Roadha Mihaaru
ރާއްޖެ ވަޑައިގަތުމުގެ މަގުމަތީ ނަޝީދު އިންޑިއާއަށް

ރާއްޖެ ވަޑައިގަތުމުގެ މަގުމަތީ ނަޝީދު އިންޑިއާއަށް

19 އެޕްރީލް 2023

އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންނެވުމުގެ މަގުމަތީގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންނެވުމުގެ މަގުމަތީގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުުގެ އިދާރާ އިން މިކަން ކަށަވަރުކޮށެއް ނުދިނެވެ.

ނަޝީދު ފުރާވަޑައިގަތުގެ މައުލޫމާތު ހިއްސާކުރައްވައި ނެރުއްވި ބަޔާނުގައި މަޖިލީހުން ބުނެފައި އޮތީ އެ ދަތުރުފުޅަކީ މި މަހުގެ 12 އިން 17 އަށް އައިއެމްއެފްގެ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގައި ބައިވެރިވެވަޑއިގަތުމުގެ ދަތުރެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދުގެ ނިއު ދިއްލީ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައި ޝަންކަރުއާ ބައްދަލުކުރައްވާނެ އެވެ. ނަޝީދާ ގާތް ގުޅުމެއް އޮންނަ އިންޑިއާއާ އެކު ބައްދަލުވުމެއް މި ބާއްވަނީ ރިޔާސީ އިންތިހާބަށް ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތައް ފެންނަމުން ދަނިކޮށެވެ.

އެމްޑީޕީގެ ރައީސްގެ ގޮތުގައި ނަޝީދު ހުންނެވިޔަސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު ކޯލިޝަން ހެދުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" މަންދޫބުން ގެންދަވަނީ ޖޭޕީއާ އެކު މެނިފެސްޓޯ ވެސް އެކުލަވާލަމުންނެވެ.

ބަރުލަމާނީ ގެނައުމުގެ ޝަރުތުތަކަކާ އެކު އިއްތިހާދުވާން އުޅޭ ފިކުރެއްގެ ދިރުމާއި ޖޭޕީން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ވެސް ހުށަހަޅުއްވައިފަ އެވެ. އެ ބައްދަލުވުމެއް އަދި ނުބާއްވަ އެވެ.

ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ މި ދަތުރުފުޅާ ގުޅޭ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުގައި މަޑުކޮށްލާ މަންޒިލްތަކަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު ފިކުރަށް ބޮޑެތި ބަދަލުތަކެއް އައުން ގާތް ކަމަށެވެ. އަދި އެ މަންޒިލާ އެކު އުފާވެރި ދިރުމަކަށް ފިކުރު ބަދަލުވުމަކީ ހެޔޮ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސަމީރު، ޓުވީޓުގެ އިތުރަށް މި ވާހަކަ ތަފްސީލެއް ނުކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދަށް އިއްވި ޖަލު ހުކުމުން މިނިވަންކުރަން އެންމެ ބޮޑަށް ސަރުކާރަށް ޕްރެޝަރުކުރި އެއް ގައުމަކީ އިންޑިއާ އެވެ. މި ސަރުކާރާއި ރާއްޖެއާ އޮންނަ ގާތް ގުޅުމާ އެކު އިންޑިއާގެ ނުފޫޒު ފޯރާ ކަމަށް އިދިކޮޅުން ބުންޏަސް ނަޝީދު އިންޑިއާއާ ދެކޮޅަށް ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ސައުދީއާ އެކު އޮތް ގުޅުމަށް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.