Roadha Mihaaru
ބުރު ބަލިކޮށް ޓީސީ ސެމީގެ އުންމީދު ހޯދައިފި

ބުރު ބަލިކޮށް ޓީސީ ސެމީގެ އުންމީދު ހޯދައިފި

16 އެޕްރީލް 2023

ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ފުރަތަމަ މޮޅު ހޯދައި، ސެމީ ފައިނަލްގެ އުއްމީދު އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ފުރަތަމަ މޮޅު ހޯދައި، ސެމީ ފައިނަލްގެ އުއްމީދު އާކޮށްފި އެވެ.

މި ނަތީޖާއާ އެކު ޓީސީ އަށް ވަނީ ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ނިމިފަ އެވެ. ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އެޓީމު ބަލިވީ 2-0 އިންނެވެ. ގުރޫޕް ބީގެ ފަހު މެޗުގައި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބުރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ކުޅޭ ބުރު ސްޕޯޓްސްގެ ޓީމުގައި، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ހިމެނުނެވެ.

ބުރު ސްޕޯޓްސްގެ ކެޕްޓަނަކީ ކުރިން ޒުވާން ގައުމީ ޓީމުތަކާއި ޔުނައިޓެޑް ވިކްޓަރީ އިން ވެސް ފެނުނު އަލީ ހަމްދާން (އައްޔަ) އެވެ. ތިން ވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި ވެސް އައްޔަ ވަނީ ބުރު ސްޕޯޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. ކުރިން ޒުވާން ގައުމީ ޓީމުތަކަށް ކުޅެ މާޒިޔާ އާއި އީގަލްސް އަދި ވިކްޓަރީ އިން ވެސް ފެނުނު މުހައްމަދު ތަޝްމީން (ތައްތި) ވެސް ވަނީ އަހަރުތަކަކަށް ފަހު ފުރަތަމަ ޑިވިޝަނަށް ނުކުމެފަ އެވެ.

މީގެ އިތުރުން އަހުމަދު ރަޝީދު (އަންމަޑޭ) އާއި ޑިފެންޑަރު މުހައްމަދު ސާއިފް ގެ އިތުރުން މުހައްމަދު ސާމިރާއި އަބްދުﷲ ޖުނެއިދު (ޖެންނޭ)ގެ އިތުރުން ފާރޫގް އިސްމާއިލާއި މުހައްމަދު ނާއިމް ވެސް ބުރުގެ ސްޓާޓިންގައި ހިމެނުނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގައި ފެނުނު ފުރަތަމަ ނުރައްކާ އެޓޭކް އުފެއްދީ ޓީސީ އިންނެވެ. ހާފުގެ ވަރަށް ކުރީކޮޅޫ ޓީސީގެ އަބްދުލް ވާފިދު އިބްރާހިމް ހުސްކޮށްލާފައި މުހައްމަދު މުސްލިހު (މުއްޓީ) އަށް ދިން ބޯޅަ ތިރިތިރިން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.

ބުރު ސްޕޯޓްސް އަށް މި ހާފުގައި ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަންމަޑޭ އަށެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ކޯނަރަކަށް ބޭރުވިއިރު، ކޯނަރުން ތައްތި ނެގި ބޯޅަ އަންމަޑޭ ބޮލުން ފޮނުވާލެވުނީ ޓީސީގެ ކީޕަރު ސުޖަން ޕެރޭރާއާ ދިމާލަށެވެ.

ޓީސީ އިން ފުރަތަމަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 47 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ މި ހާފަށް ކުޅެން އެރި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. އޭނާ ވަނީ ހާފު މެދަކާ ހަމައިން މުޅިން ހުސްކޮށް ބޯޅަ ހޯދައިގެން ކުރިއަށް އަރައި ހަމަޖެހިލައިގެން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ލީޑު ފުޅާކުރަން ވެސް ޓީސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަހުނަފް މުހައްމަދު ތަސްނީމް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ނަތީޖާ އެއްވަރުކުރަން ބުރުން ކުރި މަސައްކަތުން ހޯދި ފުރުސަތެއްގައި ނާއިމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ސުޖަން ވަނީ ދިފާއު ކޮށްފަ އެވެ. އަދި ތައްތި ފޮނުވާލި ހަމަލާއެއް ވެސް ސުޖަން ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. ބައްދަލުކުރާނީ ގުރޫޕް އޭގެ ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.