަ އޮތް. ދެން އެ މީހުން އެބަ ބުނޭ ފާޑު ވެސް ކިޔޭނެއޭ. އެއީ ތެދެއް. ފާޑުކިޔައިގެން އެ މީހުން އަހަރެމެން ޖަލަކަށް ނުލާނެ. އެކަމަކު ޖަލަށް ނުލީމަ ނިމުނީއެއް ނޫން،" ސާއިރާ ވިދާޅުވި އެވެ.

"ފާޑުކިޔުމަކީ އަހަރެމެންނަށް ލިބޭ މުތުލަގު ހައްގެއް. އެހެންވީމާ ވާހަކަ ދައްކަން ފުރުސަތު ލިބޭ ގޮތަށް، ދައްކާ ވާހަކަ އަޑުއަހަން ވެސް ޖެހޭނެ އަދި ރައްޔިތުން ބައިވެރިކުރަން ވެސް ޖެހޭނެ."

ތޮލާލް ވެސް ގަބޫލުކުރައްވާ ގޮތުގައި "އެންމެ އެދެވޭ ގޮތުގައި އުއްމީދުތައް އަދި ހާސިލް ނުވިޔަސް ޔަގީންވާ އެއް ކަމަކީ ހަމަ ގައިމު ވެސް ވޭތުވެދިޔަ ފަސް އަހަރަށް ވުރެ ބޮޑަށް މިހާރު ޖާގަ އެބަ އޮތް" ކަމެވެ. އެކަމަކު އޭނާ ވެސް ވިދާޅުވި ގޮތުގައި "ރައްޔިތުން ދައްކާ ވާހަކައަކީ މާ މުހިއްމު އެއްޗެއް ކަމުގައި ނުދެކުން އެއީ އެންމެ ބޮޑު އެއް މައްސަލަ" އެވެ.

"މި ވޭތުވެދިޔަ 30 އަހަރު ވެސް އަދި އޭގެ ކުރިން ވެސް އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމުގައި ދެކެވިފައި އޮތުން. މިހާރު ސޯޝަލް މީޑިއާ އޮތީމާ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަ ހާމަވޭ. އެކަމަކު އެ ކަންބޮޑުވުންތަކަށް އަޅާލުމުގެ ސަގާފަތެއް ދިވެހިރާއްޖޭގެ ސަރުކާރުތަކަކުއެއް ނެތް،" އޭނާ ފާހަގަކުރެއްވި އެވެ.

ތޮލާލް ސިފަކުރައްވާ ގޮތުގައި އިބޫ އަށް ރައްޔިތުން ދިން ވޯޓުގެ މާނައަކީ ޔާމީންގެ ފަސް އަހަރު ތެރޭގައި އެ ހިނގާފައި ހުރި ގޯސް ކަންތައްތައް ބަދަލުކޮށް، "ހަގީގަތުގައި ގައުމުގެ ވެރިކަން ހިނގަން ޖެހޭނެ ގޮތަށް" ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން، ހެޔޮ ވެރިކަމުގެ އަސާސްތަކަށް ފެތޭ އަދި ރައްޔިތުން ބާރުވެރިކުރަނިވި ގޮތަކަށް އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާ އެކީގައި ވެރިކަން ކޮށްދޭން ޖެހޭ ކަމެވެ. އަދި އެ ކަމަށްޓަކައި ތާހިރު، ކޮރަޕްޝަނުން އެއްކިބާވެފައިވާ ވެރިކަމެއް ކުރުމާއި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން ސަލާމަތްކުރުމާއި އަސާސީ ހައްގުތައް ހަނިކުރަން ގެނައި ގާނޫނީ ބަދަލުތައް އިސްލާހުކުރުމުގެ އިތުރުން ވެރިންގެ މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އަވަހަށް ގެނައުން ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރައްވަ އެވެ. ތޮލާލް ގަބޫލުކުރައްވާ ގޮތުގައި އެ ހުރިހާ ކަމެއް ވެސް ބިނާވަނީ ސަރުކާރު ހިންގުމުގައި ހާމަކަން ބޮޑުކުރުމާއި އުސޫލުތަކުގައި ހިފެހެއްޓުމުގެ މައްޗަށެވެ.

