Roadha Mihaaru
ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކުރުސީ ހޯދަނީ

ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކުރުސީ ހޯދަން ތަހުގީގެއް

26 އެޕްރީލް 2023

ޓުވިޓާގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓަކާ ހެދި ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓުވިޓާގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓަކާ ހެދި ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.

ކުރުސީއަކީ ނަޝީދު ކަމަށް ހީކޮށް އަރާފައިވާ އޮޅުންތަކާ ހެދި އިންތިހާ އަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ނަޝީދު ފުލުސް އޮފީހުގައި އެދިވަޑައިގަތީ އެ އެކައުންޓުގެ ވެރިފަރާތް ހޯދައިދެއްވުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރުސީއަކީ ކާކުކަން ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފޮރުވިގެން ތިބެ، ތުހުމަތު އަޅުވައި އަބުރުކަތިލަން ޓުވިޓާގައި ބޭނުންކުރަމުން އަންނަ އެކައުންޓްތަކުގެ ތެރެއިން ކުރުސީ ފާޅުވީ 2022ގަ އެވެ. ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފަ އެވެ.

ނަޝީދުގެ ކެމްޕޭން ހަފުލާއެއްގައި ސަޕޯޓަރުން: ކުރުސީއަކީ އެމަނިކުފާނު ނޫން ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުން.

ނަޝީދުގެ ކެމްޕޭން ހަފުލާއެއްގައި ސަޕޯޓަރުން: ކުރުސީއަކީ އެމަނިކުފާނު ނޫން ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުން.

އޭގެތެރޭގައި ނަޝީދު ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވާހަކަތަކުގެ އިތުރަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ކޮޅަށް ބުރަވެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި އެވެ. މި ތުހުމަތުތަކާ ހެދި ސިޔާސީ ގިނަ ބޭފުޅުން އެއީ ނަޝީދު ކަމަށް ތުހުމަތު އެޅުވި އެވެ.

ނަޝީދުގެ ކެމްޕޭނާއި ގިނަ ހަރަކާތްތަކެއްގެ މައުލޫމާތު ވެސް ގެނައި އެކައުންޓަކީ ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނެއް ނޫނެވެ.

"ހަސަން ކުރުސީއަކީ އަޅުގަނޑުގެ ބައެއް ލިއުންތަކުގެ ހަގީގީ-ހިޔާލީ ޝަހުސެއް. އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން،" މި އެކައުންޓު އެމަނިކުފާނާ ގުޅުވާތީ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު އެ ދިފާއު ގަބޫލުނުކޮށް، އެއީ އެކަކަށް ވުރެން އިތުރަށް ނަޝީދާ އަރިސް އެކި ބޭފުޅުން ޓުވީޓްކުރައްވާ އެކައުންޓެއް ކަމަށް އަދިވެސް ތުހުމަތުކުރެ އެވެ. ތަހުގީގުކޮށް ސާބިތުނުވާ ކަންކަމުގެ މައްޗަށް އެކި މީހުންނާ މެދު އަޅުވާ އިލްޒާމާއި އުފައްދާ ނަފްރަތު ސީދާ ނަޝީދާ ގުޅުވައި އެމަނިކުފާނަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެނެވެ.

ކުރުސީ ހޯދަން ނަޝީދު ޕޮލިހަށް ހުށަހެޅުއްވި ފަހުން، އެ އެކައުންޓުން އަންނަނީ މި ސަރުކާރަށް ހިޔާނާތުގެ ތުހުމަތު އަޅުވައި ބައެއް ލިއުންތައް އާއްމުކުރަމުންނެވެ. އޭގެތެރޭގައި ފެނަކަ އާއި އައިޖީއެމްއެޗުން ހިންގާ ކޮރަޕްޝަން ކަމަށް ލިއުންތަކެއް އާއްމުކޮށްފައިވެ އެވެ. ޗާގޯސްގެ މައްސަލާގައި ދިވެހި ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީކަމަށް ބުނެ ވެސް ލިއުމެއް އާއްމުކުރި އެވެ. އެކަމަކު އެ އެކައުންޓުން ފަތުރަނީ ސައްހަ ލިއުމެއް ނޫން ކަަމަށް ރައީސް އޮފީހުން މީޑިއާތަކަށް ބުނެފައިވެ އެވެ.