Roadha Mihaaru
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ

ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ

18 އޮކްޓޯބަރ 2023

ގާހިރާ (އޮކްޓޯބަރު 18) - ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގެނެސް މިސްރުގެ ސީނާގައި ނުގެންގުޅެވޭނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ މިއަދު ވިދާޅުވެއްޖެ އެވެ.

ގާހިރާ (އޮކްޓޯބަރު 18) - ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގެނެސް މިސްރުގެ ސީނާގައި ނުގެންގުޅެވޭނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޯލްޒްއާ އެކު ގާހިރާގައި މަޝްވަރާ ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސީސީ ވިދާޅުވީ މިސްރުގެ ސީނާގައި ފަލަސްތީނުގެ ރެފިއުޖީން ބޭތިއްބުމަށް މިސްރު ދެކޮޅު ހަދާ ކަމަށެވެ.

"ފަލަސްތީނުގެ ރެފިއުޖީން މިސްރަށް ގެނެސްފިއްޔާ، އިޒްރޭލުން އިސްނަގައިގެން ގާޒާގައި އެ ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ. އެފަދަ ހާލަތެއްގައި ކުރިމަތިވާ ކޮންމެ ނަތީޖާއަކާ ކުރިމަތިލާންޖެހޭނީ މިސްރު. އަދި ސީނާއަކީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ މައި މަރުކަޒު ކަމުގައި ވެގެންދާނެ،" ސީސީ ވިދާޅުވި އެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިސްރަކީ ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ގައުމެއްގެ ގޮތުގައި ހުނިޖެހިގެން ދާނެ."

ރައީސް ސީސީ ވިދާޅުވި ގޮތުގައި އިޒްރޭލުން ގާޒާ ހިސޯރުކުރުމުގެ މައިގަނޑު ބޭނުމަކީ، ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން މިސްރުގެ ސީނާ އަށް ހިޖްރަކުރަން މަޖުބޫރު ކުރުމެވެ.

"ގާޒާގައި އިޒްރޭލުން މިހާރު އެ ހިންގާ ކަންކަމަކީ ހަމައެކަނި ހަމާސް އަށް އަމާޒުކޮށްގެން ހިންގާ ކަންކަމެއްނޫން. އޭގެ ބަދަލުގައި އެހަރަކާތްތަކުގެ ފޮރުވިފައިވާ ސިއްރަކީ ގާޒާގެ ރައްޔިތުން އެ ބިން ދޫކޮށް މިސްރަށް ހިޖްރަކުރަން މަޖުބޫރު ކުރުން،" ރައީސް ސީސީ ވިދާޅުވި އެވެ.

"ގާޒާ އިން ކަރަންޓާއި ފެން ކަނޑައިލުމުގެ ހަގީގީ މަގްސަދަކީ، ސީނާ އަށް ބަދަލުވާން ފަލަސްތީނު މީހުންނަށް މަޖުބޫރު ކުރުން. އެއީ އަހަރެމެން މުޅިން ދެކޮޅު ހަދާ ކަމެއް."

އޭނާ ވިދާޅުވީ ގާޒާގައި ޚާއްސަ އަސްކަރީ ހަރަކާތެއް ހިންގަން އިޒްރޭލު ބޭނުންވާއިރު، އާންމުން ހިމާޔަތްކުރަން ބޭނުންވާ ނަމަ، ގާޒާއާ އިންވެގެން އިޒްރޭލުގައި އޮތް ނެގާވް ސަރަހައްދަށް ވެސް ފަލަސްތީނު މީހުން ވަގުތީ ގޮތުން ބަދަލުކުރެވިދާނެ ކަމަށެވެ.

"އިޒްރޭލުގައި އެ އޮތީ ނެގާވް ސަހަރާ ވެސް. ގާޒާގައި އުޅޭ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުން ކުރަން ބޭނުންވާ ކަމެއް ކުރުމަށް ފަހު، އަނބުރާ ގާޒާ އަށް ގެނެވެންދެން، ގާޒާގެ ރައްޔިތުން ނެގާވްގައި ވެސް ވަގުތީ ގޮތުން ބޭތިއްބިދާނެ."

ސީސީ ވިދާޅުވި ގޮތުގައި އިޒްރޭލުގައި ވެސް ހުސް ބިންތައް އޮތް އިރު، އިޒްރޭލުން ހިސޯރު ކޮށްގެން ގެންގުޅޭ ބަޔަކު، އިޒްރޭލުގައި ބޭތިއްބުމުގެ ބަދަލުގައި، މިސްރަށް ފޮނުވައިލަން އުޅުމުގެ ބޭނުމެއް ނުވިސްނެ އެވެ. ގާޒާގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ބޭރަށް ނުނިކުމެވޭ ގޮތަށް، މުޅި ގާޒާ ހިސޯރުކޮށްފައި އޮންނަތާ މިހާރު 16 އަހަރުވީ އެވެ.

އިޒްރޭލުން މިހާރު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް މިއަދަށް 12 ދުވަސްވީ އެވެ. އިޒްރޭލުން މިސްރުގެ ސަރުކާރުގައި އެދެމުން ދަނީ، ގާޒާ އިން ނުކުންނަށް ބޭނުންވާ މީހުންނަށް މިސްރުން ހިޔާވަހިކަން ދިނުމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުން ބުނަމުން ދަނީ، އެމީހުން އަމިއްލަ ވަޒަން ދޫކޮށްފައި ދާން ބޭނުންނުވާ ކަމަށާއި، އަމިއްލަ ގައުމުގައި ދިރިއުޅުމުގެ ހައްގު ބައިނަލްއަގުވާމީ މުޖްތަމައުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އަގްސާ ތޫފާންގެ ނަމުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުންނެވެ. އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނު ރައްޔިތުންގެ ތެރެއިން 3،500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށް ވުރެ މަތިވެފަ އެވެ. ދެ ހާހެއްހާ ގެދޮރު ބިމާ ހަމަވެ، 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު 1،400 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނެ އެވެ. ޒަހަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 3،900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.