Roadha Mihaaru
"ދެ ރައީސުން" ގެ މައްސަލަ މިފަހަރު ވެސް ބަލައިނުގަތް

"ދެ ރައީސް" ގެ މައްސަލާގައި ގާނޫނީ ބަހުސެއް ނެތުމުން މައްސަލަ މިފަހަރު ބަލައިނުގަތް

20 އެޕްރީލް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަކިވެފައި ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ދެ ވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް، އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާތީ މައްސަލަ ބަލައި ނުގަންނަން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަކިވެފައި ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ދެ ވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް، އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާތީ މައްސަލަ ބަލައި ނުގަންނަން ނިންމައިފި އެވެ.

ޕީޕީއެމްގެ ވަކީލުންގެ ޓީމެއް ބައިވެރިވެގެން، ވަކީލް އަހްމަދު ސިއްދީގުގެ ނަމުގައި މި މަހުގެ 20 ވަނަ ދުވަހު އަލުން މައްސަލަ ހުށަހެޅީ ކުރީގެ ހުށަހެޅުމުން ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމެވުމުން އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި އެވެ.

ފަނޑިޔާރު މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާގުން މިދިޔަ އާދީއްތަ ދުވަހު ނިންމީ "ހުށަހަޅާފައިވާ ކަންކަމުގައި ގާނޫނީ ޝަރުއީ ގޮތުން ބަހުސްކުރެވޭ ފަދަ ނުކުތާއެއް ހުށަހަޅާފައި ނުވާތީ" ކުރީގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.

މިއީ ގާނޫނުއަސާސީ މާނަކުރުމާއި އާންމު މަސްލަހަތާ ގުޅުން ހުރި ދުސްތޫރީ މައްސަލައެއް ކަމަށް، މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުގައި ބުނެފައި ވިޔަސް މި މައްސަލައިގެ ސީޣާ އަދި ދައުވާ ބިނާކުރި ސަބަބުތަކަށް ބެލި އިރު މިއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ އޮތީ ކުރިން ނިންމަވައިފަ އެވެ. މި ނިންމުން ބަދަލުކޮށްދޭންޖެހޭ ސަބަބެއް އޮތްތޯ ފަނޑިޔާރުން ބެއްލެވުމަށް ފަހު އެ ނިންމެވުމަށް ތާއީދުކުރެއްވީ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީލުންގެ ޓީމަކުން އެންމެ ފަހުން މައްސަލަ ހުށަހެޅި ދުވަހު ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނީ ރައީސުލް ޖުމްހޫރިއްޔާއަށް ޒިންމާތައް އަދާނުކުރެއްވޭ ހާލަތެއް މެދުވެރިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވުމުން ނައިބު ރައީސް ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ހުވާ ކަމަށާއި އެހެންވެ އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސްކަމުގެ މަގާމުގައި މިހާރު ހުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.

އެ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު "އާލާސްކަންފުޅެއް ޖެހޭ ކޮންމެ ފަހަރަކު" ނައިބު ރައީސް، ރައީސްކަމުގެ ހުވާކުރެއްވުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އުފެދިދާނެ ކަމަށާއި މިއީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް ކަމަށެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ވަޑައިގެން، މި މައްސަލަ ތަހުގީގުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ފެބްރުއަރީ 25، 2022 ހެނދުނު 6:00 ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.