Roadha Mihaaru

ފެހި ހަވީރެއް: ހެންވޭރާއި ގަލޮޅު ދަނޑުގައި ވެސް ގަދަ ބާރަކީ މާޒިޔާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު ވެސް މާޒިޔާއިން މޮޅަކާ އެކު ފަށައިފި އެވެ.

ހެންވޭރާއި ގަލޮޅު ދަނޑުގައި ވެސް ގަދަ ބާރަކީ މާޒިޔާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ޑިސެމްބަރ 2025

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު ވެސް މާޒިޔާއިން މޮޅަކާ އެކު ފަށައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މާޒިޔާއިން ކާމިޔާބު ކުރީ 2-1 ންނެވެ.

މިއަދު ހަވީރު މާޒިޔާގެ ފެހިކަން ފެނުނީ ގަލޮޅު ދަނޑުން އެކަންޏެއް ނޫނެވެ. އެފްއޭއެމް އަންހެން ފުޓްބޯޅަ ލީގުގައި ވެސް މިއަދަކީ މާޒިޔާގެ ހަވީރެކެވެ. ހެންވޭރު ދަނޑުގައި ކުޅޭ އެ މުބާރާތުގައި ޓސީ ސްޕޯޓްސްއާ ދެކޮޅަށް މާޒިޔާއިން ކާމިޔާބު ހޯދީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެންމެ ފުރަތަމަ ފިރިހެން ޓީމުގެ މެޗުގެ ވާހަކަ އެވެ. - މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ގްރީން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލަނޑު ޖަހައި ދިނީ ކެޕްޓަން ރިލްވާން ވަހީދެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުން ރިލޭ ހިތްގައިމުކޮށް ފޮނުވާލީ ސީދާ ގޯލްގެ ދުރު ކަނަށެވެ. އެ ބޯޅަ ދިފާއު ކުރަން މާޒިޔާގެ ކީޕަރު އިޔާން އަބްދުލް އަލީމަށް ކުރެވޭނެ ވެސް ކަމެއް ނެތެވެ.

އެ ނަތީޖާއާ އެކު ފުރަތަމަ ހާފް، ގްރީންއިން ނިންމާލީ ހިތްހަމަޖެހުމާ އެކު އެވެ.

މާޒިޔާގެ ފޯވާޑް މެންޑީގުއިޗިއާ މިއަދު ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ލީގުގައި 11 ލަނޑު ޖަހައިފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ފޯވާޑް މެންޑީގުއިޗިއާ މިއަދު ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ލީގުގައި 11 ލަނޑު ޖަހައިފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެވަނަ ހާފަކީ މާޒިޔާގެ ހިތްއަވަސްވި ކަހަލަ ހާފެކެވެ. އެ ޓީމުން މި ސީޒަނުގައި މިހާތަނަށް ކުރިއަށްދަނީ މޮޅުވުމުގެ ޓްރެކްގަ އެވެ.

ދެވަނަ ހާފުގައި މާޒިޔާ ޓްރެކް ދަމަހައްޓައި ދިނީ ސާޖިއޯ މެންޑީގުއިޗިއާ އިގްލޭސިއަސް އެވެ. ނަތީޖާ ހަމަހަމަކޮށްލައިގެން މާޒިޔާ އަށް ހިތްހަމަޖައްސާލެވޭކަށް ނޯންނާނެ އެވެ. އެހެންވެ ލަނޑު ޖެހުމަށް ފަހު ވެސް މެންޑީގުއިޗިއާ އުފާފާޅުކުރަމުން ވެސް ދުއްވައިގަތީ އަމިއްލަ ހާފަށް ދިއުމަށެވެ. ކުޅުން އަވަހަށް ފަށަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މެޗުގެ 68 ވަނަ މިނެޓްގައި އެނާ އެ ލަނޑު ޖެހީ ހައިޝަމް ހަސަން (ބިޑި) ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ލީގުގައި ލަނޑު ޖެހުމުގައި އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ މެންޑީ އެވެ. މާޒިޔާ މޮޅުކޮށްދޭން މެޗުގެ އިތުރު ވަގުތުގައި އޭނާ ޖެހި ލަނޑަކީ ލީގުގައި އޭނާގެ 11 ވަނަ ލަނޑެވެ. ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ އޭނާ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އަހްމަދު އައިހަމް (ފަތޯ) ނަގައިދިން ކޯނަރު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ފަހު ވަގުތުގައި ނެގި ލީޑާ އެކު އޭނާ ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ.

މާޒިޔާއިން ލީގުގެ އެއްވަނައިގައި އޮތީ 30 ޕޮއިންޓާ އެކު އެވެ.

މާޒިޔާގެ އަންހެން ޓީމުގެ ކުޅުންތެރިޔާ ނޭޕާލްގެ  ދީޕާ ޝާހީ: އޭނާ ވަނީ މެޗުގައި ފަސް ލަނޑު ޖަހާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ އަންހެން ޓީމުގެ ކުޅުންތެރިޔާ ނޭޕާލްގެ ދީޕާ ޝާހީ: އޭނާ ވަނީ މެޗުގައި ފަސް ލަނޑު ޖަހާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހެންވޭރު ދަނޑުގައި މާޒިޔާގެ އަންހެން ޓީމުން ކުޅުނު މެޗުގައި ތަރިއަކީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް ދީޕާ ޝާހީ އެވެ. މާޒިޔާއިން ޖެހި 10 ލަނޑުގެ ތެރެއިން ފަސް ލަނޑު ޖެހީ އޭނާ އެވެ.

ނޭޕާލްގެ ގައުމީ ޓީމުގެ އަނެއް ކުޅުންތެރިޔާ ރޭކާ ޕޯޑަލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން، އާއިޝަތު ސަމާ އާއި ފާތިމަތު އިނާޝާ، ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖަހައިފަ އެވެ. މާޒިޔާ ލީޑް ނެގި ލަނޑަކީ ޓީސީގެ ފާތިމަތު ތާނީ ލަތީފްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއަދުގެ ނަތީޖާއާ އެކު މާޒިޔާ ވަނީ އަންހެން ލީގުގެ ދެވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމަށް އޮތީ ހަތް ޕޮއިންޓާއި ފައިދާ 12 ގޯލެވެ. އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއި ފައިދާ 14 ގޯލާ އެކު އޮތް އޮޑި ސްޕޯޓްސް އެވެ.