Roadha Mihaaru
މަގުމައްޗަށް ކުނި ނެރޭކަށް ނާންގަން: ވެމްކޯ

މަގުމައްޗަށް ކުނި ނެރޭކަށް އެއްވެސް އިރަކު ނާންގަން: ވެމްކޯ

11 އެޕްރީލް 2023

ގޭބިސީތަކާއި ވިޔަފާރިތަކުން އުފައްދާ ކުނި މަގުމައްޗަށް ނެރެފައި ބަހައްޓަން އެއްވެސް އިރަކު ނާންގާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގޭބިސީތަކާއި ވިޔަފާރިތަކުން އުފައްދާ ކުނި މަގުމައްޗަށް ނެރެފައި ބަހައްޓަން އެއްވެސް އިރަކު ނާންގާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ވެމްކޯ އިން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، މިއަދު ހެނދުނު އެ ކުންފުނީގެ އިސްވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެ ކުންފުނީގެ އިއުލާންތަކާއި ދެންނެވުންތަކުގައި ބުނެފައި އޮންނާނީ ގޭބިސީތަކުން ކުނި ނަގާނެ ދެ ގޮތެއް ކަމަށެވެ. އެއީ އެޕާޓްމަންޓްގެ ދޮރު މަތިން ކުނި ނެގުމާއި ގޭގެ އެންމެ ތިރީ ފުލޯއިން ކުނި ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި މަގުމައްޗަށް ކުނި ނެރުމަކަށް އަޅުގަނޑުމެން ނުދަންނަވަން،" ސިރާޖު ވިދާޅުވި އެވެ.

"އެޕްރީލް 1 ގައި [ވެމްކޯގެ] މަސައްކަތްކުރުމުގެ ވައްޓަފާޅި ބަދަލުވުމާ ގުޅިގެން ކަރަންޓް ބިލުތަކާ ޓައިކުރެވިގެންދާ މައުލޫމާތު ދެވުނު އިރުގައި އޭގެ ތެރެއިން އަޅުގަނޑަށް ވެސް ފާހަގަވި، އަޅުގަނޑުމެންގެ ސައިޑުން އެއް ނޮޓިފިކޭޝަނެއް ދިޔަ އާންމުންނާ ހަމައަށް އެގޮތަށް [މަގުމައްޗަށް ކުނި ނެރުމަށް] ދޭހަވާ ގޮތަކަށް. އެހެން ނަމަވެސް، ފަހުން އެކަން ރަނގަޅުކޮށްފައި، އެކަން އިސްލާހުކޮށްފައި އާންމުންނަށް އެ މައުލޫމާތު ހިއްސާކޮށްފައި ވާނީ."

ސިރާޖު ވިދާޅުވީ މަގުމައްޗަށް ކުނި ނެރުމަށް އެ ކުންފުނިން ބާރު ނާޅާނެ ކަމަށާއި އެއީ ރައްކާތެރި ގޮތެއް ވެސް ނޫން ކަމަށެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުނި ޖަމާކޮށްފައިވާ ހުންނަ މައްސަލަ ބޮޑުވެފައި ވާތީ އެކަން ނުކުރުމަށާއި އެގޮތަށް ކުނި ބަހައްޓަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އިންޒާރު ދީފަ އެވެ.

އީޕީއޭ އިން ބުނި ގޮތުގައި، އެ ކަންކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނާ ހިލާފު ކަމެކެވެ. ކުނި މަގުމަތީ ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ކުނި އުކުމުގެ ހިދުމަތް ދޭ އެއްވެސް މުވައްޒަފެއް ވެސް އެގޮތަށް ކަންތައް ކުރުމަށް އަންގައިގެން ނުވާނެ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

މާލޭގެ މަގުތަކަށް ކުނި ކޮތަޅު ނެރެ، އެ ކުނި ކޮތަޅުތައް ނުނަގައި ގިނައިރުވެ، މަގުތައް ހަޑިވާ މައްސަލާގައި އާންމުންގެ ޝަކުވާ މިހާރު ވަރަށް ބޮޑެވެ.