ޕްލާސްޓިކަކީ އިންސާނިއްޔަތު މިއަދު ތަރައްގީވެފައިވާ ވަރަށް ގެނައުމުގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރި އެއްޗަކަށް ވިޔަސް، ޕްލާސްޓިކުން އުފެދޭ ކުނި މިހާރު ވެފައި ވަނީ މުޅި ދުނިޔެ އަށް، އަދި އިންސާނިއްޔަތަށް އޮތް ނުރައްކަލަކަށެވެ.
04 އޮކްޓޯބަރ 2021
ޕްލާސްޓިކަކީ އިންސާނިއްޔަތު މިއަދު ތަރައްގީވެފައިވާ ވަރަށް ގެނައުމުގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރި އެއްޗަކަށް ވިޔަސް، ޕްލާސްޓިކުން އުފެދޭ ކުނި މިހާރު ވެފައި ވަނީ މުޅި ދުނިޔެ އަށް، އަދި އިންސާނިއްޔަތަށް އޮތް ނުރައްކަލަކަށެވެ.
ހަތަރު ލައްކަައެއްހާ މީހުންގެ އާބާދީ އޮތް ރާއްޖެ އަށް އެކަނި ބަލާލިއަސް ޕްލާސްޓިކް ކުނީގެ އަދަދު ހުރީ ހައިރާންވާހާ މަތީގަ އެވެ. މާލެއިން އެކަނި ދުވާލެއްގެ މައްޗަށް 280،000 އެއްހާ ޕްލާސްޓިކް ފުޅި ކުނީގެ ގޮތުގައި އުކާލާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި ޔުނިސެފުން 2019 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރު ރާއްޖެއިން 100 މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު އުކާލާފައިވެ އެވެ.
ޕްލާސްޓިކް ކުނި އުފެދުން މަދު ކުރުމަކީ، ގިނަ ގައުމުތަކުން މިހާރު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. ޕްލާސްޓިކް ކުނި އުފައްދާ ވަރު ހޯދުން މުހިންމު ވަނީ އެހެންވެ އެވެ.
ގޭބިސީތަކުން ކުނި އުފައްދާ މިންވަރު ބަލަން، މިދިޔަ ޖުލައި އަދި އޯގަސްޓް މަހުގެ ތެރޭގައި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (ސިގްސް) ޖަމިއްޔާއިން ވަނީ ހުޅުމާލޭގެ 321 ގޭބިސީއެއް ހިމަނައިގެން ސާވޭއެއް ހަދައިފަ އެވެ. ގޭބިސީތަކުން އުފެދޭ ޕްލާސްޓިކް ކުނީގެ ބާވަތްތައް ދެނެގަތުމުގެ އިތުރުން، ޕްލާސްޓިކް ބޭނުންކުރާ ގޮތްތަކާއި ދެމެހެއްޓެނިވި އާދަތައް ގެންގުޅޭ މިންވަރާއި ޕްލާސްޓިކް މައްސަލައާ މެދު ހޭލުންތެރިކަން ހުރި މިންވަރު އަދި ސަރުކާރުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ މައުލޫމާތު އެނގޭ މިންވަރު ވެސް މި ސާވޭގައި ބަލާފައިވެ އެވެ.
މި ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި ޕްލާސްޓިކް ކުނި ބޭރު ކުރާ މިންވަރު ގިނަ އެވެ. އަދި ޕްލާސްޓިކް ކުނި މަދު ކުރަން ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެންނަން ޖެހެ އެވެ.
މި ސާވޭއިން ހޯދިފައިވާ ގޮތުގައި ގޭބިސީތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތަކީ ޕްލާސްޓިކް ކޮތަޅެވެ. ސާވޭގައި ބައިވެރިވި ގޭބިސީތަކުގެ ތެރެއިން 96 ޕަސެންޓު ގޭބިސީގައި ކުނީގެ ގޮތުގައި ދުވާލަކު ބޮޑު ރަތް ކޮތަޅެއްގެ ކުނި އުކާލަ އެވެ. އެހެންކަމުން، ސިގްސްއިން ލަފާ ކުރަނީ ކުނީގެ ގޮތުގައި ހުޅުމާލޭގައި ދުވާލަކު ގާތްގަޑަކަށް 9،500 ޕްލާސްޓިކް ކޮތަޅު އުކާލަން ޖެހޭނެ ކަމަށެވެ.