"އެންމެ މުހިއްމު އެއް ކަމަކީ ހާމަކަމާ އެކު ރައްޔިތުންނާ ހަމައަށް މައުލޫމާތުތައް އައުން،" އޭނާ ފާހަގަކުރެއްވި އެވެ.

"ވެރިކަމެއް ހިނގާ އިރު ހުންނާނެ ބޮޑެތި ގޮންޖެހުންތައް. އެކަމަކު އުސޫލެއްގެ ގޮތުން ވެލިއުތަކާއި ޕްރިންސިޕްލްތައް ކޮމްޕްރޮމައިޒްވެގެން ނުވާނެ."

އެކަމަކު އާއްމުކޮށް ކަން ހިނގަނީ އެއާ އިދިކޮޅަށެވެ. ސުވާލަކީ މި ފަހަރު އެހެން ވެއްޖެއްޔާ ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ތޮލާލް އާއި ސާއިރާގެ ވެސް ޖަވާބަކީ، ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމެވެ.

"ސަރުކާރަކީ ހަގީގަތުގައި އަހަރެމެން. އަހަރެމެންގެ ފަރާތުން ލިބޭ ބާރެއް އެ މީހުންނަށް އެ ލިބެނީ. އެހެންވީމާ އެ މީހުން ޒިންމާދާރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރުން އެއީ ވިޔަފާރިވެރިންގެ ފަރާތުން ސަލާމަތްވާން ކުރެވޭނެ ކަމަކީ،" ކުރިއަށް އޮތް އިންތިޚާބުގައި މުއްސަނދިންނާއި އެ މީހުންގެ ފަރާތުން އަންނަ މީހުންގެ ކިބައިން މަޖިލިސް ސަލާމަތްކުރަން ގޮވާލަމުން ސާއިރާ ބުންޏެވެ.

ތޮލާލް ފާހަގަކުރައްވާ ގޮތުގައި ރައްޔިތުންނަށް ލިބުނު ފުރުސަތުގައި ބަސް ބުނެ ރައްޔިތުން އެ ކުރި އިތުބާރު ދެމެހެއްޓުމަކީ އާ ސަރުކާރަށް އޮތް ވަރަށް ބޮޑު އަމާނާތެކެވެ. އެކަމަކު "ސިޔާސީ މީހުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް"ކަން ފެންނަމުންދާ އިރު، އޭނާގެ ނަސޭހަތަކީ ވޯޓާ ހިސާބުން ހުރިހާ ކަމެއް ފުރިހަމަވީ ނޫންކަން އާއްމުން ދެނެތިބުމެވެ. އޭގެ މާނައަކީ އިންތިޚާބާ އެކު ލިބިގެން ދިޔަ މިނިވަންކަން އެންމެ ފުރިހަމަ އަށް ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީކުރުމާއި ޒިންމާދާރުކުރުމުގައި ދެމިތިބުމެވެ.

"އުސޫލެއްގެ ގޮތުން ރައްޔިތުން ހޮވާ ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ޖެހޭނެ. އެކަމަކު ޑިމޮކްރެސީ މިހާ ނާޒުކު ހާލަތެއްގައި އޮތް ތަނެއްގައި ރައްޔިތުން އިތުރަށް ހިތްވަރެއް ލާން އެބަ ޖެހޭ، މިކަން ރަނގަޅު ހިސާބަކަށް ކުރިއަށް ގެންދިޔުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުންކޮށްގެން މައުލޫމާތު ހޯދައިގެން ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވުމާއި މަދަނީ ޖަމްއިއްޔާތަކުން ވެސް ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތްކުރުން ވަރަށް މުހިއްމު. ދެން މިނިވަން މުއައްސަސާތައް ސަރުކާރުން ހަރުދަނާ ކޮށްފި ކަމަށް ވަންޏާ ރައްޔިތުންނަށް ވަރަށް ބޮޑަށް އެޕްރޯޗްކުރެވޭނެ އެ މުއައްސަސާތަކަށް، ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި. އެ ޗެކް އެންޑް ބެލެންސް ސިސްޓަމް ގާއިމްކުރެވިއްޖެއްޔާ ހަމަ ގައިމު ވެސް ކުރިއަށް މި އޮތް ފަސް އަހަރު ކަންކަން ފުރިހަމަވެގެންދާނެ ކަމަށް ގަބޫލުކުރެވެނީ."