Roadha Mihaaru
ޔާމީނަށް ފުރުސަތު ނުލިބޭތީ ޝަރީއަތް ފަސްކޮށްފި

ފުއްގިރި މައްސަލަ: ޔާމީނަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ ޝަރީއަތް ފަސްކޮށްފި

27 އެޕްރީލް 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

އެ މައްސަލައިގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު އަޑުއެހުމެއް ތާވަލް ކުރިޔަސް، ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ޔާމީން ޖަލުގައި ބައްދަލު ކުރުމަށާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަކީލުންގެ އެހީތެރިކަން ލިބުމަކީ އަސާސީ ހައްގެއް ކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވީ ޖަލުގައި އެކަށީގެންވާ ވަރަކަށް ވަކީލުންނާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ޔާމީން އެދިވަޑައިގަންނަވާ ގޮތަށް އެ ފުރުސަތު ފަހިކޮށްދޭން ދައުލަތަށް އަންގާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވުމުން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ބައި މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ ގާޒީ ނަދީމް ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ އަޑުއެހުންތައް ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ. އެއީ ލައިވްކޮށްފި ނަމަ ހެކިބަސް ހެދުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ޔާމީން ވަނީ ގާޒީ އެ ނިންމުން ބަދަލު ކުރައްވައި، ހެކިބަސް ނެގުމުގެ މަރުހަލާ ލައިވްކުރަން އެދިވަޑައިގެންފަ އެވެ. އަދި އެ މަނިކުފާނަކީ އެތައް ހާސް ދިވެހިންގެ ފަރާތުން އަޑުއުފުލާ ބޭފުޅަކަށް ވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވްކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެ ނިންމުން ފަހުން މުރާޖައާ ކުރެވިދާނެ ކަމަށެވެ.

ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.