Roadha Mihaaru
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް

ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް

02 ޑިސެމްބަރ 2018

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ލީޑަރުން ނިސްބަތްވާ ޕާޓީތަކުން ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބަ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ލީޑަރުން ނިސްބަތްވާ ޕާޓީތަކުން ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބަ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެކަމަކު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށެވެ. ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށެވެ.

އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ނަޝީދާއި ނައިބު ރައީސް ޝިފާޒް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ނަޝީދާއި ނައިބު ރައީސް ޝިފާޒް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ވަރަށް ދިގުދެމިގެން ދިޔަ ބައްދަލުވުމެއް ބޭއްވި އެވެ. ފަތިސް ވަންދެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގަޔޫމް ނިސްބަތްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ފިޔަވައި ކޮންމެ ޕާޓީއަކުން ވަނީ ވަކިން ލިޔުމެއްގައ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެމްޑީޕީން ދިން ލިޔުން ސޯޝަލް މީޑިއާގައި މިހާރު ވަނީ ލީކް ކޮށްލައިފަ އެވެ. ކޯލިޝަންގެ މައި ޕާޓީ އެމްޑީީޕީން ޖުމްހޫރީ ޕާޓީއަށާއި އަދާލަތު ޕާޓީ އަށް ދިިން އެ ލިޔުމުގައި ސޮއިކުރެއްވީ ޗެއާޕާސަން ހަސަން ލަތީފާއި އޭރުގެ ރިޔާސީ ކެންޑިޑޭޓް މިހާރު ރާއްޖޭގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހެެވެ.

"އެ ލިޔުމުގައި ތިން ޕާޓީގެ އިސްބޭފުޅުން ސޮއިކުރެއްވި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ވެސް އެ ޕާޓީތަކުގައި ހުންނާނެ،" އެ ބައްދަލުވުން ބޭއްވިއިރު ކުނޫޒްގައި ހުންނެވި، ކޯލިޝަން ޕާޓީއެއްގެ އިސްބޭފުޅަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ސިޓީގައި އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރެއްވީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެ ގޮތަށް އެދިވަޑައިގަތުމުންނެވެ.

"ގާސިމް ވިދާޅުވީ އެމްޑީޕީއަކަށް ނޫނޭ، އިބްރާހިމް މުހައްމަދު ސޯލިހަށޭ އިތުބާރު ކުރެވެނީ. އޭނާގެ ނަން ހުރިހާ ލިޔެކިއުމެއްގައި ވެސް ޖަހާށޭ،" ޕާޓީތަކުގެ ފަރާތުން ސޮއިކުރި ލިޔުމާ ގުޅޭ ހަގީގަތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކޮށްފައިވާ ލިޔުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެ އެވެ. އަދި އެގޮތަށް ހިއްސާ ބަހައިގެން ކޯލިޝަން ސަރުކާރުގެ މަގާމުތަކުގެ އިތުރުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއިގެން ކުރިއަށް ދިއުމަށް އެ ލިޔުމުގައި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމުގައި ކަންތަކުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވިސްނުންފުޅު ވެސް އޭރު ހުރީ ގާސިމާ ދާދި އެއްގޮތަކަށް ކަމަށް ވެސް މައުލޫމާތު ދިން މަސްދަރު ބުންޏެވެ.

"އިބޫ ވިދާޅުވީ އެއްބަސްވުމެއް ނޫނޭ މުހިއްމީ އަމަލުކުރާ ގޮތެކޭ މުހިންމީ." ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ލިޔުމުގައި ސޮއިކުރި ނަމަވެސް މައުމޫންގެ އެމްއާރުއެމުން އެ ލިޔުމުގައި ސޮއިނުކުރި ސަބަބެއް ނޭނގެ އެވެ.

އަންނަ އަހަރުގެ އާއްމު އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާތަކަށް ކުރިމަތިލާން ރޭ ވަނީ ފާސްކޮށްފަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިގެން އެގޮތަށް ފާސްކުރި ފަހުން އަދާލަތު ޕާޓީން މިއަދު ބުނީ 12 ޖުލައިގައި އެއްބަސްވެފައިވާ ގޮތަށް 13 ދާއިރާއަކަށް އެ ޕާޓީން ވާދަކުރާނެ ކަމަށެވެ. އެގޮތުން ވާދަކުރާނެ ދާއިރާތައް ވެސް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ އެއްބަސްވުމާ ބެހޭ ގޮތުން އަދި އެމްޑީޕީން ރޭ ނިންމި ނިންމުމާ ބެހޭ ގޮތުން ޖޭޕީގެ އިސް ބޭފުޅެއްގެ ބަހެެއް އަދި ނުލިބެ އެވެ.