ދަރިވަރުންނާއި ބެލެނިވެރިން ނުކުމެ ގާޑިޔާތަކާއި ގޯނިގޯނީގައި އުފުލަމުން އެ ދަނީ ހުސް ޕްލާސްޓިކެވެ. އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ އެ ޕްލާސްޓިކް ހޮވާ އެއްކުރަމުން އެދަނީ ރާއްޖޭގެ މި ނާޒުކު ތިމާވެށީގެ ހިމާޔަތަށް ފަރުދީ ޒިންމާ އަދާކުރުމަށެވެ. މުޅި ރާއްޖެއަށް އެ ނަމޫނާ ދައްކަމުން ދަނީ ވ. ކެޔޮދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނެވެ.
19 މާޗް 2019
ދަރިވަރުންނާއި ބެލެނިވެރިން ނުކުމެ ގާޑިޔާތަކާއި ގޯނިގޯނީގައި އުފުލަމުން އެ ދަނީ ހުސް ޕްލާސްޓިކެވެ. އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ އެ ޕްލާސްޓިކް ހޮވާ އެއްކުރަމުން އެދަނީ ރާއްޖޭގެ މި ނާޒުކު ތިމާވެށީގެ ހިމާޔަތަށް ފަރުދީ ޒިންމާ އަދާކުރުމަށެވެ. މުޅި ރާއްޖެއަށް އެ ނަމޫނާ ދައްކަމުން ދަނީ ވ. ކެޔޮދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނެވެ.
ގުދުރަތީ ރީތިކަން ވިއްކައިގެން ނަފާ ހޯދާ މި ރާއްޖޭގެ ނަލަކަމަށް ވެސް އޮތް އެންމެ ބޮޑު ބިރަކީ ޕްލާސްޓިކެވެ. މުރަކައިގެ ބަގީޗާތައް ހަޑިކޮށްފި އެވެ. ރީތި ގޮނޑުދޮށްތަކާއި ފިނޮޅުތައް ގޮނޑަކަށް ހަދައިފި އެވެ. އެތައް ދިރޭތަކެއްޗެއްގެ ދިރުންތަކަށް ގެއްލުން ދެނީ އެވެ. އެހެންކަމުން ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ޕްލާސްޓިކާ ދެކޮޅަށް މިވަނީ އެންމެން އެކުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
ކެޔޮދޫ ސްކޫލުގެ ދަރިވަރުން ޕްލާސްޓިކް ހޮވާ ސާފުކުރުމުގެ މަސައްކަތުގައި-- ފޮޓޯ: ކެޔޮދޫ ސްކޫލް
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކެޔޮދޫ ސްކޫލަކީ "ޕްލާސްޓިކް ފްރީ" ސްކޫލެކެވެ. އެއް ފަހަރު ބޭނުންކުރާ އެއްވެސް ޕްލާސްޓިކް އެއްޗެއް އެ ސްކޫލަށް ވެއްދުން މަނަ އެވެ. ބެލެނިވެރިންނާއި ދަރިވަރުން ގެންގުޅެނީ ފޮތި ކޮތަޅާއި ބިއްލޫރި ފުޅި އެވެ. އެވަރުން އަދި ނިންމާލީއެއް ނޫނެވެ.
ކެޔޮދޫ ސްކޫލުން ކުރިއަށް ގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ހަރަކާތުގައި ޕްލާސްޓިކް އެއްކުރަނީ-- ފޮޓޯ: ކެޔޮދޫ ސްކޫލް
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު އެއް ދުވަހު ކެޔޮދޫ ސްކޫލުގެ 180 ދަރިވަރުންނާއި ބެލެނިވެރިން އެ ރަށުގެ ގޭބިސީތަކާއި އެހެނިހެން ތަންތަނުގައި ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އެއްކުރެ އެވެ. އެކުނިތައް ހަވާލުކުރަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، އެ އަލުން ބޭނުންކުރެވޭނެ ގޮތް ހަދާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ޕާލޭއަށެވެ.
