Roadha Mihaaru
އަލިމަނިކު ދޫކޮށްލި ގޮތް ސާފުކޮށް ނުދޭތީ މަޖިލީހަށް

އަލިމަނިކު ދޫކޮށްލި ގޮތް ސަރުކާރުން ސާފުކޮށް ނުދޭތީ މަޖިލީހަށް

25 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން، ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރާ އަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަ ނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން، ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރާ އަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަ ނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މެއި، 2021 ގައި ނަޝީދަށް ދިން ހަމަލާއަށް ފަހު ހިންގި އޮޕަރޭޝަންގައި އަލިމަނިކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ޓެރަރިޒަމްގެ އެހެން ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދަބު ލުއިކޮށްދީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވި ސިޓީގައިވަނީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރު ކަމަށް ވިޔަސް، އެކަމާބެހޭ ރިޕޯޓް ކަރެކްޝަންސްއިން ހަދާފައިވަނީ ސެޕްޓެމްބަރު، 2021 ގައި ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދެ ފަހަރަށް ރައީސް އޮފީހުގައި އެދުމުން ވެސް ޖަވާބެއް ދީފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެހެންވެ، އެކަމުގައި ރައީސް އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހަމަޖައްސަައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.

އަލިމަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދާއިރު، އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.