Roadha Mihaaru
ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް

ފަންޑުކުރިތޯ ބަލަން ތަހުގީގު ހިންގީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް: އައްބާސް

06 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގު ހިންގާފައިވަނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގު ހިންގާފައިވަނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމަލީ ގޮތުން ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމަކު ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން އެ ބަޔާނުގައި ފާޅުކޮށްފައިވެ އެވެ. ފަންޑުކުރި މީހުން ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ފުލުހުންގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ތަފްސީލީ އަދި ފަރުވާތެރި ތަހުގީގެއް ހިންގަންޖެހޭ." އެ ހަމަލާއާ ގުޅޭ ކަންކަން ބެލުމަށް ރައީސް އައްޔަން ކޮށްފައިވާ މަންދޫބު އައްބާސްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެއްބާރުލުން ވެސް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފުލުހުންނަށް ލިބެމުންދެ އެވެ. އަދި ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވޭތޯ ޕީޖީ އޮފީހުން ވަރަށް ރަނގަޅަށް ބަލައި، ކަށަވަރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް ޝަރީއަތްތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އެ ބަޔާނުގައި ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންވެ، އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.