Roadha Mihaaru
ޔާމީނަށްޓަކައި މުޅި ޕާޓީ ގުރުބާން ވާން ޖެހޭ

ޔާމީނަށްޓަކައި މުޅި ޕާޓީ ގުރުބާން ވާން ޖެހޭ

19 އެޕްރީލް 2023

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ އެ މަނިކުފާނު ޖަލުން މިނިވަން ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މަގުމަތީގެ ހަރަކާތްތައް ވީހާ ވެސް ގިނަ ކުރާށެވެ. އެ މަނިކުފާނު އެންމެ ފަހުން ހައި ކޯޓަށް ހާޒިރުކުރި ދުވަހު އެތަނުން ދިމާވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ އަރިހުން ވެސް އެދިވަޑައިގެންނެވި އެއް ކަމަކީ އެއީ އެވެ. އެކަމަކު، އަނެއްކޮޅުން އުފެދޭ ސުވާލަކީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ތާރީހުތައް ކައިރިވަމުން އަންނައިރު، ކޮންމެ ރެއަކު އެ ކުރާ މުޒާހަރާއަކުން އެ ވިދާޅުވާ ނަތީޖާއެއް ނެރެވިދާނެ ހެއްޔޭ އެވެ؟

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ އެ މަނިކުފާނު ޖަލުން މިނިވަން ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މަގުމަތީގެ ހަރަކާތްތައް ވީހާ ވެސް ގިނަ ކުރާށެވެ. އެ މަނިކުފާނު އެންމެ ފަހުން ހައި ކޯޓަށް ހާޒިރުކުރި ދުވަހު އެތަނުން ދިމާވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ އަރިހުން ވެސް އެދިވަޑައިގެންނެވި އެއް ކަމަކީ އެއީ އެވެ. އެކަމަކު، އަނެއްކޮޅުން އުފެދޭ ސުވާލަކީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ތާރީހުތައް ކައިރިވަމުން އަންނައިރު، ކޮންމެ ރެއަކު އެ ކުރާ މުޒާހަރާއަކުން އެ ވިދާޅުވާ ނަތީޖާއެއް ނެރެވިދާނެ ހެއްޔޭ އެވެ؟

އާރަށުގެ މައްސަލާގައި މަނީލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. އޭގެ ފަހުން ހަތަރު މަސް ފާއިތުވެ، ޕީޕީއެމްގެ ލީޑަޝިޕަށް މަގުމަތީގެ ހަރަކާތްތަކުން މިހާތަނަށް ނެރެވުނު އެއްވެސް ނަތީޖާއެއް ނެތެވެ. މުޅި ޕާޓީ ހުސްވެ އޮތީ ޔާމީން ޖަލުން ނެރެވޭނެ ގޮތެއް ހޯދުމަށެވެ. އެކަމަކު، އެހެން މަގުމަތީގަ އާއި އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އަށް ދުވެދުވެ ތިއްބައި ރިޔާސީ އިންތިހާބަށް އިއުލާން ކުރާ ތާރީހު މިއޮއް ޖެހެނީ އެވެ.

އިންތިހާބާ ގުޅޭ މުހިންމު ތާރީހުތައް:

● ވޯޓާސް ލިސްޓު އާންމު ކުރުން: މެއި 2، 2023 - ޖޫން 2، 2023 އަށް.

● ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު: ޖުލައި 23، 2023 - އޮގްސްޓް 3، 2023 އަށް.

● އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލުން: ޖުލައި 25، 2023 - އޮގަސްޓް 13، 2023 އަށް.

● ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާން ކުރުން: އޮގަސްޓް 9، 2023 އަށް.

● ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތު: އޮގަސްޓު 10، 2023 - ސެޕްޓެމްބަރު 8، 2023 އަށް.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތާވަލަށް ބަލާއިރު ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޖުލައި 23 ގައި ފުރުސަތު ހުޅުވައިލާނެ އެވެ. މާނައަކީ އޭގެ ކުރިން ޔާމީންގެ ކެންޑިޑެސީއާ މެދު ކޮންމެހެން ވެސް ގޮތެއް ނިންމަން ޖެހުމެވެ. އެކަމަކު، އެ ކަމުގައި ލިބެން އޮތް ކާމިޔާބީ ގުޅެނީ ހައި ކޯޓުގައި މިހާރު އޮތް އާރަށުގެ މައްސަލައިގެ އިސްތިއުނާފާ އެވެ. ބުރަވާން ޖެހެނީ މި ވަރުގެ ބޮޑު މައްސަލައެއްގެ އިސްތިއުނާފު ނިންމަން ހައި ކޯޓުން އާންމުކޮށް ހޭދަވާ މުއްދަތަށެވެ.

ޔާމީން އެންމެ ފަހުން ސަލާމަތްވި ވޮޑަމުލާގެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ނިންމަން އަހަރެއްހާ ދުވަސް ނެގި އެވެ. ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ތަޖުރިބާގެ އަލީގައި ވިދާޅުވާ ގޮތުން ނަމަ އާރަށުގެ މައްސަލައިގެ އިސްތިއުނާފު ނިންމަން އެންމެ މަދުވެގެން ވެސް ހަތް މަސް ދުވަސް ނަގާނެ އެވެ. އާރަށުގެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި އަދި ނުވެސް ފަށަ އެވެ. ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ޑޮކިއުމެންޓަކުގައި 300 އަށް ވުރެ ގިނަ ސަފުހާ ހިމެނޭ ކަމަށް ވެ އެވެ. އެ ހުރިހާ ކަރުދާހެއް ފަނޑިޔާރުންނާއި ދެ ފަރާތުގެ ވަކީލުން ބަލައި ޖަވާބުދާރީ ވާން އެކަނި ވެސް، މަދުވެގެން ދެ މަސް ދުވަސް ނަގާނެ ކަމަށް މާޒީގެ ކޭސްތަކަށް ބަލައިފި ނަމަ ލަފާކުރެވެ އެވެ.

އާންމުކޮށް ހައި ކޯޓުގައި އިސްތިއުނާފު މަރުހަލާގެ ކޭސްތައް ހިނގާ ސްޕީޑަށް ބަލާއިރު ރިޔާސީ އިންތިހާބަށް އިއުލާން ކުރުމާ ހަމައަށް އާރަށުގެ މައްސަލަ އަވަހަށް ނިންމޭނީ ހައި ކޯޓުގެ އާންމު ހަމަތައް އެއްފަރާތްކޮށްގެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދެން އޮންނާނީ ބާރާއި ނުފޫޒު އެ ދެމެދަށް ވަނުމެވެ.

ސުވާލަކީ އެ ހުރިހާ ކަމަކަށް ބަލައިގެން ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ހަމަ ޔާމީނަށް ދޫކޮށްލައިގެން ތިބެންވީ ހެއްޔެވެ؟ އެހެން ހުރިހާ ޕާޓީތަކުން ކެމްޕެއިންގެ ތައްޔާރީތައް ފަށާފައިވާއިރު، ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީން ގޮތެއް ނުހޯދައި އާންމު މެމްބަރުން މަގުމަތި ކުރަންވީ ހެެއްޔެވެ؟

ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބުކުރާ މީހުންގެ ޝަރުތު ބަޔާންކުރާ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމަށް ކަނޑައެޅި އަދަބު މާފުކުރިތާ ތިން އަހަރު ވާން ޖެހޭ ކަމަށެވެ.

