Roadha Mihaaru
އައްޑޫގައި ޓޫރިޒަމަށް ހާއްސަ ދޮންވެލި ތުނޑިއެއް ހަދަނީ

އައްޑޫގައި ޓޫރިޒަމަށް ހާއްސަ ދޮންވެލި ތުނޑިއެއް ހަދަނީ

25 ޑިސެމްބަރ 2018

އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން އެކުލަވައިލާ ޕްލޭނުގެ ދަށުން ޓޫރިޒަމަށް ހާއްސަ ދޮންވެލި ތުނޑިއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން އެކުލަވައިލާ ޕްލޭނުގެ ދަށުން ޓޫރިޒަމަށް ހާއްސަ ދޮންވެލި ތުނޑިއެއް ހަދަން ނިންމައިފި އެވެ.

ކައުންސިލުން އެކުލަވައިލާ އައްޑޫގެ ޓޫރިޒަމް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ދެ ބައްދަލުވުމަށް ފަހު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ޓޫރިޒަމް ތަރައްގީކޮށް ކުރިއަރުވަން ބޭނުން ނަމަ ރީތި ދޮންވެލި ތުނޑިއެއްގެ މުހިއްމުކަން ބޮޑު ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި "ރާއްޖެ އަށް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްލަން އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އަޖައިބު ކުރުވަނިވި ރީތި ހުދު ދޮންވެލި ތުނޑިތަކުގެ ހިތްގައިމުކަން ދެކިލުމުމެ" ވެ. ނަމަވެސް އައްޑުއަކީ ބިމުގެ ގޮތުން ބޮޑު އަތޮޅަކަށް ވިޔަސް، ރާއްޖޭ އެހެން އަތޮޅުތަކާ ހިލާފަށް އައްޑޫގެ ރަށްތަކަކީ ރީތި ދޮންވެލި ތުނޑިތަކެއް ހުރި ތަނެއް ނޫން ކަމަށާއި އައްޑު އަށް އެފަދަ ދޮންވެލި ތުނޑިއެއް ބޭނުންވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ ތުނޑިއެއް ހެދުމަށް ކައުންސިލުން ވަނީ މިދިޔަ ހަފުތާގެ ބައްދަލުވުމެއްގައި ވެސް ނިންމައިފަ އެވެ.

"ކައުންސިލްގެ ނިންމުމުގައި އައްޑޫގައި ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން ތުނޑިއެއް ހެދުމަށްޓަކައި ހާއްސަ ކުރެވޭ ސަރަހައްދުތައް ކަނޑައަޅައި އެސަރަހައްދުތައް ޑިޒައިންކޮށް، ތަނުގެ އީއައިއޭ ހަދައި ޓެކްނިކަލް ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ،" ކައުންސިލުން ބުންޏެވެ. "އަދި މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ކައުންސިލްގެ ދަށުގައި އިންނަ ޓްރަސްޓް ފަންޑްގައި ޓޫރިޒަމް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ފައިސާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ."

ކައުންސިލުން ބުނި ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރަން އެކުލަވައިލާ ޕްލޭނަށް ހިޔާލު ހޯދަން ހުޅުމީދު އާއި ހިތަދޫގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ގިނަ ބަޔަކު ވެސް ރީތި ދޮންވެލި ތުނޑިއެއް އައްޑޫގައި ހަދަން ތާއިދުކޮށް ހިޔާލު ފާޅުކޮށްފަ އެވެ.

ޓޫރިޒަމް ޕްލޭނަށް ހިޔާލު ހޯދަން ހިތަދޫގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ވަނީ މި ހަފުތާގެ ނިޔަލަށް ހުޅުވާލައިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އީމެއިލުން ހިޔާލު ހުށަހެޅޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގައި މިހާރު ދެ ރިސޯޓާއި ސިޓީ ހޮޓަލެއް ހިންގަމުން އަންނަ އިރު، ތިން ވަނަ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އައްޑުއަކީ ގެސްޓް ހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ތަނެކެވެ.

އައްޑޫގައި މި ވަގުތު ހިންގާ ދެ ރިސޯޓަކީ ކެނަރީފް (ހެރެތަރަ) ރިސޯޓާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ. އަދި ގަމުގައި އީކްއޭޓާ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ހިންގަމުން އަންނަ އިރު، އިސްމާލެހެރަ ރިސޯޓެއްގެ ގޮތުގައި އަންނަނީ ތަރައްގީ ކުރަމުންނެވެ.