ސާވޭގައި ބައިވެރިވި ގޭބިސީތަކުގެ ތެރެއިން 96 ޕަސެންޓު ގޭބިސީގައި ކުނީގެ ގޮތުގައި ދުވާލަކު ބޮޑު ރަތް ކޮތަޅެއްގެ ކުނި އުކާލާ. މާނައަކީ ދުވާލަކު ދިހަވަރަކަށް ހާސް ޕްލާސްޓިކް ކޮތަޅު އުކާލަން ޖެހޭނެ.
ގިނަ ގޭބިސީތަކުން ފާހަގަކުރާ ގޮތުގައި، ޕްލާސްޓިކް ކޮތަޅު އެންމެ ގިނައިން ބޭނުންކުރަނީ ބާޒާރުކުރުމަށެވެ. އަށްޑިހަ ޕަސެންޓް ގޭބިސީން ގެއަށް ބާޒާރުކުރުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާއިރު، 95 ޕަސެންޓް މީހުން ރޯމަސް ގަތުމަށް ވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރެއެވެ. ބާޒާރުކުރާއިރު ފަސޭހައިން ފިހާރަތަކުން އެ ކޮތަޅު ލިބެން ހުންނާތި އިތުރު ހަރަދަކާ ނުލައި މި ބޭނުންތަކަށް ކޮތަޅު ލިބެ އެވެ.
މީހުން ދަތުރު ކުރާ ބޯޓެއްގައި ބަހައްޓާފައި ހުރި ޕްލާސްޓިކް ކޮތަޅުތަކެއް: ދަތުރުމަތީގައި މީހުން ހޮޑުލާން ވެސް ބަހައްޓާފައި ހުންނަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ މިފަދަ ކޮތަޅު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބާޒާރު ކުރުމަށް އަލުން ބޭނުން ކުރާ ކޮތަޅު ބޭނުން ކުރަނީ އެންމެ 20 ޕަސެންޓު ގޭބިސީގަ އެވެ. އަދި މާރުކޭޓު ފަދަ ތަންތަނުން މޭވާ އާއި ތަރުކާރީ ގަތުމަށް އަލުން ބޭނުން ކުރާ ދަބަސް ބޭނުން ކުރަނީ 47 ޕަސެންޓް ގޭބިސީގަ އެވެ.
ސާވޭގެ ގިނަ ބައިވެރިން ބުނާގޮތުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މައިގަނޑު ސަބަބަކީ ޑަސްބިންތަކަށް ލުމަށާއި ކުނި އުކާލުމަށް ބޭނުންވާތީ އެވެ. މަގުމައްޗަށް ކުނި ނެރެންޖެހެނީ ޕްލާސްޓިކް ކޮތަޅެއްގައި ބަންދުކޮށްފައި ކަމުން، ކުނި އުކާލުމަށް ކޮންމެހެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަޖުބޫރުވާ ކަމަށް ސާވޭގެ ބައިވެރިން ހާމަކުރި އެވެ.
ގެއަކުން އެންމެ ގިނައިން ޕްލާސްޓިކް ކުނި އުފެދޭ އެއް ކަމަކީ ބޭރުން ގަންނަ ތަކެތިިންނެވެ. އެއީ ގެއަށް ބޭޏުންވާ ތަކެތި ގަނެގެން ގެނައުން ނުވަތަ، ބޭރުން ކާ އެއްޗެހި އޯޑަރު ކުރުން ނުވަތަ ޕްލާސްޓިކް ފެންފުޅި އޯޑަރު ކުރުން ކަމުގައި ވިޔަސް އެވެ.
