Roadha Mihaaru
ސޫދާންގެ ހަނގުރާމައަށް މިސްރާއި ލީބިޔާ ވަންނަނީ

ސޫދާންގެ ހަނގުރާމައަށް މިސްރާއި ލީބިޔާ ވަންނަނީ

20 އެޕްރީލް 2023

މިދިޔަ ހޮނިހިރު ދުވަހު ސޫދާންގައި ފެށިފައިވާ ދާޚިލީ ހަނގުރާމައިގައި، އަވައްޓެރި މިސްރާއި ލީބިޔާ އިން ނުސީދާ ގޮތެއްގައި ބައިވެރިވާން ފަށާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ތުހުމަތު ކުރަން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޫދާންގައި ފެށިފައިވާ ދާޚިލީ ހަނގުރާމައިގައި، އަވައްޓެރި މިސްރާއި ލީބިޔާ އިން ނުސީދާ ގޮތެއްގައި ބައިވެރިވާން ފަށާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ތުހުމަތު ކުރަން ފަށައިފި އެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ސަރުކާރުގެ މުހިންމު ތަންތަނަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ. އޭގެ ތެރޭގައި ރިއާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން، އާރްއެސްއެފްގެ ލަޝްކަރަށް އެހީތެރިވުމުގެ ގޮތުން، ލީބިޔާގެ އިރުމަތީގައި ވެރިކަން ކުރަމުން އަންނަ އަސްކަރީ ޖެނެރަލް ޚަލީފާ ޚަފްތަރުގެ ފަރާތުން ވަނީ، އަސްކަރީ ކާގޯ މަތިންދާބޯޓެއްގައި ބައެއް ހަތިޔާރު ފޮނުވައިފަ އެވެ. އެ ޝިޕްމަންޓްގައި ހުރި ކަމަށް ބެލެވެނީ ބަޑިއާއި ބަޑީގެ ވަޒަނެވެ.

މިދިޔަ ހޯމަ ދުވަހު ޖެނެރަލް ޚަފްތަރުގެ ފަރާތުން ފޮނުވި އަސްކަރީ އެހީގެ މި ސާމާނު ފޮނުވީ ރަޝިޔާ އިން ނުވަތަ އެމިރޭޓްސް އިން ބާރުއެޅުމުން ކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ. އެ ދެ ގައުމަކީ ވެސް އާރްއެސްއެފްގެ ލަޝްކަރުގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫއާ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި މިސްރުގެ އަސްކަރީ މަތިންދާބޯޓުތަކަކާއި އަސްކަރީ ޕައިލެޓުންތަކެއް ވެސް މިހާރު ވަނީ ސޫދާންގެ އަސްކަރިއްޔާ އަށް އެހީތެރިވުމަށް ސޫދާނަށް ފޮނުވައިފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މިސްރު ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ސޫދާންގައި މިހާރު އުފެދިފައިވާ ދާޚިލީ ހަނގުރާމައިގައި މިސްރު ސަރުކާރުން ތާއީދު ކުރަނީ، ސޫދާންގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން އަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އާރްއެސްއެފްގެ ލަޝްކަރު ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފަށައި، މަރްވާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފަން މަސައްކަތް ކުރި އިރު، އެ ވައިގެ ބަނދަރުގައި ތިބި މިސްރުގެ ސިފައިންތަކެއް ހައްޔަރުކޮށް ރަހީނުންގެ ގޮތުގައި ހިފެހެއްޓި އެވެ. ސޫދާން ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އެ ގައުމަށް ފޮނުވާފައި ތިބި ބަޔަކު، އާރްއެސްއެފްގެ ލަޝްކަރުން ހައްޔަރު ކުރުމާ ގުޅިގެން، މިސްރު ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އާރްއެސްއެފްގެ ލަޝްކަރުން ހައްޔަރު ކުރި މިސްރު ސިފައިންގެ ތެރެއިން އިއްޔެ މިނިވަންކުރި ސިފައިން މިހާރު ވަނީ މިސްރަށް ގެންގޮސްފަ އެވެ. އަދި ބާކީ ތިބި ސިފައިން ވެސް ވީއެންމެ އަވަހަކަށް މިނިވަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިސްރު ސަރުކާރުން ބުނެ އެވެ.

ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެއްވެސް ގައުމެއް ވަދެއްޖެ ނަމަ، ހަނގުރާމަ އިތުރަށް ފުޅާވެ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވެގެން ދާނެ އެވެ.

މި ހަނގުރާމައިގައި ވޭތުވެގެން މިދިޔަ ހަ ދުވަހުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 280 މީހަކު މަރުވެފައިވާ ކަމަށް ސޫދާންގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އޭގެ އިތުރުން 2600 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، ހަމަލާތައް އެރުމުގެ ސަބަބުން ގިނަ ހޮސްޕިޓަލުތައް މިހާރު ހުރީ އެކަށީގެންވާ ސިއްހީ ޚިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ވެސް ސޫދާން ސަރުކާރުން ބުނެ އެވެ.