Roadha Mihaaru
ވޯޓާތީމް ޕާކް އަތުލުން ހުއްޓުވުމުގެ އަމުރު ބާތިލްކޮށްފި

ހުޅުމާލޭ ވޯޓާ ތީމް ޕާކް އަތުލުން ހުއްޓުވަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

13 އެޕްރީލް 2023

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ވޯޓާ ތީމް ޕާކަކާއި ހޮޓަލެއް ތަރައްގީ ކުރަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު 2017 ވަނަ އަހަރު ހެދި އެއްބަސްވުން އެޗްޑީސީ (މިހާރުގެ އާބަންކޯ) އިން މިދިޔަ އަހަރު ބާތިލްކޮށް، އެތަން އަތުލަން ނިންމުމުން ވޯޓާ ފްރަންޓް ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން އެ ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، މައްސަލަ ނިމެންދެން އެތަން އަތުލުން ހުއްޓުވުމުގެ އަމުރަކަށް އެދުމުން އެ ކޯޓުން އެ އަމުރު ނެރުނެވެ.

އެ ނިންމުން އެޗްޑީސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވަގުތީ އަމުރަކާ މެދު ނިންމާ ނިންމުމެއް އިސްތިއުނާފްކުރާ ހާލަތުގައި އިސްތިއުނާފް ނިމެންދެން ވަގުތީ އަމުރެއް ނެރުމަކީ އިސްތިއުނާފް މައްސަލާގައި ދުރާލާ ގޮތެއް ނިންމީ ކަމަށް ބެލެވިދާނެ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި އިންސާފުވެރިވާނީ އިސްތިއުނާފާ މެދު އަވަހަށް ގޮތެއް ނިންމުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި، ވޯޓާ ފްރަންޓް ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އާއި އެ މައްސަލާގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެދިފައި އޮތީ އެއް ފަރުވާއަކަށް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެއީ ދުރާލާ އެ އިސްތިއުނާފާ މެދު ގޮތެއް ނިންމީ ކަމަށް ބެލެވިދާނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ އަމުރު ބާތިލްކުރީ ކަމަށެވެ.