Roadha Mihaaru
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!

ދަށު ކޯޓުގެ ޝަރީއަތާ ގުޅިގެން ޔާމީންގެ އިސްތިއުނާފު ލަސްކުރާ ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވެއްޖެ

13 ޖޫން 2023

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް، ކްރިމިނަލް ކޯޓުގައި މިހާރު ހިންގާ އެހެން މައްސަލައެއްގެ އަޑުއެހުންތަކާ ގުޅިގެން ހައި ކޯޓުން ލަސްކުރާ ކަމަށް ބުނެ، އިދިކޮޅު ޕާޓީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް، ކްރިމިނަލް ކޯޓުގައި މިހާރު ހިންގާ އެހެން މައްސަލައެއްގެ އަޑުއެހުންތަކާ ގުޅިގެން ހައި ކޯޓުން ލަސްކުރާ ކަމަށް ބުނެ، އިދިކޮޅު ޕާޓީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ހުކުމް ކޮށްފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފަށައިފަ އެވެ. އޭގެ ފަހުން ހައި ކޯޓުގައި އިތުރު އަޑުއެހުމެއް ތާވަލް ނުކުރި ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އިއްޔެ ފަށައި މިއަދާ އެކު ދެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. ޔާމީންގެ ވަކީލުންގެ ވެސް އެދުމުގެ މަތިން ފުއްގިރި މައްސަލާގައި މާދަމާ ވެސް އިތުރު އަޑުއެހުމެއް ވަނީ ތާވަލް ކޮށްފަ އެވެ.

ޕީޕީއެމް/ ޕީއެންސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެ މައްސަލަ ނަންގަވައިފަ އެވެ.

އޭނާ ވިދާޅުވީ، ހައި ކޯޓުން ތައާވަލު ކުރާ އަޑުއެހުންތައް ކެންސަލް ކުރަނީ ދަށު ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ކަމަށާއި އެކަމަކު އެއީ ކޮން ގައުމެއްގައި ކަން ހިނގާ ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ، ސަރުކާރަށް ފާޑުވިދާޅުވެ، ޝިޔާމް ވިދާޅުވީ ރާއްޖޭގައި މައްސަލަތައް މިއަދު ކުރިއަށް ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތަކަށް އެކަނި ކަމަށެވެ.

އެކަމަކު، ހައި ކޯޓުގައި އާރަށުގެ މައްސަލައިގެ އިސްތިއުނާފު ފެށި ފަހުން މައްސަލަ ތާވަލް ކުރުމަށް ފަހު ކެންސަލްކުރި ކަމެއް އެނގޭކަށް ނެތެވެ.

ދަށު ކޯޓުގެ މައްސަލަ އެބަދޭ ހަމަ ފަތު އަޑު ކިޔާފައި، ފަޓާސްބަރިއެއް ހެން. 25 ޑިސެމްބަރުގައި އެ މަނިކުފާނަށް އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި ފެބްރުއަރީގައި،"--- ޝިޔާމް

މިރޭގެ ނިއުސް ބްރީފިންގައި އިދިކޮޅުން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފަށް ހުށަހެޅިތާ ފަސް މަސްވީ އިރު ވެސް އެ މައްސަލައާ މެދު ގޮތެއް އަދިވެސް ނިންމާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ކުރިން ވެސް ޕީޕީއެމުން ވަނީ އެކި ޕްލެޓްފޯމްތަކުގައި އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޝިޔާމް ނޫސްވެރިންނަށް ވިދާޅުވީ، ޔާމީނާ މެދު ކަންތައް ކުރަނީ ވަރަށް އިންސާނިއްޔަތުކަން ކުޑަކޮށް ކަމަށެވެ.

ދަށު ކޯޓުން އިއްޔެ ބޭއްވި ޔާމީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ، އެ ޝަރީއަތް އޮތީ މާފުށީ ޖަލުގެ ކުޑަ ގޮޅިއެއްގައި 13 ގަޑިއިރު ޔާމީން ބައިންދައިގެން ކަމަށެވެ. މިއަދު ހެނދުނު ފެށި ޝަރީއަތް ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދިޔަ ކަމަށާއި އެެއީ އަނިޔާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރީ "ހަރާމް" ހުކުމެއް ކަމަށެވެ.

ކޯޓު ހުކުމެެެއް މީހެއްގެ މައްޗަށް އަތުވެއްޖެ ނަމަ، އިސްތިއުނާފަކީ އެ މީހަކަށް ލިބިގެންވާ އެންމެ ހައްސާސް ހައްގު ކަމަށާއި އެކަމަކު އެ ހައްގުން ވެސް ޔާމީން މަހްރޫމް ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ދަށު ކޯޓުގެ މައްސަލަ އެބަދޭ ހަމަ ފަތު އަޑު ކިޔާފައި، ފަޓާސްބަރިއެއް ހެން. 25 ޑިސެމްބަރުގައި އެ މަނިކުފާނަށް އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި ފެބްރުއަރީގައި،" ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޖަލަށް ލާފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

ޔާމީނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ކޮށްފައި ވާއިރު ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ޔާމީނަށް ސަރުކާރުން ދޭ އަނިޔާގެ ތަފްސީލުތައް ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށާއި ގާތް ގައުމުތަކާ ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް/ ޕީއެންސީއާ ނުލައި ރާއްޖެ އަށް ހޯދޭނެ ޑިމޮކްރަސީއެއް ނޯންނާނެ ކަމަށް އދ. އިން ވެސް ބުނެފައި ވެ އެވެ