ސާވޭއިން ދައްކާ ގޮތުގައި 56 ޕަސެންޓް އަށް ވުރެ ގިނަ ގޭބިސީއިން ހަފްތާއަކު އެއް ފަހަރަށް ވުރެ ގިނައިން ކާތަކެތި ބޭރުން އޯޑަރު ކުރެ އެވެ. މީގެތެރެއިން 40 ޕަސެންޓް ގެންނަނީ ޕިއްޒާ އެވެ. ޕިއްޒާ އަކީ ކަރުދާހުގައި ބަންދު ކުރާ އެއްޗެއް ނަމަވެސް، ކޮންމެ ޕިއްޒާ އަކާއެކު ޕްލާސްޓިކް ކޯކް ފުޅިޔެއް ލިބޭ އިރު މިއީ ވެސް ޕްލާސްޓިކް ކުނީގެ ތެރޭގައި ހިމެނިގެންދާ ތަކެއްޗެވެ. ޕިއްޒާގެ އިތުރުން އެހެން އެއްޗިހި ގެންނަ ފަރާތްތަކުގެ 30 ޕަސެންޓް ގޭގެއިން ބުނާގޮތުގައި އޯޑަރުކުރާ ކާއެއްޗެހި ބަންދުކޮށްފައި ހުންނަނީ ޕްލާސްޓިކްގަ އެވެ. މީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު، ފުޅިމަދު އަދި ޕްލާސްޓިކް ކޮންޓޭނަރު ހިމެނެ އެވެ.
ގޭބިސީތަކުގެ ތެރެއިން 60 ޕަސެންޓު ގެއަށް ހަވީރު ސަޔަށް ހެދިކާ ގެންނަ އިރު، އޭގެ ތެރެއިން 92 ޕަސެންޓު ގެއިން ހެދިކާ ގެންނަނީ ޕްލާސްޓިކް ކޮތަޅުގަ އެވެ. އަށް ގެއަކުން އަމިއްލަ ކޮންޓޭނަރު ގެންދާ ކަމަށް ބުނި އިރު އޭގެ ތެރެއިން ހަ ގެއިން ބައެއް ފަހަރު ޕްލާސްޓިކް ކޮތަޅުގަ ހެދިކާ ގަންނަ
ސާވޭގައި ބައިވެރިވި ގޭބިސީތަކުގެ ތެރެއިން 60 ޕަސެންޓު ގެއަށް ހަވީރު ސަޔަށް ހެދިކާ ގެންނަ އިރު، އޭގެ ތެރެއިން 92 ޕަސެންޓު ގެއިން ހެދިކާ ގެންނަނީ ޕްލާސްޓިކް ކޮތަޅުގަ އެވެ. އަށް ގެއަކުން އަމިއްލަ ކޮންޓޭނަރު ގެންދާ ކަމަށް ބުނި އިރު އޭގެ ތެރެއިން ހަ ގެއިން ބައެއް ފަހަރު ޕްލާސްޓިކް ކޮތަޅުގަ ހެދިކާ ގަންނަ ކަމަށް ބުންޏެވެ.
ޕްލާސްޓިކް ކޮތަޅުތަކުގައި ގެއަށް ބޭނުންވާ ސާމާނު އުފުލައިގެން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
ސާވޭއިން ދައްކާ ގޮތުގައި ގޭގައި ބޭއްވޭ ކުދި ޕާޓީތަކުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ތަށި ފަދަ ތަކެތި ބޭނުން ކުރާ މިންވަރު މަދެވެ. މި ތަކެތި ބޭނުން ކުރަނީ ސާވޭގައި ބައިވެރިވި ގޭބިސީގެ 36 ޕަސެންޓެވެ. އެކަމަކު، މި 36 ޕަސެންޓް ގޭބިސީގެ ތެރެއިން 70 ޕަސެންޓް އެ ތަކެތި އެއް ފަހަރު ބޭނުންކޮށްފައި އުކާލަ އެވެ. އެފަދަ ތަކެތި ދޮވެފައި އަލުން ބޭނުން ކުރަނީ ވަރަަށް މަދު ގެއެއްގައިކަން ސިގްސްއިން ފާހަގަ ކުރި އެވެ.
