Roadha Mihaaru
ވެމްކޯއިން ކޮތަޅު ޑެލިވަރީކޮށްދޭނީ 24 ބޮނޑި ގަތުމުން

ވެމްކޯއިން ކޮތަޅު ޑެލިވަރީކޮށްދޭނީ 24 ބޮނޑި ގަންނަ ނަމަ

27 އެޕްރީލް 2023

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ބޮޑުވެ ކުނި އަޅާ ކޮތަޅުގެ އަގު ވެސް އުފުލިގެން ދިއުމުން އެކަން ހައްލު ކުރުމަށް ވެމްކޯ އިން ވިއްކާ ކޮތަޅު ހިލޭ ޑެލިވަކޮށްދޭނީ ގިނައިން ގަންނަ މީހުންނަށް ކަމަށް އެ ކޯޕަރޭޝުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ބޮޑުވެ ކުނި އަޅާ ކޮތަޅުގެ އަގު ވެސް އުފުލިގެން ދިއުމުން އެކަން ހައްލު ކުރުމަށް ވެމްކޯ އިން ވިއްކާ ކޮތަޅު ހިލޭ ޑެލިވަކޮށްދޭނީ ގިނައިން ގަންނަ މީހުންނަށް ކަމަށް އެ ކޯޕަރޭޝުން ބުނެފި އެވެ.

ވެމްކޯއިން ވިއްކާ ކޮތަޅު ޕްރީ-އޯޑާ ކުރުމުން ޑެލިވަރީ ހިދުމަތް ދޭން ނިންމައި އެކަން އިއުލާނުކުރުމާ އެކު އާންމުން ގެންދަނީ އެއްފަހަރާ 24 ބޮނޑި ކޮތަޅު ގަންނަން ޖެހެނީ ކަމަށް ބުނެ ޝަކުވާކުރަމުންނެވެ.

ވެމްކޯއިން ބުނީ 24 ބޮނޑި ކޮތަޅު އެއީ ހިލޭ ޑެލިވަރީ ލިބޭ އަދަދު ކަމަށާއި އެއީ ވިޔަފާރިތަކަށް ހާއްސަކޮށް އަގު ހެޔޮކޮށް ލިބޭނެ ގޮތަށް ވިއްކާ ކޮތަޅު ކަމަށެވެ. މިގޮތަށް އޯޑަރުކުރުމުން ޑިސްކައުންޓް ލިބި ކޮތަޅު އަގު ހެޔޮވާނެ ކަމަށާއި އެއީ ފިހާރަތަކުން ހެޔޮ އަގުގައި އާންމުންނަށް ލިބޭނެ ގޮތް ހަދަން ކަމަށް އެތަނުން ބުންޏެވެ.

ގިނައިން ކޮތަޅު ގަތުމުން ތިން ދުވަސް ތެރޭ ޑެލިވަކޮށްދޭން ފަށާފައި ވާއިރު، ހެނދުނު 11:00 އިން މެންދުރު ފަހު 3:00 އަށް ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަ ފްރޮންޓް އޮފީސްތަކުން އާންމުންނަށް ވެސް ކޮތަޅު ވިއްކަން ވަނީ ފަށައިފަ އެވެ.

ވެމްކޯއިން ވިއްކާ ކޮތަޅު ބޮނޑިއެއް.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ވެމްކޯއިން ވިއްކާ ކޮތަޅު ބޮނޑިއެއް.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ވެމްކޯއިން އަންނަނީ ދެ ވައްތަރެއްގެ ކޮތަޅު ވިއްކަމުންނެވެ. އެއީ ކުނިވާޒާތުގެ ބާތްތައް އެޅުމަށް ހާއްސަ ފެހި ކޮތަޅާއި އެހެނިހެން ބާވަތްތައް އެޅުމަށް ކަޅު ކޮތަޅެވެ. ކުނި އެޅުމަށް ހާއްސަ ތިން ސައިޒެއްގެ ކޮތަޅު އެ ކޯޕަރޭޝަނުން ވިއްކަ އެވެ. އާއްމު ސައިޒު ނުވަތަ L ސައިޒު [17 އިންޗީ ދިގު] ގެ ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެ އެވެ. އޭގެ އަގަކީ 35ރ. އެވެ. ސައިޒު XXL [27 އިންޗި ދިގު]ގެ 100 ކޮތަޅުގެ ބޮނޑިއެއް 165ރ. އަދި XXXL [48 އިންޗީގެ] ގެ 50 ކޮތަޅު ބޮނޑިއެއް ވެސް ވިއްކަން ހަމަޖައްސާފައިވަނީ 165ރ. އަށެވެ.

ކޮތަޅުގެ މައްސަލަ ބޮޑުވީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުންނެވެ. ކުނި އުކަން ބޭނުންކުރާ ކޮތަޅުން މި ފީ އިސްތިސްނާ ވިޔަސް ޖުމްލަކޮށް ކޮތަޅުގެ އަގު އުފުލިގެން ދިއުމުން ކޮތަޅަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެގެން ދިޔައީ އެވެ. މިއީ ގާނޫނުގެ އޮތް ގޮތުން ދިމާވި މައްސަލައެއް ކަމަށް ވާތީ އެކަން އިސްލާހުކުރަން ވަނީ ހުށަހަޅައިފަ އެވެ.