Roadha Mihaaru
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ: އަސްލަމް

06 މެއި 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މޭ 6، 2021 ވަނަ ދުވަހުގެ ރޭ ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލަ އަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަވަސް ކުރަންޖެހޭ ކަމަށާއި ޝަރީއަތްތައް ނިންމުން މުހިންމު ކަމަށެވެ.

"މަޖިލީހުގެ ނަމުގައި އެދެނީ އެކަމާ ގުޅޭ ގޮތުން ތައްޔާރުކޮށް އާންމު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަށް ފުރިހަމަ އަށް އަމަލު ކުރުން،" އަސްލަމް ވިދާޅުވި އެވެ.

ރާއްޖެއިން ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނައްތާލަން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.

ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.