ކޮވިޑްއާ ހެދި ސާވޭ ހެދި ދުވަސްވަރު ހަފްލާތައް މަދުވި ނަމަވެސް، އާންމު ހާލަތުގައި މިއަށް ވުރެ ވެސް އަދަދުތައް އިތުރުވާނެ ކަމަށް ސިގްސްއިން ލަފާ ކުރެ އެވެ.
ގޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް ޕްލާސްޓިކް ކުނި އުފެދޭ ތަކެތީގެ ގޮތުގައި ޔޭޔޭ ކޮފީ ޕެކެޓް، އެއް ފަހަރު ބޭނުންކޮށްލެވޭ ސައިޒުގެ ބަޓަރު އަދި ޖޭމް، ޕްލާސްޓިކް ރެޕް، ކޮފީ ކެޕްސިއުލް ފަދަ ތަކެތި ބޭނުން ކުރާ ވަރު ވެސް މި ސާވޭގައި ބެލި އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުނީގެ ގޮތުގައި އެއްލާލަނީ ޔޭޔޭ ކޮފީ ހުސްކުރި ކުދި ޕެކެޓުތަކެވެ. ސާވޭގެ ބައިވެރިވީ ގޭބިސީގެ ތެރެއިން 44 ޕަސެންޓް ޔޭޔޭ ކޮފީ ބޭނުންކުރާ އިރު މިއިން ކޮންމެ ގެއަކުން އެވެރެޖްކޮށް އަހަރަކު 258 ކުދި ޕެކެޓް އުކާލާ ކަމަށް ސިގްސްއިން އަންދާޒާ ކުރެ އެވެ. އެއީ އަހަރަކު 1.1 މިލިއަން ޔޭޔޭ ކޮފީ ހުސްކުރި ޕެކެޓެވެ.
"ހުޅުމާލޭ ފޭސް އެކެއް ގެ ގޭބިސީތަކަށް ބަލާއިރު އަންދާޒާ ކުރެވެނީ ގާތްގަޑަކަށް އަހަރަކު 1.1 މިލިއަން ޔޭޔޭ ކޮފީޕެކެޓް ކުނީގެ ގޮތުގައި ހަމަ އެކަނި ހުޅުމާލެއިން އުކާލެވިގެންދާނެ ކަމަށް
"ހުޅުމާލޭ ފޭސް 1 ގެ ގޭބިސީތަކަށް ބަލާއިރު އަންދާޒާކުރެވެނީ ގާތްގަޑަކަށް އަހަރަކު 1.1 މިލިއަން ޔޭޔޭ ކޮފީޕެކެޓް ކުނީގެ ގޮތުގައި ހަމަ އެކަނި ހުޅުމާލެއިން އުކާލެވިގެންދާނެ ކަމަށެވެ." ސިގްސްއިން ބުންޏެވެ.
ޕްލާސްޓިކް ކުނި އުފެދޭ އެކި ބާވަތްތައް އަހަރެއް ތެރޭ ގޭބިސީއަކުން ބޭނުންކުރާ މިންވަރު -- ޗާޓް: ސިގްސް
ސާވޭގައި ބައިވެރިވި ގެތަކުގެ ތެރެއިން 60 ޕަސެންޓު ގޭބިސީގައި ބޯން ބޭނުން ކުރަނީ ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނެވެ. އެއީ 19 ލީޓަރުގެ ބޮޑެތި ފުޅިތައް ނުހިމެނޭ ގޮތަށެވެ. ބޯފެނަށް ބަލާ އިރު ސީދާ އިސްކުރުން ސަޕްލައި ފެން ބޭނުން ކުރަނީ އެންމެ 3.8 ޕަސެންޓް ގޭބިސީގަ އެވެ. ބައްތިރީސް ޕަސެންޓް ގޭބިސީން ސަޕްލައި ފެން ފިލްޓާކޮށްގެން ބޭނުން ކުރެ އެވެ. މި އަދަދުތަކަށް ބަލާއިރު އެވްރެޖްކޮށް ގެއަކުން އަހަރަކު 1.5 ލީޓަރުގެ 640 އަށް ވުރެ ގިނަ ފުޅި އަދި ފަސް ލީޓަރުގެ 460 ޕްލާސްޓިކް ފުޅި ބޭނުންކުރާ ކަމަށް ސިގްސްއިން އަންދާޒާ ކުރި އެވެ.
