Roadha Mihaaru
ބިދޭސީ ކުލީ ސިފައިން ލީބިޔާއިން ފައިބަން ޖެހޭނެ: އދ

ބިދޭސީ ކުލީ ސިފައިން ލީބިޔާއިން ފައިބަން ޖެހޭނެ: ގުޓަރެސް

05 ސެޕްޓެމްބަރ 2021

ލީބިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ހުރިހާ ހަނގުރާމަވެރިންނާއި ކުލީ ސިފައިން އެ ގައުމުން ބޭލުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރެސް އެ ގައުމުތަކަށް އިއްޔެ ގޮވާލައްވައިފި އެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ހުރިހާ ހަނގުރާމަވެރިންނާއި ކުލީ ސިފައިން އެ ގައުމުން ބޭލުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރެސް އެ ގައުމުތަކަށް އިއްޔެ ގޮވާލައްވައިފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި މިހާރު ލީބިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިންނާއި، ކުލީ ސިފައިން ލީބިޔާގައި ތިބުމަކީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ސޮއިކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެހެންކަމުން، އެފަދަ ހަނގުރާމަވެރިން ލީބިޔާ އިން ބޭލުމަށް، އެ ހަނގުރާމަވެރިން ލީބިޔާ އަށް ގެނައި ގައުމުތަކަށް އޭނާ ގޮވައިލެއްވި އެވެ.

އޭގެ އިތުރުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ލީބިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިންނާއި ކުލީ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ގައުމުތަކުން އެކުރަނީ، ލީބިޔާ އަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް އދ. މަޖިލީހުން ނިންމާފައިވާ ނިންމުމާ ހިލާފު އަމަލެކެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ ހުއްޓާލައި މަދަނީ ސަރުކާރެއް ގާއިމުކުރުމާ ގުޅޭ ގޮތުން، ގުޓަރެސް ވިދާޅުވީ، ކުރިން އެއްބަސްވެފައިވާ ގޮތުގެ މަތިން، ޑިސެމްބަރު 24، 2021 ގައި ލީބިޔާގެ ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރުމަށް، ލީބިޔާގެ ހުރިހާ ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަން ޖެހޭނެ އެވެ.

ލީބިޔާގައި ދާހިލީ ހަނގުރާމަ ފެށުނީ، ލީބިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އޭރު ފެށި މުޒާހަރާތަކަށް، ނޭޓޯ އާއި އެމެރިކާއިން މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ، ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން، 2011 ވަނަ އަހަރު ވައްޓައިލުމުންނެވެ.

އެއާއެކު، ވެރިރަށް ޓްރިޕޮލީގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ސަރުކާރެއް އުފެއްދުމުން، އދ.މަޖިލީހުން އެ ސަރުކާރު ބަލައިގަތެވެ. ހަމައެއާ އެކު، ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރު، ގައުމުގެ އިރުމަތީގައި އަމިއްލަ ވެރިކަމެއް އިއުލާންކުރެއްވި އެވެ.

ލީބިޔާ ދެ ބަޔަކަށް ބެހިގެން ދިޔަ އިރު، މިއިން ކޮންމެ ބަޔަކަށް ވެސް، ބޭރުގެ ބައެއް ގައުމުތަކާއި ހަނގުރާމަވެރިން ބައެއް ޖަމާއަތްތަކުގެ ތާއީދު ލިބެމުން ދިޔަ އެވެ.

ޖެނެރަލް ހަފްތަރުގެ ހަނގުރާމަވެރިން، ވެރިރަށް ޓްރިޕޮލީ ހިފުމަށް 2019 ވަނަ އަހަރު ވަރުގަދަ ހަމަލާތަކެއް ފެށި އެވެ. ނަމަވެސް، ޓްރިޕޮލީގައި އޮތް ސަރުކާރުގެ ސިފައިންނަށް މަދަދު ދިނުމަށް ތުރުކީ ވިލާތުން ފޮނުވި ސިފައިންގެ އެހީގައި، ހަފްތަރުގެ ހަމަލާތައް ވަނީ 2020 ޖޫންގައި ނާކާމިޔާބު ކޮށްލައިފަ އެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ އަށް ނިމުމެއް ގެނައުމުގެ ގޮތުން، އދ. މަޖިލީހުން އިސްވެ ފެށި ސުލްހައިގެ ވާހަކަތަކުގައި، ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި އެއްބަސްވެވުނު ގޮތުގެ މަތިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލައިފަ އެވެ. އަދި އިންތިހާބެއް ބާއްވައި ސަރުކާރެއް އެކުލަވައިލުމަށްޓަކައި، މިހާރު ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލައިފަ އެވެ.

ނަމަވެސް، މިއަހަރުގެ ޑިސެމްބަރު 24 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބާ ހަމައަށް ދެވޭ ވަރަށް، ގާނޫނު ހަދާ މަޖިލީހުން، އިންތިހާބުތަކާ ބެހޭ ގާނޫނުތައް ނުހެދިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.