Roadha Mihaaru
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާކަމުގެ އިޝާރާތެއް

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

24 ޖެނުއަރީ 2017

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްވައިފި އެވެ.

ޒަމާނީ ފެންވަރަށް، ފ. މަގޫދޫގައި އިމާރާތް ކުރި މަސްޖިދުއްތަގުވާ މިސްކިތް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުން ސައުދީ ރަސްގެފާނު ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާކުރައްވަމުން ކަމަށެވެ. ދިވެހި ގައުމާއި ރައްޔިތުންނަށްޓަކައި ސައުދީ ރަސްގެފާނުގެ ހިތްޕުޅުގައި އޮތް ލޯތްބެއްގެ ސަބަބުން ބަހައްޓަވާ ގާތް ކަމާއި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ރައީސް ޔާމީން ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑުމެން އިންތިޒާރުކުރަމުން މިގެންދަނީ އަޅުގަނޑުމެންނާ އަނެއްކާވެސް ރަސްގެފާނު ބައްދަލުވެ، އަޅުގަނޑުމެންނަށް އެމަނިކުފާނަށް އެދެވޭ ގޮތެއްގައި މަރުހަބާ ދެންނެވޭނެ ދުވަހަކަށް. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މި އިންތިޒާރު ވެސް އަޅުގަނޑުމެންނަށް ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެން އެދޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ނަމަ، މިއީ ރަސްކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޗުއްޓީ ހޭދަކުރައްވަން ރާއްޖެ ވަޑައިގެންނެވި އެވެ.

ރަސްގެފާނުގެ ދައުވަތަކަށް މިދިޔަ އަހަރު ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވ އެވެ. އެ ދަތުރުފުޅުގައި، ރާއްޖެ އަށް ގިނަ އެހީތަކެއް ދެއްވަން ސައުދީ ރަސްގެފާނު ނިންމެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވި މަޝްރޫއުތައް ކުޑަކޮށް މަޑުޖައްސާލާފައި އޮތީ ރާއްޖޭގައި އޮތް ހަލަބޮލި ސިޔާސީ މަސްރަހާ ހެދި ކަމަށެވެ. އެއީ، ހަގީގަތް ކަމަށާއި އެ ހަގީގަތް ރައްޔިތުންނާ ހިއްސާކުރަން އެމަނިކުފާނު ޖެހިލުންވެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ސައުދީން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއާއެކު އެ އަތޮޅު މުޅި ދުނިޔެއަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމާ ގުޅިފައިވާ އެ މަޝްރޫއުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ފ. އަތޮޅަށް އެފަދަ ތަރައްގީ ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއާ ގުޅިފައި ވަނީ، ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމާންކަމެވެ. ރައްޔިތުން އެދޭ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، ގައުމުގައި އަމާންކަން ގާއިމްވެފައި އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ކަންކަން އެމަނިކުފާނު ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރައްވައި އެ މަސައްކަތްޕުޅުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންނެވި އެވެ.