ސިގްސްއިން ބުނި ގޮތުގައި ގިނަމީހުން ގަބޫލުކުރަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދު ކުރެވޭނީ، އަގުހެޔޮކޮށް އަދި ފަސޭހައިން ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ފޯރުކޮށްދެވިގެން ކަމަށެވެ. އަދި ސަރުކާރުން އެކަމަށް މަގުފަހިވާ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކޮށްގެން ކަމަށެވެ. އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން ވެސް އިތުރުކޮށްގެން ކަމަށެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން ދިމާވާ މައްސަލަތައް މުހިއްމު ކަމަށް 68 ޕަސެންޓް ގޭބިސީން ބުނި ނަމަވެސް، ޕްލާސްޓިކާ ދުރުވެ ދެމެހެއްޓިނިވި އާދަތައް ގެންގުޅުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށް ގިނަ ގޭބިސީތަކުން ބުނާ ކަމަށް ސިގްސްއިން ފާހަގަ ކުރި އެވެ.
މި އާދަތައް ގެންގުޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަގުހެޔޮކޮށް އަދި ފަސޭހައިން ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ލިބެން ނެތުން ކަމަށް އެ ގޭބިސީތަކުން ބުނެ އެވެ. ސާވޭގައި ބައިވެރިވި ގެތަކުގެ ތެރެއިން 22 ޕަސެންޓް ފާހަގަކުރިގޮތުގައި ޕްލާސްޓިކާއި ދުރުވާން އުނދަގުލީ ޕްލާސްޓިކް އެއްޗެހި ފަސޭހަން ލިބެން ހުރުމުންނާއި ބޭނުންކުރަން ފަސޭހަކަމުންނެވެ. އަދި 17 ޕަސެންޓް ބުނާ ގޮތުން ޕްލާސްޓިކް ބޭނުން ކުރަނީ އެކަން އާދައަކަށް ވެފައި އޮވެގެންނެވެ.
ޕްލާސްޓިކާ ދުރުވުމަށް ހުރި ގޮންޖެހުންތައް ސިގްސްގެ ސާވޭއިން -- ޗާޓް: ސިގްސް
އެހެން ނަމަވެސް، ސިގްސްގެ ފަރާތުން ތިމާވެށީގެ މާހިރެއް ކަމަށްވާ ޑރ. މިޒްނާ މުހައްމަދު ވިދާޅުވީ، ޕްލާސްޓިކް ކުނި މަދުކުރަން ދިރިއުޅުމަށް ބަދަލު ގެނެވިދާނެ ގޮތްތައް މިހާރު ވެސް އެބަ ހުއްޓެވެ.
މިސާލަކަށް ފެންފުޅި ގަތުމުގެ ބަދަލުގައި އިސްކުރު ފެން ފިލްޓާ ކޮށްގެން ބޭނުން ކުރުން ފަދަ ކަންކަމަކީ ވެސް ޕްލާސްޓިކް ކުނި އުފެދޭ މިންވަރު ދަށް ކުރެވިދާނެ ކަމެއް ކަމަށް ޑރ. މިޒްނާ ވިދާޅުވި އެވެ.
"އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅިއަށް ބަލާއިރު އެވްރެޖްކޮށް ގެއަކުން އަހަރަކު 1.5 ލީޓަރުގެ 640 އަށް ވުރެ ގިނަ ފުޅި އަދި ފަސް ލީޓަރުގެ 460 ޕްލާސްޓިކް ފުޅި ބޭނުންކުރެވޭ
ކޮމްޕޯސްޓްވާ، ނުވަތަ ވެއްޓަށް ގެއްލުން ނުވާ ގޮތަށް ފަނާވެގެންދާ ކޮތަޅު މިހާރު ލިބެން ހުންނަ އިރު، ގޭބިސީތަކުން އެފަދަ ކޮތަޅުތައް ބޭނުން ކުރުމަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުވެ، ކުނި ވަރަށް ބޮޑަށް މަދުކުރެވިދާނެ ކަމެއް ކަމަށް ވެސް ޑރ. މިޒްނާ ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ފޮތި ކޮތަޅު ފަދަ އެއްޗެހި ބޭނުން ކުރުމަކީ ވެސް، އޭނާ ފާހަގަ ކުރި ގޮތުގައި ޕްލާސްޓިކް ކުނި މަދު ކުރެވިދާނެ ކަމެކެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށްވާ ގެއްލުން، ސާވޭގެ ގިނަ ބައިވެރިންނަށް ވަރަށް ރަނގަޅަށް އެނގުނު ނަމަވެސް ޕްލާސްޓިކުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު އެނގެނީ ވަރަށް މަދު ބަޔަކަށް ކަމަށް ސިގްސްއިން ފާހަގަ ކުރި އެވެ. ޕްލާސްޓިކް ކުނި މަދު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ މެދު ހޭލުންތެރިކަން ހުރީ އެކި ފިޔަވަޅުތަކާ މެދު އެކި ވަރަށެވެ.
ރާއްޖެއިން އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 އިން ފެށިގެން ހުއްޓާލުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު މިކަމާ ބެހޭ މައުލޫމާތު، އަދި މިހާތަނަށް އިމްޕޯޓްކުރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތަކާއި ބެހޭގޮތުން 80 ޕަސެންޓް އަށް ވުރެ ގިނަ ގޭބިސީތަކަށް މައުލޫމާތު ލިބިފައިވާ ކަމަށް ސިގްސްއިން ފާހަަގަ ކުރި އެވެ.
ރާއްޖޭގެ ރަށަކަށް ޕްލާސްޓިކް ކުނިތަކެއް ލައްގާފައި: ޕްލާސްޓިކަކީ ބޮޑު ނުރައްކަލެއް --
ޕްލާސްޓިކްގެ ބާވަތްތަކުން ޑިއުޓީ ބޮޑުކޮށް ބަދަލުގައި ބޭނުންކުރެވޭ ތަކެތިން ޑިއުޓީ ލުއިކުރުމާއި، ހޭލުންތެރިކަން އިތުރުކުން އަދި ބަދަލުގައި ބޭނުންކުރާތަކެތި ފަސޭހައިން ފޯރުކޮށްދިނުން ފަދަ ކަންކަން ސަރުކާރުން ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މިކަންކަމާ ބެހޭ މައުލޫމާތު ރަނގަޅަށް އެނގެނީ އެންމެ އެއް ޕަސެންޓް ގޭބިސީއަށެވެ.
މި ސާވޭ އަކީ އެމެރިކާ ސަރުކާރުގެ ހިލޭ އެހީ ޕްރޮގްރާމް، ޔޫއެސް އެއިޑްއިން ހިންގާ ކްލީން ސިޓީސް، ބްލޫ އޯޝަން ޕްރޮގްރާމް (ސިސީބީއޯ) ގެ އެހީގެ ދަށުން ސިގްސްއިން ކުރިއަށްގެންދާ ހޯމް ޕްރޮޖެކްޓުގެ ދަށުން ހިންގި ސާވޭ އެކެވެ. ހޯމް ޕްރޮޖެކްޓުގެ ކުރިއަށް އޮތް ފިޔަވަހީގައި އާންމުކޮށް ބޭނުން ކުރާ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ތަކެއްޗާ ބެހޭ ދިރާސާތައް ވެސް އެ ޖަމިއްޔާއިން ކުރާނެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ތިމާވެށީގެ ހިމާޔަތުގައި ނަމޫނާ ދެމަފިރިން!
ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ހުއްޓާލައިފި
ގެއްލުން ބޮޑަސް ޑިއުޓީ ހިލޭ: މި ކޮތަޅުގެ ހަގީގަތް