Roadha Mihaaru
ބީޗް ވޮލީ ސީރީޒް އެކެއްގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ

ބީޗް ވޮލީ ސީރީޒް އެކެއްގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ

10 އެޕްރީލް 2023

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިއަށް ގެންދާ ބީޗް ޗެލެންޖާސް ސީރީޒް އެކެއްގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިއަށް ގެންދާ ބީޗް ޗެލެންޖާސް ސީރީޒް އެކެއްގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލް މެޗުތައް މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، 2x2 ބައިގެ އަންހެން ޑިވިޝަންގައި 14 ޕެއާ އެއް ބައިވެރި ވެފައިވެ އެވެ. އަދި ފިރިހެން ޑިވިޝަންގައި 20 ޕެއާ އެއް ބައިވެރިވި އެވެ.

ފިރިހެން 2x2 ގެ ފައިނަލް ގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ބައްދަލުކުރާނީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އެވެ. އަދި އަންހެން ފައިނަލް ގައި އާމިނަތު އަރީޝާ އާއި އައިޝަތު މާޖިދާގެ ޕެއާ ނުކުންނާނީ ހައްވާ ރާޝިދާ (ހައްވަ) އަދި ފާތިމަތު ޒީނިއާގެ ޕެއާއާ ދެކޮޅަށެވެ.

ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ 4x4 ބައިގެ ފައިނަލް ވެސް މިރޭ އޮންނާނެ އެވެ. މި ބައިގެ އަންހެން ޑިވިޝަންގައި ތިން ޓީމެއް އަދި ފިރިހެން ޑިވިޝަންގައި ހަތަރު ޓީމެއް ވަނީ ބައިވެރި ވެފަ އެވެ.

އަންހެން ފައިނަލް ގައި ފިއޮންތި ސްޕޯޓްސް ކްލަބާއި ޑީވީވީއޭ ބައްދަލު ކުރާއިރު، ފިރިހެން ފައިނަލްގައި ބައްދަލުކުރާނީ އެމްވީވީ 1 އާއި ލެޖެންޑްސް ޓީމެވެ.

އަންހެން ފައިނަލްގައި ވާދަކުރާ ފިއޮންތި ސްޕޯޓްސްގައި ހިމެނެނީ އައިޝަތު ނާޒިމާ، ޔުމްނާ އަބްދުލްއަޒީޒް، އައިޝަތު ރޯޒާ ސުހާނާ އަހުމަދު އަދި ހަދީޖާ ނަޒީލާ އެވެ. ޑީވީވީއޭ ޓީމުގައި ހިމެނެނީ މުނާ މުނީރު، އާމިނަތު ޒީނާ، މަރިޔަމް ހަލީމް، އައިޝަތު މާޖިދާ އަދި އާމިނަތު އަބްދުއްރަޝީދެވެ.

ފިރިހެން ފައިނަލްގައި ވާދަކުރާ އެމްވީވީ 1 ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ، މުހައްމަދު ރިޝްވާން އަދި ހުސެއިން ޝަރީފް އެވެ. ލެޖެންޑްސް ޓީމުގެ ކުޅުންތެރިންނަކީ އިބްރާހިމް ފަލާހު އަބޫބަކުރު، މުހައްމަދު ރަޝީދު، ފަރުހާދު އިސްމާއިލް، އަހުމަދު އަބްދުލް ކަރީމް އަދި ހުސެއިން ސައީދެވެ.

ބީޗް ޗެލެންޖާސް ސީރީޒް 2 މި މަހުގެ ފަހުކޮޅު ބާއްވަން ވީއޭއެމް އިން ފުރަތަމަ މަސައްކަތް ކުރި ނަމަވެސް މިހާރު މަސައްކަތް ކުރަނީ ޖޫން މަހު މުބާރާތް ބާއްވާށެވެ.

ސީރީޒް 2 ގައި 2x2 ބައިން އަންހެން އަދި ފިރިހެން ވެސް އެންމެ ރަނގަޅު އަށް ޕެއާ އަށް، މި އަހަރުގެ އޮކްޓޫބަރު މަހަށް ތާވަލް ކުރެވިފައިވާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

މިރޭގެ ފައިނަލް ޝެޑިއުލް:

21:30 - 4x4 އަންހެން ފައިނަލް: ފިއޮންތި ސްޕޯޓްސް ކްލަބް / ޑީވީވީއޭ

22:00 - 4x4 ފިރިހެން ފައިނަލް: އެމްވީވީ 1 / ލެޖެންޑްސް

22:30 - 2x2 އަންހެން ފައިނަލް: އަރީޝާ-މާޖިދާ / ހައްވަ-ޒީނިއާ

23:00 - 2x2 ފިރިހެން ފައިނަލް: ކުޑަކާއްޓޭ-އެޑަމް / ޑެންޒޯ-ކޯކޭ