"އާއްމުކޮށް އަޅުގަނޑުމެންނަށް ލިބެނީ ޕްލާސްޓިކް ފުޅި. އޭގެ އިތުރުން ތެޔޮ. މާޖިރީން ހުސްކުރި ދަޅު ކަހަލަ އެއްޗެތި ވެސް އެއްކުރަން. އެ އެއްޗެހި އެއްކޮށްފައި ޕާލޭއިން ދީފައި ހުންނަ ޖަންބޯ ބޭގަށް އަޅައިގެން މާލެ ފޮނުވަނީ،" އެ ހަރަކާތާ ގުޅޭ ގޮތުން ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވި އެވެ.
އެގޮތަށް އެއްކޮށް މިދިޔަ އަހަރު ވަނީ ހަތަރު ޓަނުގެ ޕްލާސްޓިކް އެ ރަށުން ޕާލޭއާ ހަވާލުކޮށްފަ އެވެ.
ޕްލާސްޓިކާ ދެކޮޅަށް ކެޔޮދޫ ސްކޫލުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބިއްލޫރި ފުޅި ދަރިވަރުންނާ ހަވާލުކުރުން-- ފޮޓޯ: ކެޔޮދޫ ސްކޫލް
ޕާލޭއަށް ރާއްޖެއިން ލިބޭ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ވަނީ ފުޓްބޯޅައިގެ ހާއްސަ ބޫޓާއި މަޝްހޫރު ފުޓްބޯޅަ ކުލަބު ބަޔާން މިއުނިކްގެ ޖޯޒީއެއް ވެސް ހަދައިފަ އެވެ.
ކެޔޮދުއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ އެއް ރަށެވެ. އެރަށުގައި 10 ވަރަކަށް ގެސްޓް ހައުސް ހިންގާއިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އަބަދުވެސް އެރަށުގައި ތިބެ އެވެ. ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތް ވެފައިވަނީ ޓޫރިސްޓުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަކަށެވެ. އަދި އެއީ ތިމާވެއްޓާއި ރައްޓެހި ރަށެއްގެ ގޮތުގައި އެރަށް އިސްތިހާރު ކުރަން ވެސް އޮތް ފުރުސަތަކަށް މިހާރު ވަނީ ވެފަ އެވެ.
އެ ހަރަކާތުގެ ފައިދާ ބޮޑުވެފައިވާތީ ގެސްޓް ހައުސްތަކުން އެކަމަށް ބޮޑު އެއްބާރުލުމެއް ދެ އެވެ. ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ކެޔޮދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ޕްލާސްޓިކް އެއްކުރުން މިހާރު ވަނީ ވާދަވެރި ކަމަކަށް ހަދައިފަ އެވެ. ކޮންމެ މަހަކު ވެސް އެންމެ ގިނައިން ޕްލާސްޓިކް އެއްކުރާ ކްލާހަކަށް ހާއްސަ އިނާމުތަކެއް ދެ އެވެ. އެ އިނާމުތައް ސްޕޮންސާ ކޮށްފައިވަނީ ގެސްޓް ހައުސްތަކުންނެވެ.
ކެޔޮދޫ ސްކޫލުން ކުރިއަށް ގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ހަރަކާތް-- ފޮޓޯ: ކެޔޮދޫ ސްކޫލް
"އެންމެ ގިނައިން ޕްލާސްޓިކް އެއްކުރާ ފަސް ކްލާހަކަށް އިނާމު ދެނީ. ޖައްސަޖައްސައިގެން އެއް ވަނަ ހޯދާ ކްލާސްތަކަށް މިރަށުގެ މާކަނާ ގެސްޓް ހައުސްއިން ޑިނާއެއް ނޫނީ ސްނޯކްލިންއެއް ނުވަތަ ޕިކްނިކެއް ދޭ. އެހެންވީމަ ކުދިން ވަރަށް މޯޓިވޭޓްކޮށްގެން މިކަން ކުރަމުން މިދަނީ،" ސްކޫލް ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އުކާލާފައި ހުންނަ ތަނެއް މިއަދު އެރަށަކުން ނުފެނެ އެވެ. ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަމުން އެދަނީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ދައްކާ ރީތި ނަމޫނާއިންނެވެ.
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