Roadha Mihaaru
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި

ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވުމުން އެމްޑީޕީން މަރުހަބާ ކިޔައިފި

17 މާޗް 2017

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރެއްވުމުން އިދިކޮޅު އެމްޑީޕީން މިއަދު މަރުހަބާ ކިޔައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރެއްވުމުން އިދިކޮޅު އެމްޑީޕީން މިއަދު މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ސައޫދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތައް ހޫނުވެފައިވާ ދުވަސްވަރެއްގަ އާއި ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކައެއްގެ އޯޑިއޯ ލީކްވެފައިވާ ދަނޑިވަޅެއްގައި ސަލްމާން ރަސްގެފާނު ރާއްޖެ ވަޑައިގަތުމަކީ މިވަގުތަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އިނގިރޭސި ބަހުން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސައޫދީން ފ. އަތޮޅުގައި ހިންގަން އުޅޭ ޕްރޮޖެކްޓް އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރަށާއި ޝާހީ އާއިލާ އަށް ގޮވާލައިފަ އެވެ. އަދި ބޭރުގެ ބަޔަކަށް ފ. އަތޮޅު ވިއްކާލުމުން ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި ފ. އަތޮޅުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ "މަނީ ލޯންޑްރިން" އާއި ކޮރަޕްޝަނާއި ފަސާދަ އަށް އިތުރު ކުރެވޭ ބޮޅެކެވެ.

ސައޫދީ ރަސްގެފާނު ސަލްމާން މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކުއްލި ގޮތަކަށް ފަސްކުރެއްވީ، ދިވެހި ސަރުކާރުން ބުނި ގޮތުގައި، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެންނެވެ. މި ދަތުރުފުޅު ފަހުގެ ތާރީޚަަކަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏަސް، ރަސްގެފާނު ވަޑައިގަންނަވާނެ ތާރީޙެއް އަދި ހާމައެއް ނުކުރެ އެވެ.

ސަލްމާން ރަސްގެފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ވަރަށް ގިނަ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވާތީ، މާލޭ ރަސްމީ ފާލަން ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އަދި މީގެ ތިން ދުވަސްކުރިން ފެށިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވެސް ވަނީ ބަލަހައްޓަން ފަށައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނާއި ވަފުދު ތިއްބެވުމަށް ދެ ރިސޯޓް ހަމަޖައްސައި އެ ބޭފުޅުންނަށް ބޭނުންވާ ވަރަށް ގިނަ މުދާ ވެސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ސައޫދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ.

އެމްޑީޕީން ވަނީ ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ބަޔަކާ މަޝްވަރާ ކުރަމުން ދާނަމަ، އެކަމާ ގުޅޭ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެ އެވެ.