Roadha Mihaaru
މަޖިލިސް ޗުއްޓީއަށް، ކޮތަޅުގެ މައްސަލަ ހައްލު ނުކުރި!

މަޖިލިސް ޗުއްޓީއަށް ދިޔައީ ކޮތަޅުގެ މައްސަލަ ހައްލު ނުކޮށް!

27 އެޕްރީލް 2023

ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ ގޮތަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ ގޮތަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްނުކޮށް ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެ އެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ދެވަނަ ފަހަރަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލިހުގައި އިއްވާފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބިލާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެކަމަކު، ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަންގާރަ ދުވަހު އަމަލު ކުރަން ފެށުމުން އޭގައި ހުރި މައްސަލަތައް އާންމުންނާ ހަމައަށް ތިލަވެ، ކުރިމަތިވި ފާޑުކިޔުންތަކާ އެކު، މިދިޔަ ހޯމަ ދުވަހު ވަނީ އެ ބިލުގެ ބަހުސް ފަށައިފަ އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުން މަސައްކަތް ކުރެއްވީ މި ދައުރު ނިމުމުގެ ކުރިން އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ނިންމާލުމަށެވެ. އެހެންވެ، އަވަސް ކުރުމަށް ބައެއް މެންބަރުން ވަނީ ބަހުސް ކުރުމުގެ ފުރުސަތު ދޫކޮށްލައްވައިފަ އެވެ. ހިޔާލު ފާޅުކުރެއްވި މެންބަރުން ވެސް ވާހަކަ ކުރުކޮށްލެއްވި އެވެ.

ނަމަވެސް ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ހުރީ އެ ބިލުގެ މަސައްކަތް އަވަސް އަރުވައި ނުލުމަށެވެ. ބަހުސް ކުރަން އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވުމަށް ނަޝީދު ނިންމެވި އެވެ.

"ބައެއް ބޭފުޅުން މި ވިދާޅުވަނީ 50 މީހުންގެ ރީޓުވިޓާ އެކީ އޮތް ޓުވީޓެއް ފެނުނީމަ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވީއޭ، އެހެންވެ އެކަމަށް މަޖިލިސްތައް ކުރިޔަށް ގެންގޮސްގެން ކުރިޔަށް ނިންމަން ޖެހޭނޭ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީކީ އަވަސްކޮށް ނިންމަން ޖެހޭ ކަމެއް ނޫން. ފުންކޮށް ވިސްނަން ޖެހޭ ކަމެއް،"

ނަޝީދު ވަނީ މިއަދު އެ ބިލު ކޮމިޓީ އަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާާޅުވެފަ އެވެ.

ނަމަވެސް ބައެއް މެންބަރުން ބަހުސް ކުރަން އެދިފައިވާތީ އެ ބިލް ކޮމިޓީ އަށް ވެސް ފޮނުވަން ނުނިންމާ މަޖިލިސް ނިންމާލި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލި އިރު ގިނަ ބިލުތަކެއް އަދިވެސް ކޮމީޓީގައި އަދި ބަހުސް ކުރުމުގެ މަރުހަލާގައި ވެސް އެބަހުއްޓެވެ. މީގެ ކުރިން ޗުއްޓީ އަށް ދިޔުމުގެ ކުރިން މަޖިލީހުން ކުރި މަސައްކަތްތަކުގެ ހުލާސާއެއް ރިޔާސަތުން އިއްވަ އެވެ. އެހެން ނަމަވެސް މިއަދު އެފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.