އެ މާއްދާ އަށް އެކަނި ބަލައިފި ނަމަ ރައީސްކަމަށް ކުރިމަތިލައްވަން ޔާމީންގެ ޝަރުތު ހަމައެއް ނުވެ އެވެ. ދެން އޮތީ ނިހާއީ ހުކުމުގެ ވާހަކަ އެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން މަޖިލިސް މެންބަރެއްގެ މައްސަލާގައި ނިހާއީ ހުކުމެއްގެ ވާހަކަ އައީ އޭނާ މެންބަރު ކަމުގައި ހުއްޓާ ހުކުމެއް އައުމުންނެވެ. މާނަ އަކީ މެންބަރުކަމަށް ކުރިމަތިލި އިރު ޝަރުތު ހަމަވެފައި، އިންތިހާބުވި ފަހުން ޝަރުތެއް ގެއްލުމެވެ. އެކަމަކު ކުރިމަތިލާއިރު ވެސް ޝަރުތެއް އުނިވާ ނަމަ އެއީ އެހެން ހާލަތެކެވެ. ވަކި މީހަކަށް ފުރުސަތު ދޭންވީމާ، ނިހާއީ ހުކުމެއް ނެތޭ ބުނެ، ކުށްތައް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ އެންމެންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރަން ފުރުސަތު ދިނުމަކީ އާންމު ވިސްނުމާ ތައާރުޒުވާ ވެސް ކަމެކެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކުރި ހުކުމަށް ފަހު މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރުވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކުރި ހުކުމަށް ފަހު މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރުވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ހައި ކޯޓުން ޔާމީންގެ އާރަށުގެ މައްސަލައިގެ ހުކުމް ނުނިންމަނީސް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ލާ ހިސާބުން ދެން ވާނެ ގޮތެއް ވެސް ބަލަން ޖެހެ އެވެ. ފަހު ވަގުތު ކޮންމެ ފަދަ ނަތީޖާއެއް ވެސް އިލެކްޝަންސް ކޮމިޝަނުން އަދި ސުޕްރީމް ކޯޓުން ވެސް ނެރުމުގެ ފުރުސަތު އޮތް ކަމަށް ޕީޕީއެމް ކަހަލަ ވަރުގަދަ އިދިކޮޅު ޕާޓީއަކުން ގަބޫލު ކުރަން ޖެހެ އެވެ.

އިސްތިއުނާފުގެ މައްސަލަ ދިގުލައިގެން އެކަމާ ކަންބޮޑުވެގެން އިހުތިޖާޖު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފުރުސަތު ދީފި ނަމަ ސިޔާސީ މަސްރަހު ބަދަލުވާނެ ގޮތަކާ މެދު އެހެން ސިޔާސީ ބޭފުޅުން ނުވިސްނާނެ ކަމަށް ބަލަންވީ ހެއްޔެވެ؟ ޔާމީން ޖަލުން ބޭރުވުމާ އެކު، ދެން އެ ބޭފުޅުންގެ ސިޔާސީ ކެރިއަރަށް ކުރިމަތިވާނެ ކަންކަމަށް ނުބައްލަވައި، މަންމަން ވެފައި ތިބޭނެ ހެއްޔެވެ؟

މިހެން ކަން އޮތް އިރު، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޔާމީނަށް ކުރިމަތިލެވޭނެ ކަމަށް ޔަގީން ކޮށްގެން، ދެން އެހެން އެއްވެސް ކަމެއް ނުކޮށް އަތް އުރާލައިގެން ތިބުމަކީ އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމްގެ ގިނަ މެމްބަރުންނަށް ވެސް ވެވޭ ހިޔާނާތެކެވެ. އަނެއްކޮޅުން ކެމްޕެއިނަށް ފައިސާ ހޯދުމާއި އެހެން ތައްޔާރީތަކަށް ވެސް އަސަރު ނުކޮށް ނުދާނެ އެވެ. ކެންޑިޑެސީ ޔަގީން ނުވާ މީހެއްގެ ކެމްޕެއިނަށް ފައިނޭންސް ކުރަން ކޮންމެ ކޮންމެ މީހަކަށް ފަސޭހައެއް ނުވާނެ އެވެ. އެ ޖެހިލުން ވުން ނެތި ނުދާނެ އެވެ. ކަށަވަރު ރިޔާސީ ކެންޑިޑޭޓެއް ނުދެއްކި ފައިނޭންސް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

އާންމުކޮށް ހައި ކޯޓުގައި އިސްތިއުނާފު މަރުހަލާގެ ކޭސްތައް ހިނގާ ސްޕީޑަށް ބަލާއިރު ރިޔާސީ އިންތިހާބަށް އިއުލާން ކުރުމާ ހަމައަށް އާރަށުގެ މައްސަލަ އަވަހަށް ނިންމޭނީ ހައި ކޯޓުގެ އާންމު ހަމަތައް އެއްފަރާތްކޮށްގެންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދެން އޮންނާނީ ބާރާއި ނުފޫޒު އެ ދެމެދަށް ވަނުމެވެ.

ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރޭ ނަމަ އެ ކަން ކުރަން ޖެހޭނީ ޔާމީނަށް ހުރި ހުރިހާ އޮޕްޝަންތަކުން ފެއިލް ވެއްޖެ ނަމަ އެވެ. ސަބަބެއް ކަމަށް ބުނަނީ މާ އަވަހަށް އެހެން ކެންޑިޑޭޓަކު ދައްކައިފި ނަމަ ސަރުކާރުން އަނެއްކާ އެ ކެންޑިޑޭޓު ވެސް މަޅިއަކަށް ފައްތާލަފާނެތީ އެވެ. އެކަމަކު، އެހެން ސިޔާސީ ޕާޓީތަކުން އިންތިހާބުގެ ޗާޓު ކުރަހަން ފަށައިފި އެވެ. ރިޔާސީ އިންތިހާބަށް ސިޔާސީ ބާރުވެރިކަން ހޯދަން ގުޑުވައިލެވޭ ހުރިހާ މެމްބަރުން އެކި ޕާޓީތަކަށް ވައްދަނީ އެވެ. އެ ހާލަތުގައި، ކެންޑިޑެސީއާ މެދު ސުވާލު އުފެދިފައިވާ ޕާޓީއެއްގައި ހުރެގެން ލިބޭނެ ފައިދާއާ މެދު ވެސް ޕާޓީ ބަދަލުކުރާ މީހުން ވިސްނާނެ އެވެ.

ރިޔާސީ ކެންޑިޑޭޓުގެ ކޯޅުމެއް ޕީޕީއެމްގެ ތެރޭގައި މިވަރު ވީމާ ނުއުފެދޭނެ ކަމަށް ބުނާނެ ޖާގައެއް ނެތެވެ. ލީޑަޝިޕުން ކިތަންމެ ފޮރުވަން އުޅުނަސް އެ ކަން ވެސް މަޑުމަޑުން ތިލަވާން ފަށައިފި އެވެ. ކެންޑިޑޭޓަކަށް ވާން ޝައުގުވެރިވާ، އެކަމަކު ޔާމީން އަމަލު ކުރައްވާނެ ގޮތަކާ ހެދި އަނގަ ހުޅުވަން ނުކެރިފައި ތިބި ބަޔަކު ޕީޕީއެމްގެ އެތެރޭގައި އެބަތިއްބެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ތާރީހުތައް ގާތްވާ ވަރަކަށް އެ ކަންކަން ފަޅާ ވެސް އަރާނެ އެވެ. މިހާރު އޭގެ ކޮޅުމަތި އެ ދަނީ ފެންނަމުންނެވެ.

ޔާމީން ގެންގުޅުއްވާ ފަލްސަފާއަކީ އެ މަނިކުފާނު ޖަލުން މިނިވަން ކުރުން ފިޔަވައި ސިޔާސީ ގޮތުން އެހެން އެއްވެސް ކަމަކަށް ޕީޕީއެމްގެ ވަގުތު ހުސް ނުކުރުން ކަމަށް ވެދާނެ އެވެ. އެކަމަކު، އޭގެ ގެއްލުން މުޅި ޕާޓީ އަށް ވުމަކީ ދުރު ކަމެއް ނޫނެވެ. ޔާމީންގެ ކެންޑިޑެސީގެ ބަހުސް ކުރުމަކީ ޕީޕީއެމަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. އެއީ ޔާމީނާ ދެކޮޅުވުން ނުވަތަ ކެންޑިޑެސީ ގަބޫލު ނުކުރުން ކަމަށް ދެކޭ ނަމަ ޕާޓީ ވާނީ ހަލާކެވެ.