Roadha Mihaaru
ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ގިނަ މައްސަލަތަކެއްގައި ތާށިވި، ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

23 އެޕްރީލް 2023

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 21 އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 21 އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާގައި އޭނާ ހޭދަކުރެއްވި މުއްދަތުގެ އަގު އެ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ވެސް ކުރިން ހުންނެވި ހަސަންގެ މައްސަލައެއް ވެސް ޖޭއެސްސީން ވަރަށް ފަހުން ބެލި އެވެ. އޭނާ 14 ދުވަހަށް ސަސްޕެންޑްކުރީ ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. ނަމަވެސް ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ގައި ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން މިި އަހަރުގެ ފެބްރުއަރީ މަހު ހަސަނަށް ފިޔަވަޅު އެޅީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހި ކޮށްދިން ކަމަށް ބުނެ އެވެ. އެކަމަކު، އޭނާ ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ނިންމުމުން ހަސަންގެ ރެކޯޑް އޮތީ ސާފުވެފަ އެވެ.

ހަސަންގެ އެހެން ބައެއް މައްސަލަތައް ވެސް ޖޭއެސްސީން މީގެ ކުރިން ބަލާފައި ވެ އެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފެމިލީ ކޯޓުގައި މަސައްކަތް ކުރެއްވި ހަސަން 2016 ގައި ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް އޭރު ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން އެޅި ފިޔަވަޅެއްގެ ތެރެއިންނެވެ. ކްރިމިނަލް ކޯޓަށް ބަދަލުކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ދުވަސް ވަންދެން އޭނާ ސަސްޕެންޝަނުގައި ބެހެއްޓި އެވެ.

ފަނޑިޔާރަކު ރިޓަޔާ ކުރެއްވިއިރު، ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ދޭނެ އެވެ. އަދި 18 އަހަރު ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ/ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ އެވެ.