Roadha Mihaaru
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި

މިރޭގެ ހަރަކާތުގައި އެއްވެ އުޅުމުގެ ގާނޫނަށް ބުރޫއަރާ ކަމެއް ނުކުރަން ފުލުހުން އިންޒާރު ދީފި

02 ޖޫން 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ އިދެކޮޅު ފަރާތްތަކުން މިރޭ ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ އިދެކޮޅު ފަރާތްތަކުން މިރޭ ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން އަންނަނީ މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

އެކަމާ ގުޅިގެން މިއަދު ހަވީރު ފުލުހުން ނެރުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިރޭގެ އެއްވުމަށް އެހެން ރަށްރަށުން ވެސް މީހުން މާލެއަށް އަންނަ ކަމަށާއި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ހަރަކާތުގައި އާންމު ސުލްހަ އަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.

ފުލުހުން ބުނިގޮތުގައި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސުލްހަވެރި ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ދިނުމާއި އެ ހަރަކާތެއް ބާއްވާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ފުލުހުންގެ އިދާރާ އިން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ.

އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.